ޚަބަރު
އައްޑޫ ފިޔަވައި މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
މާލެއަށް ވިއްސާރަކުރި ދުވަހެއް. ފޮޓޯ: ސަން
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން، އައްޑޫ ސިޓީ ފިޔަވައި ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ފުވައްމުލައް ސިޓީއާ ހަމައަށެވެ. މި ސަމާލު ނެރެފައިވަނީ މިއަދު މެންދުރުފަހު 14:00 އިން ފެށިގެން މިރޭ 20:00 ގެ ނިޔަލަށެވެ. މެޓުން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި އެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ އިރު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެއެވެ.
މީގެ އިތުރުން މިއަދު ހެނދުނު 08:00 އިން މެންދުރުފަހު 14:00 އާ ހަމައަށް ވެސް ބ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރުނެވެ.
މިއަދު އިރުއޮއްސި 18:00 އާ ހަމައަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓުން ބުނެއެވެ. އެގޮތުން މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
Alert white for heavy rain, thunderstorms and gusts of 35 mph. https://t.co/OYD07WWm3h
— Maldives Meteorology (@MetMaldives) November 8, 2026
ކަނޑުތަކުގެ ޙާލަތަށް ބަލާއިރު، މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓް އޮފީހުން މަޢުލޫމާތުދެއެވެ.