ޚަބަރު
ހުޅުމާލެ 3 ވަނަ ފިޔަވަހިން ގޯތި ލިބުނު ފަރާތްތަކަށް 100 އަށްވުރެ ގިނަ ބިން ހަވާލުކޮށްފި
ބިން ހަވާލުކުރުން/ފޮޓޯ: ވުޒާރާ
ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ 3 ވަނަ ފިޔަވަހިން ގޯތި ލިބުނު ފަރާތްތަކަށް މިހާތަނަށް 100 އަށްވުރެ ގިނަ ބިން ހަވާލުކޮށްފި އެވެ.
އެ ސަރަޙައްދުން ބިން ހަވާލުކުރުމުގެ މަސައްކަތް މިދިޔަ މަހުގެ 26 ވަނަ ދުވަހު ފަށާފައިވާއިރު، މި ފިޔަވަހީގައި 698 ފަރާތަކަށް ގޯތި ދޫކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
އެ ސަރަޙައްދުން ގޯތި ލިބުނު މީހުންނާއެކު، އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން އެއްބަސްވުމުގައި ސޮއިކޮށް ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް 451 މީހުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ. އަދި އެ ފަރާތްތަކާ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާއިރު، މިހާތަނަށް 125 ބިމެއް، އިންވަކިކޮށް، ވެރިފަރާތްތަކާ ހަވާލުކޮށްފައިވާކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.
ހުޅުމާލެ 3 ވަނަ ފިޔަވަހިން 7 ސައިޒެއްގެ ގޯތި ދޫކުރެއެވެ. އެއީ:
- 1650 އަކަފޫޓުގެ 181 ގޯތި
- 2050 އަކަފޫޓުގެ 242 ގޯތި
- 2450 އަކަފޫޓުގެ 132 ގޯތި
- 2850 އަކަފޫޓުގެ 62 ގޯތި
- 3250 އަކަފޫޓުގެ 41 ގޯތި
- 3650 އަކަފޫޓުގެ 16 ގޯތި
- 4000 އަކަފޫޓުގެ 24 ގޯތި
މި ސަރަޙައްދުން މިދިޔަ ސަރުކާރުން ގޯތި ދޫކޮށްފައި ވަނީ ބިން ހިއްކުމުގެ ކުރިންނެވެ. އަދި ބިން ދޫކުރި ނަމަވެސް، ބިން ހިއްކުމުގެ މަސައްކަތް އެކިފަހަރުގެ މަތިން ފަށައި، އެކަން ފުރިހަމަކޮށް ނިމުމާ ހިސާބަށް ގޮސްފައެއް ނުވެއެވެ. އެހެންކަމުން ހުޅުމާލެ 2 ވަނަ ފިޔަވަހިން ގޯތިތައް ކަނޑާ ދޫކުރަމުންދިޔައިރު، ތިންވަނަ ފިޔަހިން ގޯތި ލިބުނު މީހުންނަށް ބިން ނުލިބުމުގެ ޝަކުވާ އެ ސަރަޙައްދުން ގޯތި ލިބުނު މީހުން ދިޔައީ ހުށައަޅަމުންނެވެ. އަދި އެ ޝަކުވާތައް އިތުރުވެފައިވުމާއި، މި ސަރުކާރުން އެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި ހަވާކޮށް، ބާރު ދުވެލީގައި ބިންހިއްކާ ނިންމާލިއެވެ.
ހުޅުމާލެ 3 ވަނަ ފިޔަވަހިން ގޯތި ލިބުނު ފަރާތްތަކަށް ގޯތި އޮންނަ ސަރަޙައްދު ނުވަތަ ޕްލޮޓް ކަނޑައެޅުމަށް އެކަމުގެ ގުރުއަތު ނަގާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ.