ދުނިޔެ

އޮރްބާން ބަލިވެއްޖެ: ނަތަންޔާހޫ އާއި ޓްރަމްޕަށް ޔޫރަޕުން އޮތް އެންމެ ވަރުގަދަ މަދަދުގާރު ގެއްލިއްޖެ

އޮރްބާން ބަލިވެއްޖެ: ނަތަންޔާހޫ އާއި ޓްރަމްޕަށް ޔޫރަޕުން އޮތް އެންމެ ވަރުގަދަ މަދަދުގާރު ގެއްލިއްޖެ

ނަތަންޔާހޫ އަދި އޮރްބާން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 އޭޕްރީލު 2026، 04:40

13 އޭޕްރީލު 2026، 04:40

ހަންގޭރީގައި ބޭއްވި ފޯރިގަދަ އިންތިޚާބަކަށްފަހު، އެ ގައުމުގެ ބޮޑުވަޒީރު ވިކްޓަރ އޮރްބާން ބަލިވެ، ވެރިކަމުގެ އާ މަރުހަލާއެއް ފެށިއްޖެއެވެ.

 ވޭތުވެދިޔަ 16 އަހަރު ހަންގޭރީގައި ވެރިކަން ކުރި އޮރްބާންގެ ފިޑޭޒް ޕާޓީގެ މައްޗަށް ކުރިހޯދާފައިވަނީ ޕީޓާ މަގްޔާރު އިސްކޮށް ހުންނަވާ 'ޓިޒާ' ޕާޓީންނެވެ.

މި ނަތީޖާއަކީ ޔޫރަޕުގެ ސިޔާސީ މަސްރަހަށް އައި ވަރުގަދަ ލޮޅުމެކެވެ. މީގެ އިތުރުން، މިއީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިން ފަދަ އޮރްބާންގެ ގާތް ބައިވެރިންނަށް ލިބުނު ބޮޑު ނާކާމިޔާބީއެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.

އޮރްބާންގެ ވެރިކަމުގައި ހަންގޭރީއަކީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ތެރޭގައި އިޒްރޭލުގެ އެންމެ ގާތް އެކުވެރިޔާއެވެ. އިޒްރޭލުން ހިންގާ ޖަރީމާތަކާ ދެކޮޅަށް އީޔޫއިން ނެރެން އުޅޭ ބަޔާންތަކާއި އަޅަން އުޅޭ ދަތިކުރުމުގެ ފިޔަވަޅުތައް ހުއްޓުވުމަށް އޮރްބާން ވަނީ ތަކުރާރުކޮށް 'ވީޓޯ' ގެ ބާރު ބޭނުންކޮށްފައެވެ. ނަމަވެސް، އާ ސަރުކާރާއެކު މި ސިޔާސަތު ބަދަލުވެ، އިޒްރޭލާ ދެކޮޅަށް އީޔޫއިން އެއްގަލަކަށް އެރުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންތިޚާބުގެ ނަތީޖާއާއެކު އިޒްރޭލުގެ އިސް އޮފިޝަލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. 'ޔެދިއޮތް އަހްރޮނޮތް' ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އޮރްބާން ބަލިވުމަކީ އީޔޫގެ ތެރޭގައި އިޒްރޭލަށް އޮތް އެންމެ ފަހުގެ ދިފާއީ އައްޑަނަ ގެއްލުމެވެ. މީގެ ސަބަބުން ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން (އައިސީސީ) ނަތަންޔާހޫ ހައްޔަރުކުރުމަށް ނެރެފައިވާ އަމުރު ތަންފީޒުކުރުމަށް ހަންގޭރީން އެއްބާރުލުން ދިނުމަކީ އެކަށީގެންވާ ކަމެކެވެ.

ޑޮނަލްޑް ޓްރަމްޕް ވަނީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ފާޅުކަން ބޮޑު ގޮތެއްގައި އޮރްބާނަށް ތާއީދުކުރައްވާފައެވެ. ނަމަވެސް، އާ ބޮޑުވަޒީރު މަގްޔާރު ވަނީ އެމެރިކާއިން ހަންގޭރީގެ ދާޚިލީ ކަންކަމާ ބެހޭ ކަމަށް ބުނެ ޓްރަމްޕްގެ ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މަގްޔާރުގެ ސަރުކާރުން ބޮޑަށް އިސްކަންދޭނީ ޔޫރަޕުގެ އެހެން ގައުމުތަކާ ގުޅިގެން މަސައްކަތް ކުރުމަށެވެ.

މި ބަދަލާއެކު، ރަޝިޔާ-ޔޫކްރޭން ހަނގުރާމައިގައި ހަންގޭރީން ގެންގުޅުނު ސިޔާސަތުތަކަށް ވެސް ބަދަލު އަންނާނެ ކަމަށް ބެލެވެއެވެ. އޮރްބާން ވަނީ ރަޝިޔާއާ ގާތް ގުޅުމެއް ބާއްވައި، ޔޫކްރޭނަށް އަސްކަރީ އެހީ ދިނުމާ ދެކޮޅު ހައްދަވާފައެވެ. ނަމަވެސް މަގްޔާރު ބޭނުންވަނީ ޔޫރަޕުގެ އިއްތިހާދުގެ ސިޔާސަތުތަކާ އެއްގޮތަށް ކުރިއަށް ދިއުމަށެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450