ޚަބަރު
މައްސަލަ އިސްތިއުނާފުކޮށް ސީލައިފްގެ ވެރިޔާގެ ޕާސްޕޯޓު ހިފަހައްޓައިފި
ކްރިމިނަލް ކޯޓުން ހުކުމްކުރި ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ މުޙައްމަދު---
ފަރުދުން
14 އޭޕްރީލު 2026، 08:51
14 އޭޕްރީލު 2026، 08:51
ފްލެޓު އަޅައިދޭނެކަމަށް ބުނެ އެތައް ބައެއްގެ އަތުން އޮޅުވާލައިގެން ފައިސާ ނެގި މައްސަލައިގައި އޭނާގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ މުޙައްމަދު (އައްމަޓީ)ގެ ޕާސްޕޯޓު ހިފަހައްޓަން ހައި ކޯޓުން އަމުރުކޮށްފިއެވެ.
އަހުމަދު މޫސާގެ މައްޗަށް ކުރަނީ 2014ގައި އޭރުގެ ސަރުކާރުން ހުޅުމާލެއިން ދިން ބިމެއްގައި 3،000 ފްލެޓް އެޅުމަށް 280 މީހެއްގެ އަތުން ފައިސާ ނަގައި އެ ފައިސާއަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތެވެ. އެގޮތުން މި މައްސަލައާ ގުޅިގެން 30 މެއި 2021ގައި އޭނާގެ މައްޗަށް ވަނީ 42 ދައުވާއެއް އުފުލާފައެވެ. ނަމަވެސް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ހުކުމްކުރީ އޭނާގެ މައްޗަށް އެއްވެސް ދަޢުވާއެއް ސާބިތުނުވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ހޯމަދުވަހު ބުނީ، އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަމަށާއި، އެހެންކަމުން އަހުމަދު މޫސާގެ ޕާސްޕޯޓު ހިފެހެއްޓުމަށް އެ ކޯޓުން އަމުރު ނެރެފައިވާ ކަމަށެވެ.
ކްރިމިނަލް ކޯޓުން މި މައްސަލައިގައި ކުރި ޙުކުމުގައި ބުނީ، އަހުމަދު މޫސާ ކުރި އަމަލުތަކަށް ފިޔަވަޅު އަޅަން ޖެހޭނީ މަދަނީ އަދުލުގެ ނިޒާމުގެ ތެރެއިންކަމަށާއި، އެ ތުހުމަތުތަކަކީ މަދަނީ ތޮބީއަތެއް ހިމެނޭ ދައުވާތަކެއް ކަމަށެވެ. އެހެންކަމުން އޭނާގެ މައްޗަށް ޖިނާއީ ދަޢުވާއެއް ނުކުރެވޭނެކަމަށް އެ ޙުކުމުގައި އޮތެވެ.
ޕީޖީ އޮފީހުން ބުނީ އަހުމަދު މޫސާގެ މައްޗަށް އުފުލި ދައުވާތަކަކީ ހިޔާނާތްތެރިވުމުގެ ކުށުގެ އުންސުރުތައް ފުރިހަމަވާ ދައުވާތަކެއް ކަމަށް އެ އޮފީހުން ދެކޭ ކަމަށެވެ.
އެ މައްސަލާގައި އައްމަޓީ ރާއްޖެ އިން ބޭރުގައި އުޅެނިކޮށް ސްރީ ލަންކާ އިން އޭނާ ހައްޔަރު ކުރުމަށް ފަހު ރާއްޖެ ގެނައީ 2021 ވަނަ އަހަރު އެވެ. އަދި އެ މައްސަލާގައި ދުވަސްތަކެއް ވަންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ފަހު، ފަހުން ހުރީ ދޫކޮށްލައިފައެވެ.
ފްލެޓު އެޅުމަށް ސީލައިފާ ހަވާލުކުރުމުން އެ ތަންތަން ވިއްކުމުގެ ނަމުގައި އެތައް ސަތޭކަ ބައެއްގެ އަތުން ބުކިން ފީ ނެގި މައްސަލަ ފެންމަތިވުމުން އެކަން ތަހުޤީޤު ކުރަން ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅިއެވެ. އަދި ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ވެސް ބަޔަކު ދިޔައެވެ.
އެކަމަކު އޭގެ ފަހުން ސެޓްލްމަންޓް އެގްރީމެންޓް ހެދީ ސީލައިފްގެ ސަބަބުން ގެއްލުންވި މީހުންގެ ތެރެއިން 203 މީހަކު ދައުލަތާ ދެކޮޅަށް ދައުވާކުރުމުންނެވެ. ދައުވާކުރި މީހުންނަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅައި އަދި ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ފްލެޓް ގަތުމަށް އެ މީހުންނަށް ފުރުސަތު ދޭ ގޮތަށް އެގްރިމެންޓް ހަދައި އެޗްޑީސީން އޭރު މައްސަލަ ހައްލުކުރީ ކޯޓުން ބޭރުގައެވެ.
ފަހުން، އެ މީހުންނަށް ވަނީ ހުޅުމާލޭ 2 ގައި ކުރިއަށް ގެންދިޔަ ވިނަރެސް ފްލެޓު ގަތުމުގެ ފުރުސަތު ދީފައެެވެ.