ޚަބަރު
ބުރުނީ ބަނދަރު އަޕްގްރޭޑްކުރުން: އެއްގަމުތޮށި އެޅުމުގެ މުހިންމު މަރުޙަލާއެއް ފަށައިފި
ބުރުނީ ބަނދަރު އަޕްގްރޭޑްކުރުން. ފޮޓޯ:އެމްޓީސީސީ
ތ. ބުރުނީ ބަނދަރު އަޕްގްރޭޑްކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކްތައް އެރަށަށް ގެންގޮސް، ތޮށީގެ މައިގަނޑު އޮނިގަނޑު ވަރުގަދަކުރުމުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ. މި މަޝްރޫޢަކީ 33.72 މިލިއަން ރުފިޔާގެ އަގުހުރި މަޝްރޫޢެކެވެ.
އެއްގަމުތޮށީގެ އޮނިގަނޑު ވަރުގަދަކުރުމަށްޓަކައި މިހާރު ކުރިއަށްދަނީ "އެލް ސެކްޝަން" ގާއިމުކުރުމުގެ މަރުޙަލާއެވެ. މިގޮތުން އެއްގަމުތޮށި ފަހަތަށް ހިފަހައްޓައިދޭ ޕްރީކާސްޓް އާރްސީ އެންކަރ ބްލޮކްތައް ބެހެއްޓުމާއި، ބަނދަރުގެ ތޮށިގަނޑު އެތެރެއަށް ދެމިގެންދިޔަނުދީ އެންކަރ ބްލޮކްތަކާ ގުޅުވައިދޭ ހެވީ-ޑިއުޓީ އެންކަރ ރޮޑްތައް ހަރުކުރުމުގެ މަސައްކަތް މިހާރު ދަނީ ހިނގަމުންނެވެ. މި މަސައްކަތުގެ ސަބަބުން ބަނދަރުގެ ފުންކުރެވިފައިވާ ސަރަޙައްދަށް ފަސްގަނޑު ކަނޑައިގެން ދިއުމާއި ތޮށިގަނޑު އަރިއަޅައިލުން ހުއްޓުވައިދޭނެއެވެ.
މި މަޝްރޫޢުގެ ދަށުން ބަނދަރުގެ 212 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމަށް ހަމަޖެހިފައިވާއިރު، އެއްގަމުތޮށީގެ ކޮންކްރީޓް ބްލޮކްތައް އެތުރުމާއި، ބޮޑެތި އުޅަނދުފަހަރަށް ފަސޭހައިން ވަދެނިކުމެވޭނެހެން ބަނދަރު ފުންކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ. އަދި ބަނދަރު ސަރަޙައްދުގައި ޕޭވްމަންޓް އެޅުމުގެ މަސައްކަތްވެސް އެއްފަސްކޮށް ކުރިއަށް ގެންދާކަމަށް މަޢުލޫމާތު ލިބެއެވެ.
މީގެއިތުރުން ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 514 މީޓަރުގެ ބޭރުތޮށްޓަކާއި، 105 މީޓަރުގެ ރިވެޓްމަންޓް އަދި 50 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ. އަދި ރަށުގެ ގޮނޑުދޮށަށް 21,181.80 ކިއުބިކް މީޓަރުގެ ވެލި އަޅައި ބިން މުއްސަނދިކުރުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައެވެ.
މި މަޝްރޫޢު އެއްކޮށް ނިމުމުން ބުރުނީގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ދަތުރުފަތުރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބި، ރަށުގެ ގޮނޑުދޮށް ގިރުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެއެވެ.