ދުނިޔެ
ހަނގުރާމައިގައި ލިބުނު 270 ބިލިއަން ޑޮލަރުގެ ގެއްލުމުގެ ބަދަލު ދޭންޖެހޭނެ ކަމަށް އީރާނުން ބުނެފި
އީރާނުގެ މަގެއްގައި އިރާނުގެ ސްކޫލަަކަށް ދިން ހަމަލާއެއްގައި ނިޔާވި ކުދިންތަކެއްގެ ފޮޓޯތަކެއް ހަރުކޮށްފައި
އެމެރިކާއާއެކު އާ މަޝްވަރާތަކެއް ފެށެން ކައިރިވެފައިވަނިކޮށް، ހަނގުރާމައިގައި ލިބުނު 270 ބިލިއަން ޑޮލަރުގެ ގެއްލުމުގެ ބަދަލު ދޭންޖެހޭނެ ކަމަށް އީރާނުން ބުނެފިއެވެ.
އެމެރިކާ އާއި އިސްރާއީލުން ދިން ހަމަލާތަކުގައި ލިބުނު ހަލާކުގެ ބަދަލު ހޯދުމަށް އީރާނުން ޑިމާންޑްކޮށްފައިވާއިރު، އެ ގައުމުން ދަނީ ގޮތްދޫނުކޮށް ސާބިތުކަން ދައްކަމުންނެވެ. އަދި ސަރަހައްދީ ބާރުތަކުން ދަނީ މި ހަމަނުޖެހުން ނިމުމަކަށް ގެނައުމަށް މެދުވެރިއެއްގެ ދައުރު އަދާކުރުމަށް މަސައްކަތް ކުރަމުންނެވެ.
އދ. އަށް ކަނޑައަޅާފައި ހުންނަވާ ތެހެރާންގެ މަންދޫބު އަންގާރަ ދުވަހު ވިދާޅުވީ، އީރާނަށް ހަމަލާދިނުމަށް އެ ގައުމުތަކުގެ ސަރަހައްދުތައް ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުކޮށް، ސަރަހައްދީ ފަސް ގައުމަކުން ބަދަލު ދޭންޖެހޭނެ ކަމަށެވެ.
މީގެ އިތުރުން، ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުން ޓެކްސްއެއް ނެގޭނެ ފަދަ ޕްރޮޓޮކޯލެއް މެދުވެރިކޮށް ގެއްލުމުގެ ބަދަލު ހޯދުމުގެ ޚިޔާލުވެސް އީރާނުން ވަނީ ހުށަހަޅާފައެވެ.
އީރާނުގެ ސަރުކާރުގެ ތަރުޖަމާނު ފާތިމާ މުހާޖިރާނީ، ރަޝިޔާގެ ރިއާ ނޮވޮސްޓީ ނިއުސް އެޖެންސީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު ހަނގުރާމަ ފެށުނީއްސުރެ އީރާނަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގާތްގަނޑަކަށް 270 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވާ ކަމަށް ކުރީގެ އަންދާޒާތަކުން ދައްކާ ކަމަށެވެ.
