Ads by Farudhun

ޚަބަރު

ބްރިޖު ދަށުގައި ދިރިއުޅުނު މީހުން ފޮނުވާލައިފި، އެސަރަހައްދު ފުލުހުން ބަލަހައްޓަނީ

ބްރިޖު ދަށުގައި ދިރިއުޅުނު މީހުން ފޮނުވާލައިފި، އެސަރަހައްދު ފުލުހުން ބަލަހައްޓަނީ

ބްރިޖް ދަށުގައި މީހުން ދިރިއުޅުމަށް ތައްޔާރުކޮށްފައި އޮތް ތަނެއް. ފޮޓޯ: ދުވަސް އެމްވީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 އޭޕްރީލު 2026، 05:06

14 އޭޕްރީލު 2026، 05:06

ސިނަމާލެ ބްރިޖު ދަށުގައި ބަޔަކު ދިރިއުޅެމުންދާ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، އެ ސަރަހައްދުގައި ތިބި މީހުން ފޮނުވާލައި، އެ ސަރަހައްދު ފުލުހުން ބަލަހައްޓަން ފަށައިފިއެވެ.

 ފުލުހުން ވިދާޅުވީ ބްރިޖު ދަށުގައި މީހުން ދިރިއުޅޭ މައްސަލަ ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެ ސަރަހައްދު ދޭތެރެދޭތެރެއިން ބަލައި ފާސްކުރަމުން ގެންދާނެ ކަމަށެވެ.

ބްރިޖު ދަށުގައި ބަޔަކު ދިރިއުޅެމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރުނު ޚަބަރުތަކާ ގުޅިގެން ފުލުހުން ވަނީ އެ ސަރަހައްދު ތަހުގީގުކޮށްފައެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، އެ ސަރަހައްދުގައި ތިބި މީހުން ފޮނުވާލާފައިވަނީ އެއީ ކޮން ބައެއްކަން ދެނެގަނެ، އެމީހުންގެ މައުލޫމާތު ސާފުކުރުމަށްފަހު ކަމަށެވެ.

ފުލުހުން ހާމަކުރެއްވި ގޮތުގައި އެ ސަރަހައްދުގައި ދިރިއުޅެމުން ދިޔައީ ބިދޭސީންނެވެ. އަދި އެ މީހުން އެތަނުގައި ދިރިއުޅުމުގެ ސަބަބުން އުފެދިފައި ހުރި ކުނިބުނިތައް މިހާރު ވަނީ އެއްކޮށް ސާފުކޮށްފައެވެ. މިއީ އާންމު ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށް ފުލުހުން ފާހަގަކުރައްވައެވެ.

ދާއިމީ ހައްލެއް ހޯދުމަށް ޚާއްސަ ރިޕޯޓެއް
މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ފުލުހުން މިހާރު އަންނަނީ ޚާއްސަ ރިޕޯޓެއް ތައްޔާރުކުރަމުންނެވެ. މި ރިޕޯޓު ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ކަމާބެހޭ އިދާރާތަކާ ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ބޭނުމަކީ މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް އެކަށީގެންވާ ނިޒާމެއް ގާއިމުކުރުމެވެ.

މީގެ އިތުރުން، މިފަދަ މައްސަލަތަކުގައި އިޖުތިމާޢީ އެހީތެރިކަމާއި އަޅާލުން ބޭނުންވާ ފަރާތްތައް ހިމެނިދާނެތީ، އެފަރާތްތަކުގެ ރައްކާތެރިކަމާއި މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ކަމާގުޅުންހުރި މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. "އިޖުތިމާޢީ އެހީތެރިކަން ބޭނުންވާ ފަރާތްތަކުގެ މަސްލަހަތު ހިމާޔަތްކުރުމަށް އަޅުގަނޑުމެން ދަނީ މަސައްކަތް ކުރަމުން،" ފުލުހުން ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450