Ads by Farudhun

ޚަބަރު

މި އަހަރުގެ ރިވެލި އެވޯޑު 8 ފަރާތަކުން ހާސިލްކޮށްފި

މި އަހަރުގެ ރިވެލި އެވޯޑު 8 ފަރާތަކުން ހާސިލްކޮށްފި

ރިވެލި އެވޯޑު ހާސިލްކުރި ފަރާތްތަކުގެ އަރިހުގައި ފަސްޓް ލޭޑީ އަދި ސިއްހީ ވަޒީރު---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

08 ނޮވެމްބަރު 2026، 10:26

08 ނޮވެމްބަރު 2026، 10:26

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ހޯދަމުންދާ ކާމިޔާބީތަކާއި އެފަދަ ފަރާތްތަކުގެ ޙައްޤުގައި އަގުހުރި ޚިދުމަތްތަކެއް ކުރަމުން އަންނަ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ސަރުކާރުން ދެއްވާ މި އަހަރުގެ "ރިވެލި އެވޯޑު" 8 ފަރާތަކުން ހާސިލްކޮށްފިއެވެ.

މިކަމަށްޓަކައި ބާސެލޯ ނަސަންދުރާގައި ބޭއްވި ޚާއްޞަ ޙަފްލާ ޝަރަފުވެރިކޮށްދެއްވައި، އެވޯޑު ޙާޞިލުކުރި ފަރާތްތަކަށް އިނާމު ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދެވެ.

މިއަހަރުގެ ރިވެލި އެވޯޑު 6 ދާއިރާއަކުން ދީފައިވާއިރު، މި އެވޯޑަށް ކުރިމަތިލި 25 ފަރާތުގެ ތެރެއިން އެވޯޑު ކާމިޔާބުކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ 4 ފަރާތަކާއި، އެފަދަ ފަރާތްތަކުގެ ހައްޤުގައި މަސައްކަތްކުރާ 4 ފަރާތެކެވެ.

މިއަހަރު އެވޯޑު ޙާޞިލުކުރި ފަރާތްތަކަކީ:

  • ޢަލީ ސަމީމް (ހދ. ކުރިނބި / ރިހިވެލި) - ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާއިން
  • މުޙައްމަދު ނާހިލް ސަލާމް (ސ. މަރަދޫ / އަސްރުމާގެ) - ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާއިން
  • ޢާއިޝަތު ޝަފީޤު (ހ. ޝަފީޤުގެ) - ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާއިން
  • ޢަބްދުއްރައްޒާޤު ޢަބްދުއްޞަމަދު (ށ. ބިލެތްފަހި / ހަވީރީނާޒް) - އެކި ގޮތްގޮތުން ދިވެހިރާއްޖެއަށް ރީތި ނަމާއި ކާމިޔާބީތައް ހޯދައިދޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާއިން
  • އަމީނިއްޔާ ސްކޫލް - ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުމުގެ ދާއިރާއިން
  • ފާޠިމަތު މުޙައްމަދު (ހދ. ކުޅުދުއްފުށި / އަލްފާ) - ފަންނީ އަދި ފަރުދީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާއިން
  • ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ) - ނުކުޅެދުންތެރިކަން ހުންނަ މީހުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުމަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ދާއިރާއިން
  • ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް - ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވާ ކުންފުނިތަކުގެ ދާއިރާއިން

ރިވެލި އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ދިރިއުޅުމުގެ އެކި މައިދާންތަކުގައި ހޯދާ ކުރިއެރުންތަކާއި ކާމިޔާބީތައް ފާހަގަކުރުމަށާއި، އެ ފަރާތްތަކުގެ ލާބައާއި މަންފާއަށްޓަކައި އެކި ފަރާތްތަކުން ކުރަމުން އަންނަ އަގުހުރި ޚިދުމަތްތައް ބަލައިގަތުމުގެ މަޤްޞަދުގައި ސަރުކާރުން ދެއްވަމުން ގެންދަވާ ޚާއްޞަ އެވޯޑެކެވެ.

މީގެއިތުރުން، މިއީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގެ ދަށުން، އެފަދަ ފަރާތްތަކަށް އިޤްތިޞާދީ އަދި އިޖުތިމާޢީ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ "އޯގާތެރި މުޖުތަމަޢު" ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ޤައުމީ ފެންވަރުގައި ކުރިއަށްގެންދެވޭ ވަރަށް މުހިންމު ޙަރަކާތެއްކަން ފާހަގަކުރެވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450