ދުނިޔެ

ޣައްޒާގެ މެދުތެރޭގައި ހުރި ފުލުހުންގެ މަރުކަޒަކަށް އިސްރާއީލުން ހަމަލާދީ ހަތަރު މީހުން ޝަހީދުކޮށްލައިފި

ޣައްޒާގެ މެދުތެރޭގައި ހުރި ފުލުހުންގެ މަރުކަޒަކަށް އިސްރާއީލުން ހަމަލާދީ ހަތަރު މީހުން ޝަހީދުކޮށްލައިފި

ޣައްޒާގެ ޙާލަތު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 އޭޕްރީލު 2026، 05:51

13 އޭޕްރީލު 2026، 05:51

ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް އިއުލާނުކޮށްފައި އޮތް ނަމަވެސް، އިސްރާއީލުން ރޭގެ ވަގުތެއްގައި ޣައްޒާގެ މެދުތެރޭގައި ހުރި ފުލުހުންގެ މަރުކަޒަކަށް ދިން ވައިގެ ހަމަލާއެއްގައި މަދުވެގެން ހަތަރު ފަލަސްތީނު މީހުން ޝަހީދުވެއްޖެއެވެ. މި ހަމަލާއަކީ ޣައްޒާގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެއްދުމުގެ މަގުސަދުގައި ފުލުހުންނަށް އަމާޒުކޮށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ ތެރެއިން ދިން ހަމަލާއެކެވެ.

ލޯކަލް މަސްދަރުތަކުން ކަށަވަރުކޮށްދޭ ގޮތުގައި، އިސްރާއީލުގެ މި ހަމަލާ އަމާޒުކޮށްފައިވަނީ ދައިރުލް ބަލާހްގައި ހުރި ފުލުހުންގެ މަރުކަޒަކަށެވެ. މި ހަމަލާގައި ޝަހީދުވެފައިވަނީ ހަތަރު ޒުވާނުންނެވެ. މީގެ އިތުރުން، ހޮނިހިރު ދުވަހުގެ ފަތިހު އަލް-ބުރައިޖް ސަރަހައްދަށް ދިން ހަމަލާއެއްގައި ހަ މީހަކު ވަނީ ޝަހީދުވެފައެވެ.

ޣައްޒާގެ އިންޓީރިއާ މިނިސްޓްރީން ބުނެފައިވަނީ، އިސްރާއީލުން ފުލުހުންނަށް ހަމަލާދީފައިވަނީ ރަމަޟާން މަހުގެ ތެރޭގައި ބާޒާރުތައް ބަލަހައްޓައި، އާންމު އަމަންއަމާންކަން ގާއިމުކުރުމުގެ މަސައްކަތުގައި ފުލުހުން އުޅެނިކޮށް ކަމަށެވެ. "ފުލުހުންގެ މަރުކަޒުތަކާއި މުވައްޒަފުންނަށް އަމާޒުކޮށް އިސްރާއީލުން ތަކުރާރުކޮށް ދެމުންދާ ހަމަލާތަކަކީ ހަނގުރާމައިގެ ކުށެއް އަދި ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު އަމަލެއް،" މިނިސްޓްރީން ނެރުނު ބަޔާނުގައިވެއެވެ.

އޮކްޓޯބަރު މަހުން ފެށިގެން އިއުލާނުކޮށްފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އިސްރާއީލުން 2,070 އަށްވުރެ ގިނަ ފަހަރު ވަނީ ހިލާފުވެފައެވެ. އެއްބަސްވުމަށްފަހު އެކަނިވެސް އިސްރާއީލުން ވަނީ 750 އަށްވުރެ ގިނަ ފަލަސްތީނު މީހުން ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި 300 އަށްވުރެ ގިނަ ކުޑަކުދިންނާއި، އަންހެނުންނާއި ދުވަސްވީ މީހުން ހިމެނެއެވެ. 2023 އޮކްޓޯބަރު 7 ގައި ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް 72,000 އަށްވުރެ ގިނަ ފަލަސްތީނު މީހުން ވަނީ ޝަހީދުވެފައެވެ.

އދ. ގެ ހިއުމަން ރައިޓްސް ޗީފް ވޮލްކާާާ ތާކް ވަނީ އިސްރާއީލުގެ މި އަމަލުތައް ކުށްވެރިކުރައްވާފައެވެ. އޭނާ ވިދާޅުވީ ވޭތުވެދިޔަ 10 ދުވަހުގެ ތެރޭގައިވެސް ފަލަސްތީނު މީހުން އެމީހުންގެ ގޭގައާއި، ހިޔާވަހިކަން ހޯދައިގެން ތިބި ފޭލިގެތަކާއި، މަގުމަތީގައާއި، އުޅަނދުތަކުގެ އިތުރުން ސިއްހީ މަރުކަޒުތަކުގައި ތިއްބާ މަރަމުންދާ ކަމަށެވެ. މިއީ އިސްރާއީލުން އެއްވެސް ޖެހިލުމެއް ނެތި ހިންގަމުންދާ ލާއިންސާނީ އަމަލުތަކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450