Ads by Farudhun

ޚަބަރު

ހުރާ އަލިފާނުގެ ހާދިސާ: 15 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފި

ހުރާ އަލިފާނުގެ ހާދިސާ: 15 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފި

ހުރާގެ އަލިފާނުގެ ހާދިސާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 އޭޕްރީލު 2026، 11:56

13 އޭޕްރީލު 2026، 11:56

ކ. ހުރާގައި މީހުން ދިރިއުޅޭ ބޮޑު ގެއެއްގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަކާ ގުޅިގެން، އެ ގޭގައި ދިރިއުޅޭ 15 މީހަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި އެ ރަށު ކައުންސިލް ގުޅިގެން ފަށައިފިއެވެ.

ރޭ ދަންވަރު 12:30 އެހާއިރު ހިނގި މި ހާދިސާގައި އެ ގެ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ގޮސްފައެވެ.

މި ހާދިސާގައި އެގޭގެ އެއް ކޮޓަރި އެއްކޮށް އަނދާފައިވާއިރު، އިތުރު ތިން ކޮޓަރިއަކާއި ސިޓިންގ ރޫމަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. ހުރާ ކައުންސިލްގެ ރައީސް އީސާ އަޙްމަދު މައުލޫމާތު ދެއްވި ގޮތުގައި، އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ރަށުގެ ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން ދަންވަރު 2:00 ޖެހިއިރުއެވެ. އަލިފާން ނިއްވާލުމަށްޓަކައި ގޭގެ ފުރާޅު ނަގަން ޖެހުނު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ހާދިސާގައި އެގޭގައި އުޅޭ އަންހެނެއްގެ އަތުގެ ބައެއް ތަންތަން ފިހިގެން ވަނީ އަނިޔާވެފައެވެ. "އަލިފާން ރޯވި ކޮޓަރީގައި އޮތް އެގޭގެ ކުދިންގެ މަންމަގެ އަތުގެ ބައެއް ތަންތަން ވަނީ ފިހިފަ،" ކައުންސިލް ރައީސް ވިދާޅުވިއެވެ. އޭނާއަށް އިތުރު ފަރުވާ ދިނުމަށްޓަކައި މިއަދު ހެނދުނު 6:00 ގައި ވަނީ މާލެ ފޮނުވާލާފައެވެ. ހާދިސާ ހިނގި ވަގުތު ގޭގައި ތިބި އެންމެން މިހާރު ވަނީ ރައްކާތެރި ތަންތަނަށް ބަދަލުކޮށްފައެވެ.

އަލިފާން ރޯވާން މެދުވެރިވި ސީދާ ސަބަބު އަދި ކަށަވަރު ނުވި ނަމަވެސް، ބެލެވޭ ގޮތުގައި މި ހާދިސާ ހިނގީ ޗާޖަށް ޖަހާފައި އޮތް ފޯނެއްގައި ރޯވެގެންނެވެ. ނަމަވެސް، ހާދިސާ ހިނގިގޮތުގެ ފުރިހަމަ ތަފްސީލު އެނގޭނީ ފުލުހުންގެ ތަހުގީގަށް ފަހު ކަމަށް ކައުންސިލުން ފާހަގަކުރެއެވެ.

މި ގޭގެ އަސްލު ވެރިން މިވަގުތު ތިބީ ރާއްޖެއިން ބޭރުގައެވެ. އެމީހުން މިއަދުގެ ވަގުތެއްގައި އެނބުރި އައުމުން ކައުންސިލުން އިތުރަށް ކޮށްދެވޭނީ ކޮން ކަންތައްތަކެއްތޯ ބަލާނެ ކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ. މިހާރު ކުރިއަށްދަނީ ގެ ސާފުކުރުމާއި، ރަނގަޅަށް ހުރި ކޮޓަރިތަކަށް މީހުން ވެއްދޭތޯ ބެލުމުގެ މަސައްކަތެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450