ޚަބަރު
ޑެންގީ ޖެހިގެން ޙާލު ދެރަވި ޒުވާނަކު މާލެ ގެނެސް ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެ
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް. ފޮޓޯ: މިހާރު
ޑެންގީ ހުން ޖެހިގެން ހާލު ދެރަވި ޒުވާނަކަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ނިޔާވެއްޖެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ށ. މިލަންދުއަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ ޒުވާނެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޒުވާނާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ށ. މިލަންދޫ ސިއްޙީ މަރުކަޒުގައެވެ. ނަމަވެސް ހާލު އިތުރަށް ގޯސްވުމާ ގުޅިގެން އިއްޔެ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކޮށް ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މާލެ ގެނެސްފައިވަނީވެސް އިއްޔެގެ ވަގުތެއްގައެވެ.
އައިޖީއެމް ހޮސްޕިޓަލުން ވިދާޅުވީ ޑެންގީ ހުން ޖެހިގެން ފަރުވާ ހޯދަމުންދިޔަ މި ޒުވާނާ ނިޔާވީ މިއަދު މެންދުރު 12:15 ހާއިރު ކަމަށެވެ. އޭނާ ނިޔާވީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ކަމަށްވެސް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
ޑެންގީގެ ކޭސްތައް އިތުރުވުން
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި ޑެންގީ ހުން ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިދިޔަ މާރިޗު މަހު އެކަނިވެސް ޑެންގީގެ 535 ކޭސް ރިޕޯޓްކޮށްފައިވާއިރު، މިއީ ފެބްރުއަރީ މަހު ރިޕޯޓްކުރި 428 ކޭސްއާ އަޅާބަލާއިރު އިތުރު އަދަދެކެވެ.
މިދިޔަ އަހަރުގެ މި މުއްދަތާ އަޅާކިޔާއިރުވެސް މިއަހަރު ޑެންގީ ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. މަދިރީގެ ޒަރިއްޔާއިން ފެތުރޭ މި ބަލިން ރައްކާތެރިވުމަށްޓަކައި ސަމާލުކަން ދިނުމަކީ މުހިންމު ކަމެއް ކަމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.