ޚަބަރު
ހަތަރު މިލިއަން ރުފިޔާގެ ވައްކަމެއް، ތުހުމަތު ކުރެވޭ ހަތަރު މީހަކު ހައްޔަރުކޮށްފި
ހަތަރު މިލިއަން ރުފިޔާގެ ވައްކަމުގެ މައްސަލަގައި ހައްޔަރުކުރި ހަތަރު މީހުން
މާލޭގެ މަޖީދީމަގުގައި ހުންނަ ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައެއްގައި ތުހުމަތު ކުރެވޭ ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި ވައްކަމުގެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2026 މާރިޗު 16 ވަނަ ދުވަހުގެ އިރުއޮއްސި 17:49 އެހައިކަންހާއިރުއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި ވައްކަމުގައި ޖުމުލަ 4,000,000 (ހަތަރު މިލިއަން) ދިވެހި ރުފިޔާ ވަގަށް ނަގާފައިވެއެވެ. ނަމަވެސް، މިހާތަނަށް ފުލުހުންނަށް ހޯދިފައިވަނީ އޭގެ ތެރެއިން އެންމެ 50,000 (ފަންސާސް ހާސް) ރުފިޔާއެވެ.
މި މައްސަލާގައި ޖުމުލަ ފަސް މީހަކަށް ތުހުމަތު ކުރެވޭއިރު، އޭގެ ތެރެއިން ހަތަރު މީހަކު މިހާރު ތިބީ ފުލުހުންގެ ބަންދުގައެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ޅ. ނައިފަރު، ކަސްތޫރިމާގެ، މުޙައްމަދު ނޫރު އަޙްމަދު (40އ) އާއި، ސ. މީދޫ، މޫންލައިޓްވިލާ، މުޙައްމަދު އަފްރާޙް (40އ) އާއި، ރ. މަޑުއްވަރި، ދާރުލް އައްވަލް، އިސްމާޢީލް ޢާޞިފް (36އ) އަދި މާލެ، މ. އޭސިއާ، އަޙްމަދު ފާރިސް (39އ) އެވެ.
މި މައްސަލާގައި ތުހުމަތު ކުރެވޭ ފަސްވަނަ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ. ފުލުހުން ވިދާޅުވި ގޮތުގައި މި މައްސަލައިގެ ތަހުގީގުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފައެވެ.
ތަހުގީގު މަރުހަލާ މުޅިން ފުރިހަމަކޮށް، މި މައްސަލައިގައި ބައިވެރިވި މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.