ޚަބަރު
ޕާޓީ ހިންގުމުގައި އިހުމާލުވެފައި ވާތީ އަދާލަތު ޕާޓީ ޖޫރިމަނާކޮށްފި
މިދިޔަ އަހަރުގެ ނޮވެންބަރުގައި އަދާލަތު ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން / ފޮޓޯ: ސަން
ޕާޓީ ހިންގުމުގައި އިހުމާލުވެފައިވާކަމަށް އޮޑިޓް ރިޕޯޓުން ފާހަގަވެފައިވާތީ، އަދާލަތު ޕާޓީ 25،000 (ފަންސަވީސް ހާސް) ރުފިޔާއިން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޖޫރިމަނާކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން އަދާލަތު ޕާޓީ ޖޫރިމަނާކޮށްފައި ވަނީ ސިޔާސީ ޕާޓީގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް، އެ ޕާޓީގެ މާލީ ހިސާބުތަކުގެ ލިޔެކިޔުންތައް ފުރިހަމައަށް ބަލަހައްޓާފައި ނުވާތީއެވެ.
އީސީން ހާމަކުރި ގޮތުގައި، އެ ޕާޓީގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު 2026 އޮކްޓޫބަރު 05 ގައި ހުށަހެޅިއިރު، ސިޔާސީ ޕާޓީގެ ޤާނޫނުގެ 41 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޕާޓީން ކޮށްފައިވާ އެންމެހައި ޚަރަދުތަކުގެ ތަފްޞީލު ފުރިހަމައަށް ބަލަހައްޓާފައި ނުވާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި އެ ޕާޓީގެ އޮޑިޓް ރިޕޯޓު ތައްޔާރުކުރި އޮޑިޓަރު ވެސް ވަނީ، 2024 ވަނަ އަހަރު ޕާޓީގެ ބައެއް މުދަލާއި ތަކެތީގެ އަގުގެ ގޮތުގައި ހިމަނާފައިވާ އަދަދުތަކާ ގުޅޭ ލިޔެކިޔުންތައް ހުށަހަޅާފައިނުވާތީ އެކަންކަން ކަށަވަރު ނުކުރެވޭ ކަމަށް ފާހަގަކޮށްފައެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނު ބުނާގޮތުން ކޮންމެ ސިޔާސީ ޕާޓީއަކުން ވެސް އަހަރު ނިމުމުން އެ އަހަރެއްގެ މާލީ އޮޑިޓް ރިޕޯޓު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހެއެވެ.
ނަމަވެސް، 2025 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުތައް ހުށަހެޅުމަށް ދިން ސުންގަޑި މިއަހަރުގެ މެއި މަހުގެ 20 ވަނަ ދުވަހަށް ހަމަވިއިރު ވެސް، އަދާލަތު ޕާޓީން އެ ރިޕޯޓު ހުށަހަޅާފައި ނުވާކަން ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.
އަދާލަތު ޕާޓީގެ ދަފްތަރުގައި މިހާރު ތިބީ 6،092 މީހުންނެވެ. ރާއްޖޭގައި 7 ސިޔާސީ ޕާޓީއެއް ރެޖިސްޓަރކޮށްފައިވާއިރު، އެންމެ މެންބަރުން ގިނަ ޕާޓީއަށް ބަލައިގެން ތަރުތީބުކޮށްލައިފިނަމަ އެ ޕާޓީ އޮންނާނީ 5 ވަނައަށެވެ.