ޚަބަރު
ފުލުހުން ވާންޖެހޭނީ އިލްމީ ދިރާސާތަކުން ވެސް ނަތީޖާ ނެރޭ ބަޔަކަށް: ސީޕީ
ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު މުޙައްމަދު ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: ޕޮލިސް
ދިވެހި ފުލުހުންނަކީ ހަމައެކަނި އަމަލީ މައިދާނުގައި ހަރަކާތްތެރިވާ ބައެއްގެ ބަދަލުގައި، އިލްމީ ދިރާސާތަކުގެ އަލީގައި ނަތީޖާ ނެރޭ "އިންޓެލެކްޗުއަލް ޕްރެކްޓިޝަނަރުން" ނަށް ވާންޖެހޭ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ މިހެން ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތުން 2027 ވަނަ އަހަރަށް ކަނޑައަޅާ އިސްކަންދޭ ދާއިރާތަކާއި އަހަރީ އެކްޝަން ޕްލޭން އެކުލަވާލުމަށް އަމާޒުކޮށް އިސްކަންދަރު ކޮށީގައި މިއަދު ފެށި "އެންސީޕީއެލްއީ އެނުއަލް ޕޮލިސިންގ ކޮންފަރެންސް 2026" ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސީޕީ ވިދާޅުވީ، ފުލުހުންގެ ޚިދުމަތަކީ ހަމައެކަނި ޖިސްމާނީ ބާރު ބޭނުންކުރުމާއި މަގުމަތީގައި ތިބޭ ތިބުމަށް އެކަނި ބިނާވެފައިވާ ކަމެއް ނޫން ކަމަށާއި، ކުށް މަދުކުރުމަށް ހަމައެކަނި ބާރުގެ ބޭނުންކުރި ޒަމާން މިހާރު މާޒީވެ ގޮސްފައިވާ ކަމަށެވެ. މިއަދުގެ ޒަމާނީ ފުލުހުންގެ މަސައްކަތް ބިނާވެގެންވަނީ ކުށް ހިންގުމުން ހަމައެކަނި އެކަމަށް ރެސްޕޮންޑްކޮށް ތަހުގީގު ކުރުމުގެ މައްޗަށް އެކަނި ނޫން ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
އޭގެ ބަދަލުގައި، މުޖުތަމައުގައި ކުށް އުފެދެން މެދުވެރިވާ އިޖުތިމާއީ، އިގުތިސާދީ އަދި ނަފްސާނީ އަސްލު ސަބަބުތައް ދެނެގަތުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވަމުން ސީޕީ ވިދާޅުވީ، މިފަދަ މައްސަލަތަކުގެ އަޑިއަށް ވާސިލުވެވެނީ އެކަޑެމިކް ރިސާޗާއި "އެވިޑެންސް ބޭސްޑް ޕޮލިސިންގ" ތިއަރީތައް އަމަލީ މައިދާނުގައި ތަންފީޒުކޮށްގެން ކަމަށެވެ.
މީގެއިތުރުން، މިއަދުގެ ގާބިލު ފުލުހެއްގެ ކިބައިގައި މުހިންމު ތިން އަސާސެއް ފުރިހަމަވާންޖެހޭނެ ކަމަށް ސީޕީ ވިދާޅުވިއެވެ. އެއީ އިލްމީ ގާބިލުކަމާއި، ނަފްސާނީ ދުޅަހެޔޮކަމުގެ އިތުރުން ވިސްނުންތޫނުކަމާއެކު ޖިސްމާނީ ދުޅަހެޔޮކަން ހުރުމެވެ. އެހެންކަމުން، ކޮންމެ ފުލުހަކީވެސް އިލްމީ ވިސްނުމުގެ އަލީގައި އަމަލީ މައިދާނުގައި ނަތީޖާ ނެރޭ ފަންނީ މީހަކަށް (އިންޓެލެކްޗުއަލް ޕްރެކްޓިޝަނަރ އަކަށް) ވާންޖެހޭ ކަމަށް ވިދާޅުވިއެވެ.
ކޮމިޝަނަރ އިތުރަށް ވިދާޅުވީ، މި މަހާސިންތާގެ ތެރެއިން ހުށަހެޅިގެންދާ ދިރާސީ ކަރުދާސްތަކަކީ ހަމައެކަނި އިލްމީ ބަހުސެއްގެ ގޮތުގައި ނިންމާލާނެ އެއްޗެއް ނޫން ކަމަށެވެ. އަދި މި ކަރުދާސްތަކުން ލިބޭ މައުލޫމާތާއި ހޯދުންތަކަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ 2027 ވަނަ އަހަރުގެ އެކްޝަން ޕްލޭނާއި ކުރިމަގުގެ ސްޓްރެޓީޖިކް މިސްރާބު ބައްޓަންކުރުމުގެ މައިގަނޑު އަސާސް ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.
"ފްރޮމް ނޮލެޖް ޓޫ އެކްޝަން: ބިލްޑިންގ ސޭފަރ ކޮމިއުނިޓީސް ޓުގެދަރ" ގެ ޝިއާރުގެ ދަށުން ނޮވެމްބަރު 8 އިން 10 އަށް ކުރިއަށްދާ މި ކޮންފަރެންސަކީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް އަދި ސްޓްރެޓީޖިކް ޕްލޭނިންގ އެންޑް ލީގަލް ސަރވިސަސް ގުޅިގެން، ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އަދި ކޮމިޝަނަރ އޮފް ޕޮލިސްގެ އިސްނެންގެވުމަށް ބާއްވާ ކޮންފަރެންސެކެވެ.