ޚަބަރު
މިއަހަރުގެ މިހާތަނަށް 2900އަށްވުރެ ގިނަ ފާނަބަސަންދު ކޭސް ރިޕޯޓުކޮށްފައިވޭ
ފާނަބަސަންދު ޖެހިފައިވާ ކުޑަކުއްޖެއް. ފޮޓޯ: ގޫގުލް
ހުލާސާ
މިއަހަރުގެ މިހާތަނަށް ފާނަބަސަންދުގެ 2900 އަށްވުރެ ގިނަ ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެއެޖެންސީ އިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ 2024ވަނަ އަހަރުގެ ނޮވެންބަރާއި ހަމައަށް މުޅި ރާއްޖެއިން ފާނަބަސަންދުގެ 2977 ކޭސް ވަނީ ރިޕޯޓް ކުރެވިފައިކަމަށެވެ. އެއީ މާލެ ސަރަހައްދުން 1506 ކޭސް އަދި އަތޮޅުތަކުން 1471 ކޭސް ކަމަށް އެއޮތޯރިޓީއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން އެޗްޕީއޭ އިން ބުނެފައިވަނީ މި މަހުގެ ތެރޭގައި ކ. ގުޅިން ފާނަބަސަންދުގެ 11 ކޭސް ރިޕޯޓް ކޮށްފައިވާ ކަމަށާއި މީގެ ތެރެއިން ދެ މީހަކަށް އައިޖީއެމްއެޗްގައި އިތުރު ފަރުވާ ދެމުންދާ ކަމަށްވެސް އެ އޭޖެންސީ އިން ބުނެއެވެ.
ފާނަބަސަންދަކީ ވައިރަހަކުން ޖެހޭ ބައްޔެކެވެ. މިބައްޔަކީ ޢާންމުކޮށް ކުޑަކުދިންނަށް ޖެހޭ ބައްޔެކެވެ. އެހެންނަމަވެސް ބޮޑެތިމީހުންނަށްވެސް މިބަލި ޖެހެއެވެ.
މިބަލީގެ ޢަލާމާތްތަކުގެ ތެރޭގައި ހިމެނެނީ:-
- ހުންއައުން
- ވަރުދެރަވުން
- ނޭފަތުން ފެންއައުން
- ހަމުގައި ބިހިތަކެއް ނެގުން
ފާނަބަސަންދު ޖެހުމުން ހަމުގައި ނަގާ ބިހިތައް ފެންފޮޅުތަކަކަށް ބަދަލުވެއެވެ. މިބިހިތަކަކީ ވަރަށް ބޮޑަށް ހިރުވާ އަދި ފަސޭހައިން ފަޅައިގެންދާ ބިހިތަކެކެވެ. އަދި ދެތިން ދުވަސް ތެރޭގައި ހަށިގަނޑުގެ އެކި ތަންތަނުގައި ފެންބިހިތައް ނަގައެވެ.
މިބަލި ފެތުރޭ ގޮތްތަކަކީ:-
- ބަލިޖެހިފައިހުރި މީހަކު ކެއްސާ ކިނބިހި އަޅާ ހަދާއިރު، ނޭވާލާ ނިޒާމުގެ ޒަރިއްޔާއިން
- ބިހިނަގައިފައި ހުރި މީހެއްގެ ގައިގައި ބީހުމުން ނުވަތަ ނުވަތަ އޭނާ ބޭނުންކޮށްފައިވާ ތުވާލި، އަންނައުނު ފަދަ ތަކެތި ބޭނުން ކުރުން
ހަމުގައި ނަގާ ބިހިތައް އެއްކޮށް ކުރަމާގަލިލަންދެން މިބަލި އެކަކު ގައިން އަނެކެއްގެ ގަޔަށް ފެތުރުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ކުރިން ފަނަބަސަންދު ނުޖެހޭ ކޮންމެ މީހަކަށް މިބަލި ޖެހިދާނެއެވެ. އެއްފަހަރު މިބަލި ޖެހިއްޖެނަމަ ދެވަނަ ފަހަރަށް މިބަލި ޖެހުމުގެ ފުރުސަތު ކުޑައެވެ.
ބަލިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް:-
- ބަލި ޖެހިފައިވާ މޫހުން ގާތަށް ޒިޔާރަތްނުކުރުން
- ބަލިޖެހިފައިވާ މީހާ އޭނާގެ ގައިގައި ނަގާފައިވާ ބިހިތައް އެއްކޮށް ކުރަމަގާލިލަންދެން ބޭރަށް ނުނިކުތުން
- ބަލިޖެހިފައިވާ މީހާ ގޭގައި ދިރިއުޅޭ އެހެން މީހުންނާ އެކަހެރިވުން
- ބަލި ފަސޭހަވަންދެން އަންނައުނާއި ތުވާލިފަދަ ހިފާ ގެންގުޅޭ ތަކެތި ވަކި ކުރުން
- ވެކްސިން ޖެހުން
މިބައްޔަކީ ގައިންގަޔަަށް އަރާ ބައްޔެއް ކަމުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ މުހިންމު ކަމެކެވެ.