ޚަބަރު
ސުކޫކު ދެއްކުމަކީ ރާއްޖޭގައި މިހާރު ދަރަނީގެ ޙާލަތު ނެތްކަން ދައްކުވައިދޭ ކަމެއް: ވަޒީރު ސަޢީދު
ވަޒީރު ސަޢީދު. ފޮޓޯ: ރައީސް އޮފީސް
ކުރީގެ ސަރުކާރުން 2021 ވަނަ އަހަރު ދޫކުރި ސުކޫކަށް ދައްކަންޖެހޭ 524.68 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 8 ބިލިއަން ރުފިޔާ) މި ސަރުކާރުން ދެއްކުމަކީ ރާއްޖޭގައި މިހާރު ދަރަނީގެ ނުރައްކާތެރި ޙާލަތެއް ނެތްކަން ދައްކުވައިދޭ ކަމެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ވިދާޅުވީ، މިއީ އިންވެސްޓަރުންނަށް ރާއްޖެއާ މެދު އޮތް އިތުބާރު ބޮޑުވެގެންދާނެ ކަމެއް ކަމަށެވެ.
ވަޒީރު ސަޢީދު ފާހަގަކުރެއްވި ގޮތުގައި، މިދިޔަ ހައެއްކަ އަހަރު ދުނިޔޭގެ މާލީ އިދާރާތަކާއި ރާއްޖޭގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް އޮތީ މި އޭޕްރީލް މަހު އަދާކުރަންޖެހޭ މި ބޮޑު ސުކޫކުގެ މައްސަލައެވެ. ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން އުފެއްދި މި ދަރަނި ދެއްކޭނެތޯ ބައިނަލްއަޤްވާމީ ދުނިޔޭގައި ސުވާލު އުފެދިފައި އޮތް ކަމަށާއި، ބައެއް މީޑިއާތަކުން ރާއްޖެއަށް ސްރީލަންކާއަށް ދިމާވި ފަދަ އިޤްތިޞާދީ ނިކަމެތިކަމެއް ކުރިމަތިވެދާނެ ކަމަށްވެސް ބުނަމުންދިޔަ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ރާއްޖޭގައި އިންވެސްޓްކުރުމަށްޓަކައި ތައްޔާރަށް ތިބި އެތައް ބަޔަކު، ކޮމްޕެނީތަކެއް ނުވަތަ ފަރާތްތަކެއް. އެފަރާތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ޔަގީންކަމެއް އެއީ ރާއްޖެއާ ދޭތެރޭގައި. އަދި އޭގެ އިތުރަށް ދިވެހިރާއްޖޭގައި އިންވެސްޓްކޮށްގެން ތިބި ފަރާތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު އިތުބާރެއްވެސްމެ،" ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، ދަރަނި އަދާކުރަންޖެހޭ ތާރީޚުގެ އެއް ހަފްތާ ކުރިން އެ ފައިސާ ދައްކާ ނިންމުމަކީ ދިވެހި ރައްޔިތުންނަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ދުނިޔޭގެ މަޤްބޫލު ނޫސްތަކުންވެސް މި ކާމިޔާބީ ފާހަގަކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ އުނދަގޫ ދަނޑިވަޅެއްގައި، ރާއްޖެފަދަ ކުޑަ ޤައުމަކުން މިފަދަ ބޮޑު ދަރަންޏެއް އަދާކުރުމަކީ މުސްތަޤްބަލުގައި ބޭންކުތަކާއި މާލީ އިދާރާތަކުން ރާއްޖެއަށް ކުރާ އިތުބާރު ދަމަހައްޓާނެ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ސަޢީދު އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި ނެގި މި ބޮޑު ދަރަނި އަދާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ދައުރުގައި މިހާތަނަށް ހޯއްދެވި އެންމެ ބޮޑު އެއް ކާމިޔާބީ ކަމަށެވެ. މީގެ ސަބަބުން ރާއްޖޭގެ މާލީ ބާޒާރުގައި ހުރި އެކިއެކި ޕްރޮޑަކްޓްތަކަށް އިންވެސްޓްކުރަން ތިބި ފަރާތްތަކަށް ބޮޑު ޔަގީންކަމެއް ލިބިގެން ގޮސްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.