ޚަބަރު
ހުރާގައި ރޭ ދަންވަރު އަލިފާނުގެ ހާދިސާއެއް ހިނގައިފި
ހުރާގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވެ ހަލާކުވި ގެ. ފޮޓޯ: އެންޑީއެމްއޭ
ކ. ހުރާގައި މީހުން ދިރިއުޅޭ ބޮޑު ގެއެއްގައި ރޭ ދަންވަރު އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ހިނގައި، އެގޭގެ ބޮޑު ބަޔަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 12:30 އެހާއިރުއެވެ.
މި ހާދިސާއާ ގުޅޭގޮތުން ހުރާ ކައުންސިލްގެ ރައީސް އީސާ އަޙްމަދު "ފަރުދުން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އަލިފާން ރޯވިތާ ގާތްގަނޑަކަށް ދޮޅު ގަޑިއިރު ފަހުން، ދަންވަރު 2:00 ޖެހިއިރު އަލިފާން އެއްކޮށް ނިއްވާލެވުނީ ރަށުގެ ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން ކަމަށެވެ. އަލިފާން ނިއްވާލުމަށްޓަކައި ގޭގެ ފުރާޅު ނަގަން ޖެހުނު ކަމަށްވެސް އޭނާ މައުލޫމާތު ދެއްވިއެވެ.
މި ހާދިސާގައި އެގޭގެ އެއް ކޮޓަރި އެއްކޮށް އަނދާފައިވާއިރު، އިތުރު ތިން ކޮޓަރިއަކަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. އަދި ސިޓިންގ ރޫމަށްވެސް އަލިފާނުގެ އަސަރުކޮށް، މުޅި ގޭގެ ހުރިހާ ކޮޓަރިއަކަށް ވަނީ ދުމުގެ އަސަރުކޮށްފައެވެ. ރޯވި ކޮޓަރި މިހާރު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާއިރު، މުޅި ގޭގެ ދެބައިކުޅަ އެއްބައި ވަނީ ހަލާކުވެފައެވެ. މީގެ އިތުރުން މުޅި ގެއިން ވަނީ ކަރަންޓު ކެނޑިފައެވެ.
ހާދިސާ ހިނގި ވަގުތު ގޭގައި ތިބި މީހުންނަށް ބޮޑު އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، އަލިފާން ރޯވި ކޮޓަރީގައި އޮތް އެގޭގެ ކުދިންގެ މަންމަގެ އަތުގެ ބައެއް ތަންތަން ވަނީ ފިހިފައެވެ. އޭނާއަށް ލިބުނު އަނިޔާއަށް އިތުރު ފަރުވާ ދިނުމަށް މިއަދު ހެނދުނު 6:00 ޖެހިއިރު ވަނީ މާލެ ފޮނުވާލާފައެވެ. ހާދިސާ ހިނގި ވަގުތު ގޭގައި ތިބި އެންމެން މިހާރު ވަނީ ރައްކާތެރި ތަންތަނަށް ބަދަލުކޮށްފައެވެ.
އަލިފާން ރޯވާން މެދުވެރިވި ސީދާ ސަބަބު އަދި ކަށަވަރު ނުވި ނަމަވެސް، ބެލެވޭ ގޮތުގައި މި ހާދިސާ ހިނގީ ޗާޖަށް ޖަހާފައި އޮތް ފޯނެއްގައި ރޯވެގެންނެވެ. "އަލިފާނުގެ ހާދިސާ ހިނގިގޮތް ސާފުކޮށް އެނގޭނީ ފުލުހުންގެ ތަހުގީގު ޓީމުން އައިސް ތަހުގީގު ކުރުމުން،" ކައުންސިލް ރައީސް ވިދާޅުވިއެވެ. އަދި ގެ ސާފުކުރުމަށްފަހު ރަނގަޅަށް ހުރި ކޮޓަރިތަކަށް މީހުން ވެއްދޭތޯ ބަލާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ގޭގެ އަސްލު ވެރިން މިވަގުތު ތިބީ ރާއްޖެއިން ބޭރުގައެވެ. ނަމަވެސް އެމީހުން މިއަދުގެ ވަގުތެއްގައި އެނބުރި އަންނާނެ ކަމަށް މައުލޫމާތު ލިބެއެވެ. ކައުންސިލްގެ ރައީސް ވިދާޅުވީ އާއިލާ އެނބުރި އައުމުން ކައުންސިލުން ކޮށްދެވޭނީ ކޮން ކަންތައްތަކެއްތޯ ބަލާނެ ކަމަށެވެ. މިވަގުތު ކައުންސިލް އޮތީ އިންތިގާލީ ހާލަތެއްގައި ކަމުން، ވަކި ކަމެއް ކޮށްދޭނެ ކަމަށް ދަންނަވަން ދަތި ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.