ޚަބަރު
ފީއަލީގައި ހިނގި އަލިފާނުގެ ޙާދިސާއާ ގުޅިގެން ފުލުހުންގެ ވަފުދެއް އެރަށު ކައުންސިލާ ބައްދަލުކޮށްފި
ބައްދަލުވުމުގެ ތެރެއިން/ފޮޓޯ: ފުލުހުން
ފ. ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރިއަށްދާ ތަޙުޤީގާއި، އެކަމާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކާ ބެހޭގޮތުން މަޢުލޫމާތު ހިއްސާކުރުމަށް ފުލުހުންގެ ވަފުދެއް ފީއަލީ ކައުންސިލާ ބައްދަލުކޮށްފިއެވެ.
ފީއަލީ ކައުންސިލް އިދާރާގައި ބޭއްވުނު މި ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން އިސްކޮށް ބައިވެރިވެލެއްވީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު އަޒުހާނެވެ. މި ބައްދަލުވުމުގައި ފުލުހުންގެ އިސް ބައެއް ބޭފުޅުންނާއި ފީއަލީ ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ފުލުހުން ވަނީ، އެރަށުގައި ހިނގި އަލިފާނުގެ ޙާދިސާއާއި ގުޅިގެން ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ ތަޙުޤީގުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކޮށް، މި މައްސަލައަށް ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން، ރަށުގައި ތިބި ފުލުހުންގެ އިތުރުން މާލެއިން އެރަށަށް ދިޔަ ޚާއްޞަ ތަޙުޤީގު ޓީމަކުން މިހާރުވެސް މަސައްކަތް ކުރަމުންދާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.

މީގެއި ތުރުން، މިފަދަ ހާދިސާތަކާ ގުޅިގެން އެކި މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ފުލުހުން ފާހަގަކުރިއެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ހާދިސާތައް މަދުކުރުމަށާއި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލާ، ހާދިސާ ހިނގި ވަގުތު ފީއަލީގެ ރައްޔިތުންގެ ފަރާތުން ލިބުނު ބޮޑު އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި ފުލުހުން ވަނީ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ. ޚާއްޞަކޮށް، ހާދިސާ ކޮންޓްރޯލް ކުރުމުގައާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމުގައި ރައްޔިތުން ދެއްކި ނަމޫނާ ފުލުހުން ފާހަގަކުރިއެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފީއަލީ ކައުންސިލުން ވަނީ، ހާދިސާ ހިނގި ސަރަޙައްދުގައި ފުލުހުންނާއި އެހެނިހެން އިދާރާތަކުން ހަރަކާތްތެރިވެ، ހާދިސާ އިތުރަށް ގޯސްވިޔަނުދީ ކޮންޓްރޯލް ކުރުމަށް ކުރި މަސައްކަތް ފާހަގަކޮށް، އެ ފަރާތްތަކަށް ތަޢުރީފުކޮށްފައެވެ. އަދި ކައުންސިލުން ވަނީ މި ހާދިސާގެ ސަބަބުން އުޅަނދުފަހަރަށާއި ރަށުގެ އުމްރާނީ ވަޞީލަތްތަކަށް ލިބުނު ގެއްލުންތަކާ މެދު ކަންބޮޑުވުން ފާޅުކޮށް، ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ކުރާ ތަޙުޤީގު ވީހާވެސް އަވަހަށް ނިންމުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.

މި މައްސަލައިގެ ތަޙުޤީގާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް ރަސްމީ ވަޞީލަތްތައް މެދުވެރިކޮށް ހިއްސާކުރަމުންދާނެ ކަމަށާއި، އަދި ހާދިސާއިން ލިބުނު ގެއްލުންތަކުން އަރައިގަތުމަށާއި ރައްކާތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އިތުރު މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް މި ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.