ޚަބަރު
ޕީއެންސީގެ އެތެރޭގެ އިންތިޚާބު ފެށިގެން ކުރިއަށްދަނީ
ޕީއެންސީގެ އިންތިހާޞުގެ ތެރެއިން ފޮޓޯ"ޕީއެސްއެމް
ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އެތެރޭގެ އިންތިޚާބު މިއަދު ފަށައިފިއެވެ. މި އިންތިޚާބުގެ ވޯޓުލުން ފެށިފައިވަނީ މިއަދު ހެނދުނު 10:00 ގައެވެ. ޕީއެންސީން މަޢުލޫމާތު ދިންގޮތުގައި ވޯޓުލުން ކުރިއަށްދާނީ މެންދުރުފަހު 14:00 އާ ހަމައަށެވެ.
މި އިންތިޚާބަކީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް ކުރިއަށްގެންދާ އިންތިޚާބެކެވެ. އިންތިޚާބުގައި ޕާޓީގެ އިސް މަޤާމުތަކަށް ބޭފުޅުން އިންތިޚާބުކުރުމަށް ހަމަޖެހިފައިވާއިރު، ގިނަ ރަށްތަކުގައި އިންތިޚާބަކާ ނުލައި މަޤާމުތަކަށް ބޭފުޅުން ވަނީ ހޮވިފައެވެ. މީގެ ތެރޭގައި ދާއިރާތަކުގެ ރައީސުންނާއި ނައިބުން ހިމެނެއެވެ.
ވޯޓުލުމުގެ އިންތިޒާމުތަކާ ގުޅޭގޮތުން ޕީއެންސީން ހާމަކުރި ގޮތުގައި، ރަށްރަށުގައި ވޯޓު ފޮށި ބަހައްޓާފައިވަނީ އެ ރަށެއްގެ ސްކޫލުގައެވެ. މާލޭގެ ދާއިރާތަކާއި އަތޮޅުތަކުގެ ފޮށިތައް ބަހައްޓާފައިވަނީ ދަރުބާރުގޭގައެވެ. ހުޅުމާލޭގެ ދާއިރާތަކުގެ ފޮށި ބަހައްޓާފައިވަނީ ރެހެންދި ސްކޫލުގައި އަދި ވިލިމާލެ ދާއިރާގެ ފޮށި ބަހައްޓާފައިވަނީ މުޙިއްޔުއްދީން ސްކޫލުގައެވެ.
ޕީއެންސީގެ އެތެރޭގެ އިންތިޚާބު އިޢުލާންކޮށް، އިންތިޚާބުކުރާ މަޤާމުތަކަށް ކުރިމަތިލާން ހުޅުވާލީ މިދިޔަ ސެޕްޓެންބަރުމަހުގެ 11 ވަނަ ދުވަހުއެވެ. އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ.
ޕީއެންސީން ފާހަގަކުރި ގޮތުގައި މިއީ މިހާތަނަށް ރާއްޖޭގައި ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ބޮޑު އިންތިޚާބެވެ. މި އިންތިޚާބުގައި ޖުމްލަ 2095 މަޤާމަކަށް މެންބަރުން އިންތިޚާބުކުރެވޭނެއެވެ. އިންތިޚާބުކުރެވޭ މަޤާމުތަކުގެ ތެރޭގައި ދާއިރާތަކުގެ ރައީސުންނާއި ނައިބުރައީސުން، ރަށްރަށުގެ ޒުވާނުންގެ ހަރަކާތުގެ ރައީސުން، ރަށްރަށުގެ އަންހެނުންގެ ހަރަކާތުގެ ރައީސުން އަދި ސްޓިއަރިން ކޮމިޓީތަކުގެ މެންބަރުން ހިމެނެއެވެ.
ޕީއެންސީން އިތުރަށް ހާމަކުރި ގޮތުގައި ކޮންމެ ރަށެއްގައިވެސް ސްޓިއަރިން ކޮމިޓީތަކަށް މެންބަރުން ހޮވޭނެއެވެ. ރަށެއްގެ އާބާދީ 3000 މީހުންނަށްވުރެ މަދުނަމަ، އެ ރަށެއްގެ ސްޓިއަރިން ކޮމިޓީއަށް 7 މެންބަރުން އިންތިޚާބުކުރެވޭނެއެވެ. އަދި އާބާދީ 3000 މީހުންނަށްވުރެ ގިނަނަމަ، 9 މެންބަރުން އިންތިޚާބުކުރެވޭނެއެވެ.