ޚަބަރު
ފުޓްސަލް އަދި ނެޓްބޯލް ކޮމްޕްލެކްސްގެ ބަޖެޓު ވަނީ ހަމަޖެހިފައި: ވަޒީރު ރާފިއު
ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު---
ފަރުދުން
14 އޭޕްރީލު 2026، 09:31
14 އޭޕްރީލު 2026، 09:31
ފުޓްސަލް ކޮންޕްލެކްސްއާއި ނެޓްބޯލް ކޮންޕްލެކްސް ޤާއިމް ކުރުމަށް ބޭނުންވާ ބަޖެޓު ހަމަޖެހިފައިވާކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ވިދާޅުވީ، މިހާރު ކުރިޔަށްދަނީ ކުރެހުންތައް ފަރުމާކުރުމުގެ މަސައްކަތް ކަމަށާއި، އެ މަސައްކަތް ދެ ކުންފުންޏަކާ ހަވާލުކޮށްފައި ވާނެކަމަށެވެ. އަދި މި ޕްރޮޖެކްޓްތަކަށް ބޭނުންވާ ބިންވެސް މިހާރު ހަމަޖެހިފައިވާ ކަމަށާއި، އަދި މިމަހުގެ ތެރޭގައި އެ ދެ ތަނުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މި ދެ ޕްރޮޖެކްޓުގެ މަސައްކަތް ފެށުމަށްފަހު ނުހުއްޓި ކުރިޔަށްދާނެ ކަމަށް ސަރުކާރުން ވަނީ ޔަގީންކަން ދެއްވާފައެވެ. ފުޓްސަލް ކޮމްޕްލެސް އާއި ނެޓްބޯލް ކޮމްޕްލެކްސް އަކީ ބައިނަލްއަގްވާމީ ފެންވަރުގެ މުބާރާތްތައް ބޭއްވޭ ގޮތަށް ތައްޔާރުކުރާ ދެ ކޮމްޕްލެކްސްއެވެ.
އަދި މި ފުޓްސަލް ކޮމްޕްލެކްސް ވެގެންދާނީ މި ސަރަހައްދުގައި އަޅާ އެންމެ ފެންވަރު ރަނގަޅު ފުޓްސަލް ކޮމްޕްލެކްސްއަށް ކަމަށް ސަރުކާރުން ބުނެއެވެ. މިތަން ތަރައްޤީކުރަނީ ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވޭ ފެންވަރުގެ ސްޓޭޑިއަމަކާއި ހަތަރު ޕްރެކްޓިސް ފިޗާއި ރެސްޓޯރެންޓާއި އެކުގައެވެ.
މި ދެ ކޮމްޕްލެކްސް ވެސް އެޅުމަށް ހަމަޖެހިފައި ވަނީ ހުޅުމާލޭގައެވެ.