ދުނިޔެ
އެމެރިކާ ސިފައިން އީރާނުގެ ބަނދަރުތައް ބަންދުކޮށް، އިޤްތިޞާދީ މުޢާމަލާތްތައް މުޅިން ހުއްޓުވައިފި
އީރާނުގެ ކަނޑުގެ ސަރަހައްދު
އީރާނުގެ ބަނދަރުތައް އެމެރިކާ ސިފައިން ބަންދުކުރުމާ ގުޅިގެން، ކަނޑުމަގުން އެ ގައުމަށް ވަންނަ އަދި ބޭރުވާ ހުރިހާ އިޤްތިޞާދީ މުޢާމަލާތްތަކެއް އެއްކޮށް ހުއްޓިފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނެފިއެވެ.
މެދުއިރުމަތީގެ އަސްކަރީ އޮޕަރޭޝަންތައް ބަލަހައްޓާ ޔޫއެސް ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ހާމަކުރި ގޮތުގައި، މިއީ އީރާނުގެ ބަނދަރުތަކަށް ވަންނަ އަދި ނުކުންނަ ހުރިހާ ގައުމެއްގެ އުޅަނދުފަހަރަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ އޮޕަރޭޝަނެކެވެ.
ސެންޓްކޮމްގެ ކޮމާންޑަރު އެޑްމިރަލް ބްރެޑް ކޫޕާ އަންގާރަ ދުވަހުގެ ރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އީރާނުގެ އިޤްތިޞާދުގެ ގާތްގަނޑަކަށް 90 އިންސައްތަ ބިނާވެފައިވަނީ ކަނޑުމަގުން ކުރާ ބައިނަލްއަގުވާމީ ވިޔަފާރީގެ މައްޗަށް ކަމަށެވެ.
މި އޮޕަރޭޝަންގައި އެމެރިކާގެ ކަނޑުގެ ސިފައިންނާއި، މެރިންސް އަދި ވައިގެ ސިފައިން ހިމެނޭހެން 10،000 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވެއެވެ. ސެންޓްކޮމްއިން ބުނި ގޮތުގައި ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި ވިޔަފާރިކުރާ ހަ އުޅަނދަކުން ވަނީ އެމެރިކާގެ އަމުރަށް ކިޔަމަންވެ، އަނބުރާ އީރާނުގެ ބަނދަރުތަކަށް ވަދެފައެވެ. ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުގެ ޗަބަހާރު ބަނދަރުން ފުރައިގެން ދިޔަ ދެ ތެޔޮ ޓޭންކަރަކަށް އެމެރިކާގެ މަނަވަރަކުން ހުރަސްއަޅައި، އަނބުރާ ދިއުމަށް ވަނީ އަންގާފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުންމީދު ކުރައްވަނީ މި ކަމުގެ ސަބަބުން، އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް ވޮޝިންގޓަނުން ހުށަހަޅާ ޝަރުތުތަކަށް ތެހެރާނުން އެއްބަސްވާނެ ކަމަށެވެ. މި ފިޔަވަޅު އަޅާފައިވަނީ ޕާކިސްތާނުގައި ކުރިއަށްދިޔަ މަޝްވަރާތައް ނާކާމިޔާބުވުމާ ގުޅިގެންނެވެ. ސެންޓްކޮމްއިން ބުނީ ހޯމަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން އެއްވެސް އުޅަނދަކަށް އެމެރިކާގެ ހުރަސްތައް ގިރާކޮށް ނުދެވޭ ކަމަށެވެ.
ތެހެރާންގެ ސެންޓަރ ފޯ މިޑްލް އީސްޓަން ސްޓްރެޓީޖިކް ސްޓަޑީޒްގެ ސީނިއާ ރިސާޗް ފެލޯ، އަބާސް އަސްލާނީ ވިދާޅުވީ، އީރާނުން ގަބޫލުކުރާ ގޮތުގައި އެމެރިކާއިން އަލުން ސުލްހައިގެ ވާހަކަތަކަށް އިޝާރާތް ކުރަނީ ތެލުގެ ބާޒާރަށް އަތުވެދާނެ ލޮޅުން ކުޑަކުރުމަށެވެ. ބްލޮކޭޑާ ގުޅިގެން ތެލުގެ އަގު ފީފާއަކަށް 100 ޑޮލަރަށްވުރެ މައްޗަށް އެރި ނަމަވެސް، މަޝްވަރާގެ އުންމީދާއެކު އަގުތައް ވަނީ ކުޑަކޮށް ދަށްވެފައެވެ.
އީރާނުން ދެކޭ ގޮތުގައި މި ޙިޞާރަކީ މިހާރު އޮތް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފު ކަމެކެވެ. "މިހާރު އޮތް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކީ ވަރަށް ނާޒުކު އެއްޗެއް" ކަމަށް އަސްލާނީ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، މިކަމާ ގުޅިގެން އީރާނުން ދޭނެ ރައްދަކަށް މުޅި ދުނިޔެ އިންތިޒާރު ކުރަމުންދާ ކަމަށެވެ.