ޚަބަރު
"މިޙާލަތުގައި އެންމެ ބޮޑު އަމާޒަކީ ބާޒާރުގައި ހުރި ތަކެތީގެ އަގުތަކަށް އަންނަ ބަދަލުތައް ދެނެގަނެ، އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ލިބޭނެކަން ކަށަވަރުކުރުމަށް"
ވަޒީރު ސަޢީދު. ފޮޓޯ: ރައީސް އޮފީސް
ދުނިޔޭގެ މަސްރަޙުގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން، ބާޒާރުގައި ތަކެތީގެ އަގުތަކަށް އަންނަ ބަދަލުތައް ދެނެގަނެ، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް މެދުނުކެނޑި ލިބޭނެކަން ކަށަވަރުކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އަމާޒު ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ވަޒީރު ސަޢީދު ވިދާޅުވީ، ޚާއްޞަކޮށް މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ކުރިމަތިވެދާނެ ގޮންޖެހުންތަކަށް މިނިސްޓްރީން ވަރަށް ބޮޑަށް ސަމާލުކަން ދެމުންދާ ކަމަށެވެ. "މިނިސްޓްރީގެ މަސައްކަތުގެ ބޮޑުބައި، ހަނގުރާމަ ދުނިޔޭގައި ހިނގަމުންދާ މި ޙާލަތުގައި... ވަރަށް ބޮޑަށް އަޅުގަނޑުމެން މި ގެންދަނީ ތަކެތީގެ އަގުތަކަށް އަންނަ ބަދަލުތަކާ އެކިއެކި ބާވަތްތައް ބާޒާރުގައި ދަތިނުވެ ލިބެން ހުންނާނެކަން ޔަގީންކުރަމުން" ވަޒީރު ވިދާޅުވިއެވެ.
ތެލާއި ކާބޯތަކެތީގެ ޝިޕްމަންޓްތައް އަންނާނެ ތާރީޚުތައް
ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ މުދާ ރާއްޖެއަށް ލިބޭނެ ތާރީޚުތައް ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، އެސްޓީއޯ މެދުވެރިކޮށް ޕެޓްރޯލް ޝިޕްމަންޓްތައް އޭޕްރީލް 20، މެއި 8، މެއި 26 އަދި ޖޫން 14 ގައި ރާއްޖެ އަންނާނެ ކަމަށެވެ. އަދި ޑީސަލް ޝިޕްމަންޓްތައް އޭޕްރީލް 17، އޭޕްރީލް 30، މެއި 7 އަދި މެއި 15 ގައި އައުމަށް ވަނީ ތާވަލުކުރެވިފައެވެ. މީގެއިތުރުން، އަސާސީ ކާބޯތަކެތި ކަމަށްވާ ހަނޑޫ، ފުށް އަދި ހަކުރުގެ ޝިޕްމަންޓްތައް އޭޕްރީލް 14، 16، 26 އަދި 28 ވަނަ ދުވަހު ރާއްޖެ އަންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖެއަށް މުދާ އެތެރެކުރާ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހާ އަޅާބަލާއިރު މިއަހަރުގެ އެ މުއްދަތުގައި އިމްޕޯޓް 19 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރު 13.6 ބިލިއަން ރުފިޔާގެ މުދާ އެތެރެކުރިއިރު، މިއަހަރުގެ އެ މުއްދަތުގައި 16.2 ބިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.
ލަންކާގެ ޕޯޓުގައި ތާށިވެފައި ހުރި ކޮންޓެއިނަރުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، އެކަން ޙައްލުކުރުމަށް ކުރެވުނު މަސައްކަތުން ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. މިދިޔަ ހަފްތާގައި 4241 ކޮންޓެއިނަރު ހުރި ނަމަވެސް، މިހާރު ދަތުރުފަށާފައިވާ ބޯޓުތަކާއެކު އެ އަދަދު 1741 އަށް މަދުކުރެވި، މުދާ ގެނައުމުގެ ކަންކަން އާއްމު ޙާލަތަކަށް ރުޖޫޢަވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ނިންމަވާލައްވަމުން ވަޒީރު ފާހަގަކުރެއްވީ، ރާއްޖެއަށް އަލަށް ފެށި ފްލައިޓްތަކާއެކު އެއަރ ކާގޯގެ ޚިދުމަތަށް ވެސް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށާއި، މިއީ ރާއްޖޭގެ އިޤްތިޞާދީ ދުވެއްޔަށް ލިބޭ ބޮޑު ބާރެއް ކަމަށެވެ.