ޚަބަރު
ވިއްސާރައިގެ އަސަރު ނޮޅިވަރަމަށް: ފެންބޮޑުވެ 3 ގެއަކަށް ފެންވަދެއްޖެ
ހދ. ނޮޅިވަރަމް. ފޮޓޯ: ޒުވާން މަސްވެރިޔާ
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާއާ ގުޅިގެން ހދ. ނޮޅިވަރަމަށް މިއަދު 11:30 އިން ފެށިގެން ބޯކޮށް ވާރޭވެހި ރަށުތެރޭގައި ފެންބޮޑުވެ، މިހާތަނަށް 3 ގެއަކަށް ފެންވަދެގެން ރިޕޯޓްކޮށްފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވެއްޖެއެވެ.
އެންޑީއެމްއޭއިން ވިދާޅުވި ގޮތުގައި ފެންބޮޑުވެފައިވާ ސަރަޙައްދުތަކުން ފެންހިއްކުމުގެ މަސައްކަތް ފެށުމަށް އެ ރަށު ކައުންސިލުން މިހާރު ދަނީ ތައްޔާރުވަމުންނެވެ.
މިހާރު ރާއްޖެއަށް ކުރަމުން މިދާ ވިއްސާރާގައި ހދ. ނޮޅިވަރަމަށް މިއަދު 11:30 އިން ފެށިގެން ބޯކޮށް ވާރޭވެހި ރަށުތެރޭގައި ފެންބޮޑުވެ، މިހާތަނަށް 3 ގެއަކަށް ފެންވަދެގެން ވަނީ ރިޕޯޓްކޮށްފައި. ފެންބޮޑުވެފައިވާ ސަރަޙައްދުތަކުން ފެންހިއްކުމުގެ މަސައްކަތް ފެށުމަށް ކައުންސިލުން މިހާރު ދަނީ ތައްޔާރުވަމުން.
— NDMA Maldives (@NDMAmv) November 8, 2026
ވިއްސާރައާ ގުޅިގެން، އައްޑޫ ސިޓީ ފިޔަވައި ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ވަނީ ހުދު ސަމާލު ނެރެފައެވެ.
މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ފުވައްމުލައް ސިޓީއާ ހަމައަށެވެ. މި ސަމާލު ނެރެފައިވަނީ މިއަދު މެންދުރުފަހު 14:00 އިން ފެށިގެން މިރޭ 20:00 ގެ ނިޔަލަށެވެ. މެޓުން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި އެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ އިރު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެއެވެ.
ކަނޑުތަކުގެ ޙާލަތަށް ބަލާއިރު، މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓް އޮފީހުން މަޢުލޫމާތުދެއެވެ.