ދުނިޔެ

ސުޕަރ ޓައިފޫން ސިންލަކޫ ނޮދަން މަރިއާނާ އައިލެންޑްސް އަދި ގުއާމަށް އަރަނީ

ސުޕަރ ޓައިފޫން ސިންލަކޫ ނޮދަން މަރިއާނާ އައިލެންޑްސް އަދި ގުއާމަށް އަރަނީ

ޓައިފޫން ސިންލަކޫ ގެ މިސްރާބު ދައްކުވައިދޭ ސެޓެލައިޓް ފޮޓޯއެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 އޭޕްރީލު 2026، 12:28

14 އޭޕްރީލު 2026، 12:28

ހުލާސާ


ޕެސިފިކް ކަނޑުގެ އުތުރުގައި އޮންނަ މަރިއާނާ އައިލެންޑްސްއާ ދިމާލަށް ބާރުގަދަ ތޫފާނެއް ކަމަށްވާ ސުޕަރ ޓައިފޫން ސިންލަކޫ ދަތުރުކުރަމުންދާތީ، އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ގެއްލުން ދެނިވި ތޫފާނީ ވަައިޖެހޭނެ ކަމަށް ލަފާކޮށްފިއެވެ.

މިދިޔަ އޭޕްރީލް މަހުގެ 9 ވަނަ ދުވަހު އުފެދުނު ސިންލަކޫ އަކީ 2026 ވަނަ އަހަރު މިހާތަނަށް އުފެދުނު އެންމެ ބާރުގަދަ ތޫފާނެވެ. އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިދިޔަ ހޯމަ ދުވަހު މި ތޫފާނުގެ ވައިގެ ބާރުމިން ގަޑިއަކު 278 ކިލޯމީޓަރު (173 މޭލު) އަށް ހުއްޓެވެ. ޔޫއެސް ޖޮއިންޓް ޓައިފޫން ވޯނިންގ ސިސްޓަމުން ބުނި ގޮތުގައި، އަންގާރަ ދުވަހުގެ މެންދުރު ވަގުތު ތޫފާން ހުރީ ނޮދަން މަރިއާނާ އައިލެންޑްސްގެ ސައިޕަން އައިލެންޑާ 126 ކިލޯމީޓަރު ދުރުގައެވެ.

ގުއާމްގެ ސިވިލް ޑިފެންސް އޮފީހުން ބުނި ގޮތުގައި، ތޫފާން ކޮންމެވެސް ވަރަކަށް ބަލިކަށިވަމުން ދިޔަ ނަމަވެސް، މިއީ އަދިވެސް ނުރައްކާތެރި ތޫފާނެކެވެ. ތޫފާން މަރިއާނާ އައިލެންޑްސް ކައިރިން ދަތުރުކުރާނީ ކެޓަގަރީ 4 ނުވަތަ 5 ގެ ބާރުމިނުގައެވެ. މީގެ ސަބަބުން ފެންބޮޑުވުމާއި، ކަރަންޓު ކެނޑުން ފަދަ ހާދިސާތައް ހިނގާފާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.

ގުއާމަށް ތޫފާން ސީދާ އަރާނެ ކަމަށް ނުބެލެވުނު ނަމަވެސް، އެ ރަށަށް ގަޑިއަކު 64 އާއި 80 ކިލޯމީޓަރާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި 105 ކިލޯމީޓަރަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވެއެވެ. "ގުއާމް އަދިވެސް އޮތީ ޓްރޮޕިކަލް ސްޓޯމް ވޯނިންގް އެއްގެ ދަށުގައެވެ. މިއީ ވަރަށް ސީރިއަސް މޫސުމީ ހާދިސާއެއް،" ސިވިލް ޑިފެންސް އޮފީހުން ބުނެފައިވެއެވެ. އަދި ބުރާސްފަތި ދުވަހާ ހަމައަށް ކަނޑު ގަދަވާނެތީ މޫދަށް ނޭރުމަށް 170،000 ރައްޔިތުންނަށް ވަނީ އަންގާފައެވެ.

މި ތޫފާން ގުއާމާ ދިމާލަށް ދަތުރުކުރުމުގެ ކުރިން، ފެޑެރޭޓެޑް ސްޓޭޓްސް އޮފް މައިކްރޮނޭޝިއާގެ ޗޫކްގެ ބައެއް ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް މޫސުމާ ބެހޭ މާހިރުން ބުނެއެވެ. މީގެ އިތުރުން، މި ފަހަކުން ކުރިމަތިވި ތޫފާން 'މައިލާ' ގެ ސަބަބުން ޕަޕުއާ ނިއު ގިނީ އާއި ސޮލޮމަން އައިލެންޑްސް އަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އޮސްޓްރޭލިއާއިން 1.75 މިލިއަން ޑޮލަރުގެ އެހީއެއް ވަނީ އިއުލާނުކޮށްފައެވެ.

ޕަޕުއާ ނިއު ގިނީގެ ބޮޑުވަޒީރު ޖޭމްސް މަރާޕޭ ވިދާޅުވި ގޮތުގައި، ތޫފާނުގެ ސަބަބުން ލިބުނު ގެއްލުންތައް ބަލަމުންދާ ކަމަށާއި، އަސަރުކުރި ކޮންމެ މުޖުތަމައަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. ސުޕަރ ޓައިފޫން އަކީ އާންމުކޮށް ޕެސިފިކް ކަނޑުގެ ހުޅަނގު އުތުރު ސަރަހައްދުގައި އުފެދޭ އެންމެ ބާރުގަދަ ތޫފާންތަކަށް ކިޔާ ނަމެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450