ދުނިޔެ
އީރާނުގެ ހަނގުރާމައާ ގުޅިގެން ތެލުގެ ޑިމާންޑް ދަށްވަނީ؛ މީގެ ފައިދާ ބޮޑުވާނީ ރަޝިޔާއަށް
އީރާނުގެ ހަނގުރާމައާ ގުޅިގެން ތެލުގެ ޑިމާންޑް ދަށްވަނީ
އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ތެލުގެ ސަޕްލައިއަށް ބުރޫއަރައި، ދުނިޔޭގެ އިގްތިސާދަށް އަންނަ ލޮޅުންތަކާއެކު، ތެލަށް އޮތް ޑިމާންޑާއި ސަޕްލައި ބޮޑުތަނުން ދަށްވާނެ ކަމަށް އިންޓަނޭޝަނަލް އެނާޖީ އެޖެންސީ (އައިއީއޭ) އިން ހާމަކޮށްފިއެވެ.
އަންގާރަ ދުވަހު އާންމުކުރި ރިޕޯޓެއްގައިވާ ގޮތުން، މިއަހަރު ދުނިޔޭގެ ތެލުގެ ޑިމާންޑް ދުވާލަކު 80,000 ފީފާއަށް ދަށްވާނެ ކަމަށް މިހާރު ވަނީ ލަފާކޮށްފައެވެ.
މި ހަމަނުޖެހުންތަކުގެ ސަބަބުން އެންމެ ބޮޑު މަންފާއެއް ކުރަމުންދާ އެއް ގައުމަކީ ރަޝިޔާއެވެ. ތެލުގެ އަގުތައް އުފުލުމާ ގުޅިގެން، ރަޝިޔާގެ ސާފުނުކުރާ ތެލާއި ތެލުގެ އުފެއްދުންތަކުން ލިބޭ އާމްދަނީ މާރިޗު މަހު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. މިއީ 2022 ވަނަ އަހަރު ޔޫކްރެއިން ހަނގުރާމަ ފެށުނު ފަހުން ރަޝިޔާގެ ތެލުގެ އާމްދަނީ އެންމެ ދަށްވި ފެބްރުއަރީ މަހަށްފަހު ލިބުނު ބޮޑު ކުރިއެރުމެކެވެ. ރަޝިޔާގެ އަސްކަރީ ހޭދަ އިތުރުވަމުންދާ މި ދަނޑިވަޅުގައި، ތެލުގެ އާމްދަނީއަކީ އެ ގައުމުގެ ދައުލަތުގެ ބަޖެޓަށް ވަރަށް މުހިންމު އެއްޗެކެވެ.
އައިއީއޭ އިން ހާމަކުރި ގޮތުގައި، މިދިޔަ މަހު ރަޝިޔާއިން ބޭރުކުރި ސާފުނުކުރާ ތެލުގެ މިންވަރު ވަނީ ދުވާލަކު 270,000 ފީފާ އިތުރުވެ، ޖުމްލަ 4.6 މިލިއަން ފީފާއަށް އަރާފައެވެ. މިއީ މައިގަނޑު ގޮތެއްގައި ކަނޑުމަގުން ކުރާ ޝިޕްމަންޓްތައް އިތުރުވުމުގެ ސަބަބުން އައި ކުރިއެރުމެކެވެ. ޔޫކްރެއިން މެދުވެރިކޮށް ހަންގޭރީއާއި ސްލޮވާކިއާއަށް ތެޔޮ ފޮނުވާ 'ޑްރޫޒްބާ' ޕައިޕްލައިން، ޖެނުއަރީ މަހުގެ ފަހުކޮޅު ދިން ހަމަލާތަކަކާ ގުޅިގެން އަދިވެސް އޮތީ ބަންދުކޮށްފައެވެ.
އީރާނުގެ ހަނގުރާމައިގެ ތެރެއިން ހޮރްމޫޒް ކަނޑުއޮޅި ބަންދުވުމަކީ ތާރީޚުގައިވެސް ތެލުގެ ސަޕްލައިއަށް އައި އެންމެ ބޮޑު ހުރަހެވެ. މިދިޔަ މާރިޗު މަހު އެކަނިވެސް ދުވާލަކު 10.1 މިލިއަން ފީފާގެ ތެޔޮ މާކެޓަށް ނުލިބި ގެއްލިފައިވާ ކަމަށް އައިއީއޭ އިން ބުނެއެވެ. ފެބްރުއަރީ 28 އިން ފެށިގެން އެމެރިކާއާއި އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، އީރާނުން ވަނީ އެ ސަރަހައްދުން ތެޔޮ އުފުލާ މައި މަގު ބަންދުކޮށްފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ބަނދަރުތައް ބްލޮކޭޑް ކުރަން ނިންމަވާފައިވާކަން އިއުލާންކުރައްވާފައެވެ. "ހޮރްމޫޒް ކަނޑުއޮޅިން އަލުން ތެޔޮ އުފުލަން ފެށުމަކީ ތެލުގެ ސަޕްލައިއަށާއި، އަގުތަކަށް އަދި ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ފިއްތުންތައް ކުޑަކުރުމަށް އޮތް އެންމެ މުހިންމު ހައްލު،" އައިއީއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެ އެޖެންސީން އިންޒާރު ދީފައިވާ ގޮތުގައި، ކަނޑުއޮޅި ބަންދުވެފައި އޮންނަ ނަމަ، ކުރިއަށް އޮތް މަސްތަކުގައި ދުނިޔޭގެ އިގްތިސާދަށް މިއަށްވުރެ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެއެވެ.