ޚަބަރު
މާދަމާރޭ އޮންނަ "އަހާ ފޯރަމް" ގައި ހަތަރު ވަޒީރަކު ބައިވެރިވެވަޑައިގަންނަވާނެ
އަހާފޯރަމްގެ 11 ވަނަ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުން---
ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށާއި ސުވާލުކުރުމަށް ފުރުޞަތު ދިނުމުގެ ގޮތުން ސިލްސިލާކޮށް ކުރިއަށްގެންދާ "އަހާ" ފޯރަމްގެ 11 ވަނަ ބައްދަލުވުން މާދަމާ ރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މި ފޯރަމަކީ ސަރުކާރުގެ އެކި ވުޒާރާތަކާއި އިދާރާތަކުން ކުރަމުންދާ މަސައްކަތްތައް ވީހާވެސް ތަފްޞީލުކޮށް ރައްޔިތުންނާ ހަމައަށް ގެނެސްދީ، ދާއިރާތަކުގެ މަސްޢޫލުވެރި އެންމެ އިސް ފަރާތްތަކާ ސުވާލުކޮށް، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތަކަށް ސީދާ ޖަވާބު ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޤުޞަދުގައި ބާއްވަމުން އަންނަ ފޯރަމެކެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ކުރިއަށްގެންދާ ޕްރޮގުރާމެކެވެ.
މާދަމާ ރޭ 9:00ގައި ފެށުމަށް ހަމަޖެހިފައިވާ މި ފޯރަމްގައި ސަރުކާރުގެ ކެބިނެޓުގެ ހަތަރު ވަޒީރަކު ބައިވެރިވެވަޑައިގަންނަވާނެއެވެ. އެގޮތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުންނަކީ:
- އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
- ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު، ޑރ. ޢަބްދުﷲ މުއްޠަލިބު
- ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު، ޑރ. އިސްމާޢީލް ޝަފީޢު
- ޚާރިޖީ ވަޒީރު، އިރުތިޝާމް ޢާދަމް
މި ފޯރަމްގެ ތެރެއިން ވަޒީރުންގެ ދާއިރާތަކާ ގުޅޭގޮތުން ޢާންމު ރައްޔިތުންނަށް ސީދާ ސުވާލުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި ފޯނުގެ ޒަރީއާއިންނާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް ސުވާލު ފޮނުވުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
"އަހާ" ފޯރަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ދެފުށް ފެންނަ ސިޔާސަތުގެ ދަށުން، ސަރުކާރު ޖަވާބުދާރީ ކުރުވުމަށާއި ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމަށްޓަކައި ޚާއްޞަ އިސްކަމެއް ދީގެން ބާއްވަމުން އަންނަ ސިލްސިލާ ފޯރަމެކެވެ.