ގެއްލުންތަކުގެ ތަފްސީލެއް އޭނާ ނުދެއްވި ނަމަވެސް، ބަދަލު ހޯދުމުގެ މައްސަލައާ މެދު މިދިޔަ ހަފުތާގައި ޕާކިސްތާނުގައި އިރާނާއި އެމެރިކާ އާމެދު ކުރެވުނު މަޝްވަރާތަކުގައި ވާހަކަދެކެވުނު ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެމެރިކާ އަދި މެދުވެރިންނާއެކު ބޭއްވޭނެ ކޮންމެ މަޝްވަރާއެއްގައިވެސް މި މައްސަލަ އުފުލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުން ބުނެފައިވަނީ އީރާނުގެ މުހިންމު އުމްރާނީ ވަސީލަތްތަކަށް ލިބިފައިވާ ބޮޑެތި ގެއްލުންތައް އަދިވެސް ވަޒަންކުރަމުންދާ ކަމަށެވެ. އަސްކަރީ މަރުކަޒުތަކުގެ އިތުރުން ތެލާއި ގޭހުގެ ވަސީލަތްތަކާއި، ޕެޓްރޯކެމިކަލް ކުންފުނިތަކާއި، ދަގަނޑު އުފައްދާ ކާރުޚާނާތަކާއި، އެލުމިނިއަމް ފެކްޓްރީތަކަށް ތަކުރާރުކޮށް ވަނީ ހަމަލާދީފައެވެ. މި ތަންތަން އަލުން ބިނާކުރުމަށް އެތައް އަހަރެއް ނަގާނެއެވެ. ފާލަންތަކާއި، ބަނދަރުތަކާއި، ރޭލުވިއުގަތަކާއި، ޔުނިވަރސިޓީތަކާއި ރިސާޗް ސެންޓަރުތަކުގެ އިތުރުން، ބައެއް އިންޖީނުގެތަކާއި ފެން ސާފުކުރާ ޕްލާންޓްތަކަށް ސީދާ ހަމަލާ އަމާޒުވެފައިވާއިރު، ގިނަ އަދަދެއްގެ ހޮސްޕިޓަލްތަކާއި، ސކޫލްތަކާއި، އާންމުންގެ ގެދޮރަށް ވަނީ ގެއްލުން ލިބި ނުވަތަ ސުންނާފަތިވެފައެވެ.
ތަރުޖަމާނު މުހާޖިރާނީ މި ހަފުތާގެ ކުރީކޮޅު އީރާނުގެ ދައުލަތުގެ މީޑިއާއަށް ވިދާޅުވީ، "މިހާރު އޮތް އިގްތިސާދީ ހަގީގަތްތަކަށް" ބަލާއިރު، އެމެރިކާ-އިސްރާއީލު ހަމަލާތަކުގައި ގެދޮރު ގެއްލުނު އާންމުންނަށް ބަދަލު ދިނުމުގެ މާލީ ގާބިލުކަން ސަރުކާރުގެ ކިބައިގައި ނެތް ކަމަށެވެ. މިދިއަ ވަގުތު، އެސޯސިއޭޝަން އޮފް އިރާނިއަން އެއާލައިންސްގެ ސެކްރެޓަރީ މަގްސޫދު އަސަދީ ސަމާނީ އީރާނުގެ މީޑިއާއަށް ވިދާޅުވީ، އާންމު ދަތުރުފަތުރުގައި ބޭނުންކުރާ 60 މަތިންދާބޯޓެއް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށާއި، އޭގެ ތެރެއިން 20 ބޯޓެއް އެމެރިކާ އާއި އިސްރާއީލުން އެއްކޮށް ނައްތާލާފައިވާ ކަމަށެވެ.
އެ އޮފިޝަލް ވިދާޅުވީ އީރާނުގައި މިހާރު އޮޕަރޭޓް ކުރަނީ ގާތްގަނޑަކަށް 160 ފަސިންޖަރުން އުފުލާ ބޯޓު ކަމަށާއި، އޭގެ ތެރެއިން ގިނަ ބޯޓުތަކަކީ އެތައް ދަހަރެއްވީ ބޯޓުތަކެއް ކަމަށެވެ. އަދި އެމެރިކާގެ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ސްޕެއާ ޕާޓްސް އާއި ސާވިސް ހޯދުމަށް ދަތިވެފައިވީ ނަމަވެސް، މަރާމާތުކޮށްގެން އެ ބޯޓުތައް ދަނީ ބޭނުންކުރަމުންނެވެ.
ސަމާނީ ވިދާޅުވީ މާރިޗު މަހުގެ ފަހުކޮޅު އޮތް ނައުރޫޒް ނުވަތަ ފާރިސީ އާ އަހަރުގެ ބަންދު ތެރޭގައި އެއާލައިންތަކަށް ލިބޭނެ ކަމަށް އުންމީދުކުރި އާމްދަނީގެ ބޮޑު ބައެއް ގެއްލިފައިވާ ކަމަށާއި، ހަނގުރާމައިގެ 40 ދުވަހުގެ ތެރޭގައި ލިބުނު ޖުމްލަ ގެއްލުން 300 ޓްރިލިއަން ރިއާލް (މިހާރުގެ އެކްސްޗޭންޖް ރޭޓުން ނަމަ ގާތްގަނޑަކަށް 190 މިލިއަން ޑޮލަރު) އަށް ވުރެ އިތުރުވެފައިވާ ކަމަށެވެ.
