Ads by Farudhun

ޚަބަރު

ސެމީގެ ޖާގައެއް ހޯދުމަށް ރާއްޖެއަށް ދެން ޖެހޭނީ ބޮޑު ތަފާތަކުން އިންޑިއާ ބަލިކުރަން

ސެމީގެ ޖާގައެއް ހޯދުމަށް ރާއްޖެއަށް ދެން ޖެހޭނީ ބޮޑު ތަފާތަކުން އިންޑިއާ ބަލިކުރަން

ރާއްޖެ އާއި ޕާކިސްތާން ބައްދަކުރި މެޗުގެ ތެރެއިން / ފޮޓޯ: ސާފް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

08 ނޮވެމްބަރު 2026، 07:39

08 ނޮވެމްބަރު 2026، 07:39

ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި، މިއަދު ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ 3-0 އިން ބަލިވުމާ ގުޅިގެން، މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދުމަށް ރާއްޖެއަށް ދެން ޖެހޭނީ ބޮޑު ތަފާތަކުން އިންޑިއާ ބަލިކުރާށެވެ. މި ނަތީޖާއާއެކު ޕާކިސްތާނުން މިހާރު ވަނީ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައެވެ.

މިއަދުގެ މެޗުން ރާއްޖެ ބަލިވުމުން އުނދަގޫ ހާލަތަކާ ކުރިމަތިލާން މި ޖެހުނީ، ގްރޫޕުގައި ހިމެނޭ އިންޑިއާއަށް ވެސް މިހާރު 3 ޕޮއިންޓު ލިބިފައި ވާތީއެވެ. ގްރޫޕްގެ ފުރަތަމަ މެޗުގައި އިންޑިއާ އާއި ޕާކިސްތާން ބައްދަލުކުރިއިރު، ފޯރިގަދަ ކުޅުމަކަށްފަހު އެ މެޗު 3-2 އިން ކާމިޔާބުކުރީ އިންޑިއާއެވެ. އެހެންކަމުން، ގްރޫޕްގެ ފަހު މެޗުގައި މި މަހުގެ 10 ވަނަ ދުވަހު އިންޑިއާއާ ދެކޮޅަށް ރާއްޖެ ނިކުންނައިރު، ހަމައެކަނި 3 ޕޮއިންޓު ހޯދައިގެން ފުދޭކަށް ނެތެވެ. ސެމީގެ ޖާގައެއް ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ކަށަވަރު ކުރެވެން އޮތީ މަދުވެގެން 3 ގޯލުގެ ތަފާތަކުން އިންޑިއާގެ މައްޗަށް ކުރިހޯދައިގެންނެވެ.

އިންޑިއާއަކީ މި ސަރަހައްދުގެ ފުޓުބޯޅައިގެ ގަދަ ބާރެވެ. އަދި ސާފް ޗެމްޕިއަންޝިޕް އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ އެ ޓީމުން ވަނީ މިހާތަނަށް 9 ފަހަރު މި މުބާރާތުގެ ތަށި އުފުލައިލައިފައެވެ. ނަމަވެސް، ރާއްޖެއާ ދެކޮޅަށް ނުކުންނައިރު އިންޑިއާ ޓީމަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.

އެގޮތުން، ޕާކިސްތާން މެޗަށްފަހު އިންޑިއާ ޓީމުގެ މުހިންމު ކުޅުންތެރިންތަކެއް ވަނީ ޓީމާ ވަކިވެފައެވެ. ނިއުޒީލެންޑާ ދެކޮޅަށް ކުޅޭ ބައިނަލްއަގުވާމީ އެކުވެރިކަމުގެ ދެ މެޗަށް އެކުލަވައިލި އިންޑިއާގެ ސީނިއާ ގައުމީ ޓީމުގެ 23 ކުޅުންތެރިންގެ ސްކޮޑަށް، މި ޓީމުގައި ހިމެނޭ ޑިފެންޑަރު ބިޖޯއީ ވަރްގީސް އާއި ފޯވާޑް މުހައްމަދު ސުހައިލް އަދި ލިސްޓަން ކޮލާސޯ ވަނީ ދޫކޮށްލަން ޖެހިފައެވެ.

މީގެ އިތުރުން އަނިޔާގެ މައްސަލަތައް ވެސް އިންޑިއާ ޓީމަށް ކުރިމަތިވެފައިވާއިރު، ޑިފެންޑަރު ހްމިންގްތަންމާވިއާ ރާލްޓޭ (ވަލްޕުއިއާ) އާއި ފާރޫކް ޗައުދަރީ އަދި ނައުފަލް ޕީއެން ވަނީ އެނބުރި އެ ކުޅުންތެރިންގެ ކްލަބް، މުމްބާއީ ސިޓީ އެފްސީއަށް ފޮނުވާލާފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މުމްބާއީ ސިޓީން އެ ކުޅުންތެރިން މުބާރާތަށް ދޫކުރީ ފުރަތަމަ މެޗަށްފަހު އެނބުރި އައުމަށް ޝަރުތުކޮށްފައެވެ. މިއާއެކު އިންޑިއާ ޓީމުގެ ޑިފެންސް އަދި މިޑްފީލްޑް ވަނީ ވަރަށް ބޮޑަށް ބަލިކަށިވެ، ބަދަލު ކުޅުންތެރިންގެ އަދަދު ވެސް މަދުވެފައެވެ.

އިންޑިއާގެ ސްކޮޑަށް އައިސްފައިވާ މި ބޮޑެތި ބަދަލުތަކާއި ކުރިމަތިވެފައިވާ މައްސަލަތަކުގެ ސަބަބުން، ހިތްވަރާއި ރޭވުންތެރިކަމާއެކު ކުޅެފިނަމަ، ބޮޑު ތަފާތަކުން އިންޑިއާ ބަލިކުރުމަކީ ރާއްޖެއަށް ނުވާނެ ކަމެއް ނޫން ކަމަށް ބެލެވެއެވެ. މި މުހިންމު ކުރިމަތިލުން އޮންނާނީ އަންނަ އަންގާރަ ދުވަހުއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450