ދުނިޔެ

ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން އީރާނަށް ފީ ނުނެގޭނެ ކަމަށް އައި.އެމް.އޯ އިން ބުނެފި

ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން އީރާނަށް ފީ ނުނެގޭނެ ކަމަށް އައި.އެމް.އޯ އިން ބުނެފި

އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައި.އެމް.އޯ) ގެ ސެކްރެޓަރީ ޖެނެރަލް އާސެނިއޯ ޑޮމިންގޭޒް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 އޭޕްރީލު 2026، 12:02

12 އޭޕްރީލު 2026، 12:02

ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން ފީ ނެގުމަށް އީރާނުން ކުރަމުންދާ މަސައްކަތަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށާއި، ބައިނަލްއަގުވާމީ މުޖުތަމައުން އެކަން ގަބޫލުކޮށްގެން ނުވާނެ ކަމަށް އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައި.އެމް.އޯ) ގެ ސެކްރެޓަރީ ޖެނެރަލް އާސެނިއޯ ޑޮމިންގޭޒް ވިދާޅުވެއްޖެއެވެ.

އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ޑޮމިންގޭޒް ވިދާޅުވީ، މިފަދަ ކަނޑުއޮޅިތަކުން ދަތުރުކުރާ އުޅަނދުތަކުން ފީ ނުވަތަ އެހެންވެސް ޗާޖެއް ނެގުމުގެ ހައްގު އެއްވެސް ގައުމަކަށް ލިބިގެން ނުވާ ކަމަށެވެ. "ކަނޑުއޮޅިތަކުން ދަތުރުކުރާ އުޅަނދުތަކުން ފީ ނެގުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމެއް،" އޭނާ ވިދާޅުވިއެވެ. އަދި މިފަދަ ކަންކަމަށް އެއްވެސް ފަރާތަކުން އެއްބާރުލުން ނުދިނުމަށް އޭނާ ވަނީ ގޮވާލާފައެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ އެމެރިކާއާއި އީރާނާ ދެމެދު ޕާކިސްތާނުގައި ކުރިއަށްދިޔަ ސުލްހައިގެ ވާހަކަތައް އެއްބަސްވުމަކަށް ނާދެވި ނިމުމާ ގުޅިގެންނެވެ. އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ ވެންސް ވިދާޅުވީ، ނިއުކްލިއަރު ހަތިޔާރު އުފެއްދުން ހުއްޓާލުމަށް އެމެރިކާއިން ހުށަހެޅި ޝަރުތުތަކަށް އީރާނުން އެއްބަސްވެފައި ނުވާ ކަމަށެވެ. އީރާނުގެ މީޑިއާތަކުން ބުނާ ގޮތުގައި އެއްބަސްވުމަކަށް ނާދެވުނީ އެމެރިކާގެ "ބޮޑާ" ހުށަހެޅުންތަކުގެ ސަބަބުންނެވެ.

ހޮރްމޫޒް ކަނޑުއޮޅީގެ ހާލަތަށް ބަލާއިރު، މިހާރުވެސް އެ ސަރަހައްދުގެ ދަތުރުފަތުރު އޮތީ ހުއްޓުމަކަށް އައިސްފައެވެ. އެސް އެންޑް ޕީ ގްލޯބަލްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ހަނގުރާމައިގެ ކުރިން ދުވާލަކު 135 އުޅަނދު ދަތުރުކުރި ނަމަވެސް، މިދިޔަ ހުކުރު ދުވަހާ ހަމައަށް އެ ސަރަހައްދުން ބޭރުވެފައިވަނީ އެންމެ 22 އުޅަނދެވެ. މީގެ ސަބަބުން ގަލްފް ސަރަހައްދުން ބޭރުކުރާ ތެލާއި ގޭހުގެ ވިޔަފާރިއަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

އައި.އެމް.އޯގެ ވެރިޔާ ވިދާޅުވީ މި މައްސަލައަށް އޮތް ހަމައެކަނި ހައްލަކީ ހަނގުރާމަ ހުއްޓާލުން ކަމަށެވެ. "ހަނގުރާމަ ނިމުމަކަށް އައުމާއެކު، ކުރިއެކޭވެސް އެއްގޮތަށް އެ ސަރަހައްދުގެ ދަތުރުފަތުރުތައް ފެށޭނެ ކަމަށް އުންމީދު ކުރަން،" ޑޮމިންގޭޒް ވިދާޅުވިއެވެ. އަދި ކަނޑުއޮޅީގައި ހުރި މައިންތައް ނައްތާލައި، އުޅަނދުތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގައުމުތަކުން މަސައްކަތް ކުރަންޖެހޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450