ޚަބަރު
ބޯހިޔާވަހިކަމަށް އެދި ހުށަހެޅުމުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި
"ބޯހިޔާވަހިކަން އެންމެނަށް" ޕްރޮގްރާމް ތަޢާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---
ފަރުދުން
14 އޭޕްރީލު 2026، 08:13
14 އޭޕްރީލު 2026، 08:13
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ހުށައެޅުމުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ބޯހިޔާވަހިކަމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކުރީ މެއި މަހުގެ ނިޔަލަށް އިތުރުކޮށްފައެވެ. ކުރިން މި މުއްދަތު ހަމަވާނެކަމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ކަނޑައަޅާފައިވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ހިންގާ ޢާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމާއި ގޯތިގެދޮރު ޕްރޮގްރާމުގެ ދަށުން ގޯތި އަދި ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު އިތުރުކުރުމާ ގުޅޭ
— Ministry of Construction, Housing & Infrastructure (@MoCImv) April 13, 2026
އެޕްލިކޭޝަން ހުށަހެޅުން:https://t.co/RmhurERkNa
އިއުލާނު:… pic.twitter.com/6JeASf2Qcl
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމަށް ހުށަހެޅުމަށް ހުޅުވާލީ ޖެނުއަރީ މަހުގައެވެ. މި ސްކީމުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މާލެ ސަރަޙައްދުން 7,900 ފްލެޓް ދޫކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ފްލެޓް ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ވަނީ ކަނޑައަޅާފައެވެ.
ގޯތި ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި، އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި ހިމެނެއެވެ. މީގެ އިތުރުން މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގޯތިތަކާއި ލާޖައްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1,500 ގޯތި ވަނީ ޚާއްޞަކޮށްފައެވެ. އަދި ކުރީގެ ސްކީމަކުން 1 ނުވަތަ 2 ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން ދަރިން ތިބި މިންވަރަށް ބަލައި، ވަކި ޝަރުތުތަކަކާއެކު 3 ކޮޓަރީގެ ފްލެޓަށް އެދި ހުށައެޅުމުގެ ފުރުޞަތު މިސްކީމުގެ ދަށުން ލިބިގެންދާނެއެވެ.
ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވަނީ ގޯއްޗާއި ފްލެޓަށް އެދުމުގެ ބައެއް އުޞޫލްތަކަށް ބަދަލު ގެނެސްފައެވެ. އެގޮތުން ފިރިމީހާ ނުވަތަ އަނބިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، ގޯއްޗަކަށް ކުރިމަތިލުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އަދި ޖޮއިންޓްކޮށް ގޯތި ލިބުނު މީހުން ގޯތި ދޫކޮށްލާ، ވަކިން ގޯއްޗަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް އެ ފުރުޞަތުވެސް ހުޅުވާލާފައި އޮތްކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކޮށްފައިވާ ކެޓަގަރީގެ ޝަރުޠުތަކަށް ބަދަލުތަކެއް ގެނެސް، އެ ކެޓަގަރީން ފުލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތުވެސް މިހާރު ވަނީ ހުޅުވާލާފައެވެ.