Ads by Farudhun

ޚަބަރު

ޒަމާނީ ބަދަލުތަކާއެކު މޫސުން އެޕްލިކޭޝަން އިފްތިތާހުކޮށްފި

ޒަމާނީ ބަދަލުތަކާއެކު މޫސުން އެޕްލިކޭޝަން އިފްތިތާހުކޮށްފި

މޫސުން އެޕްލިކޭޝަން އިފްތިތާހުކުރުން / ފޮޓޯ: މޫސުމާ ބެހޭ ވުޒާރާ

farudhun logo

ފަރުދުން

08 ނޮވެމްބަރު 2026، 09:22

08 ނޮވެމްބަރު 2026، 09:22

މޫސުމާ ގުޅޭ މަޢުލޫމާތު ވަގުތުން ވަގުތަށް ލިބޭނެހެން، ޒަމާނީ ގިނަ ބަދަލުތަކަކާއެކު މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) ގެ "މޫސުން އެޕްލިކޭޝަން" އަދި އައު ވެބްސައިޓް މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މިއަދު މީރުމާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެޕްލިކޭޝަނާއި ވެބްސައިޓް އިފްތިތާހުކޮށްދެއްވީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު އަލީ ޝަރީފެވެ.

"މޫސުން އެޕްލިކޭޝަން"އަކީ މޯބައިލް ފޯނު މެދުވެރިކޮށް ކޮންމެ ވަގުތަކުވެސް މޫސުމާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ފަސޭހަކަމާއެކު ބަލާލެވޭނެހެން ފަރުމާކޮށްފައިވާ އެޕެކެވެ. މެޓް އޮފީހުން ވިދާޅުވި ގޮތުގައި، މި އެޕްލިކޭޝަނުން ދިވެހި ބަހުންނާއި އިނގިރޭސި ބަހުންވެސް މަޢުލޫމާތު ލިބެން ހުންނާނެއެވެ. މީގެކުރިން ބޭނުންކުރި އެޕްލިކޭޝަނުގައި މޫސުމީ މަޢުލޫމާތު ލިބެނީ ރާއްޖޭގެ އެންމެ 5 ސްޓޭޝަނަކުން ކަމަށް ވިޔަސް، އަލަށް ގެނެވުނު ބަދަލުތަކާއެކު މީހުން ދިރިއުޅޭ ރަށްރަށާއި، އިންޑަސްޓްރިއަލް ރަށްތަކާއި، އެއާޕޯޓުތައް އަދި ފަޅުރަށްތައް ހިމެނޭހެން ޖުމްލަ 516 ސަރަހައްދެއްގެ (ފޯކާސްޓް ޕޮއިންޓް) މޫސުމާ ގުޅޭ ތަފްސީލީ މައުލޫމާތު މިހާރު ލިބިގެންދާނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު އަލީ ޝަރީފް ވިދާޅުވީ، އިފްތިތާހު ކުރެވިގެންދިޔަ އެޕާއި ވެބްސައިޓްގެ މައިގަނޑު މަގުސަދަކީ އާންމުންނަށް ބޭނުންކުރުމުގައި ލުއިފަސޭހަ، އަދި ދުވަހުން ދުވަހަށް މޫސުމާ ގުޅޭ އެންމެ ސައްހަ އަދި ތަފްސީލީ މައުލޫމާތު ފަސޭހަކަމާއެކު ހޯދޭނެ ފުރިހަމަ ވަސީލަތެއް ފޯރުކޮށްދިނުން ކަމަށެވެ. އަދި މިއީ ދިވެހި ޓީމެއްގެ ބުރަ މަސައްކަތުން ނެރެދީފައިވާ ފަޚުރުވެރި އުފެއްދުމެއްކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. މި މަސައްކަތުގައި ޗައިނާ ސަރުކާރުގެ އިތުރުން ޔޫއެންޑީޕީ ގެ ފަރާތުން ބޮޑެތި އެހީތެރިކަން ވަނީ ލިބިފައެވެ.

ޒަމާނީ ފެންވަރަށް ތައްޔާރުކުރެވިފައިވާ މި އެޕްލިކޭޝަން މެދުވެރިކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ލަފާކުރާގޮތް ކޮންމެ 3 ގަޑިއިރަކުން އަޕްޑޭޓުވަމުންދާނެއެވެ. މީގެއިތުރުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބެހެއްޓިފައި ހުރި ވެދަރ ރާޑަރު ސިސްޓަމްތައް މެދުވެރިކޮށް، ވަގުތުން ވަގުތަށް މޫސުން ހުރިގޮތް ދެނެގަތުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.



މޫސުމީ ކާރިސާތަކާއި ނުރައްކާތެރި ހާލަތްތަކުގައި އާންމުންނަށް އަވަހަށް މައުލޫމާތު ފޯރުކޮށްދިނުމަކީ މި އެޕްލިކޭޝަންގެ މުހިންމު ބޭނުމެކެވެ. އެގޮތުން ނެރޭ އެލަރޓްތަކުގެ މަޢުލޫމާތާއި، ރާޑަރ އަދި ސެޓެލައިޓް ފޮޓޯތަކުގެ އިތުރުން ބިންހެލުމާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތުވެސް މި އެޕް މެދުވެރިކޮށް ވަގުތުން ބަލާލެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

މިއީ ރާއްޖޭގެ ދަތުރުފަތުރާއި، ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ކާރިސާތަކުން ދުރާލައި ރައްކާތެރިވުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450