ތެހެރާން، ތަބްރީޒް، އުރުމިއާ އަދި ޚޯރަމްއާބާދު ހިމެނޭ ގޮތަށް ގައުމުގެ ބައިނަލްއަގުވާމީ ބައެއް އެއާޕޯޓްތަކުގެ ރަންވޭތަކާއި، ކޮންޓްރޯލް ޓަވަރުތަކާއި، ހޭންގަރުތަކަށް ދިން ގިނަ ހަމަލާތަކެއްގައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
ލިބިފައިވާ ގެއްލުންތަކުގެ ފުޅާ މިނާއި ފުންމިނުގެ އިތުރުން، ހޯމަ ދުވަހު ފެށި އީރާނުގެ ބަނދަރުތަކުގެ އެމެރިކާގެ ކަނޑުގެ ހިސާރުގެ ނުފޫޒާ އެކުވެސް، ނިއުކްލިއާ މުއްސަނދިކުރުން ހިމެނޭހެން ވޮޝިންޓަނާއެކު ކުރެވޭ މަޝްވަރާތަކުގައި ބޮޑެތި ދޫދިނުންތަކެއް ދިނުމުގެ ގަސްތެއް ނެތްކަމުގެ އިޝާރާތެއް އީރާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.
މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ސިޔާސަތާ ބެހޭ ކޮމިޝަނުގެ ތަރުޖަމާނު އިބްރާހީމް ރެޒާއީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިދިޔަ ހަފުތާގައި އިޢުލާންކުރި ދެ ހަފުތާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އިތުރުކޮށްގެން ނުވާނެ ކަމަށެވެ.
އޭނާ ވަކާލާތު ކުރެއްވި ގޮތުގައި އެކަމުގެ ސަބަބުން އެމެރިކާއާއި އިސްރާއީލަށް އެމީހުންގެ ހަތިޔާރުގެ ރަސްމާލު އިތުރުކުރުމަށާއި ހަމަލާދިނުމަށްޓަކައި މަގާމުތައް ވަރުގަދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
"އެމީހުން ޖެހޭނީ ހޮރްމޫޒް ކަނޑުއޮޅީގެ މައްޗަށް އޮތް އަހަރެމެންގެ ބާރު ހިމެނޭހެން އީރާނުގެ ހައްގުތައް ބަލައިގަންނަން، ނޫނީ އަލުން ހަނގުރާމައަށް އެނބުރި ދާން،" އޭނާ ލިޔުއްވާފައިވެއެވެ.
ސްޓޮކްހޯމް އިންޓަނޭޝަނަލް ޕީސް ރިސާޗް އިންސްޓިޓިއުޓް (SIPRI) އިން ބުނާ ގޮތުގައި އީރާނުން 2024 ވަނަ އަހަރު އަސްކަރީ ޚަރަދުތަކަށް ގާތްގަނޑަކަށް 8 ބިލިއަން ޑޮލަރު ހޭދަކުރިއެވެ. އަދި އެ އަހަރުގެ އޮކްޓޯބަރު މަހު އިސްރާއީލާއެކު ބަދަލުކުރެވުނު މިސައިލް ހަމަލާތަކަށްފަހު، އެ ބަޖެޓު ތިންގުނަ އިތުރުކުރުމަށް އޮފިޝަލުން ވައުދުވިއެވެ.
ނަމަވެސް، އެތެރޭގެ ނުބައި މެނޭޖްމަންޓާއި ކޮރަޕްޝަނުގެ އިތުރުން އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ސަރުކާރަށް ވަނީ ބަޖެޓުގެ ދަތިކަން ކުރިމަތިވެފައެވެ. އިންޓަނެޓް ކަނޑާލުމުން ލިބޭ ގެއްލުން ދައުލަތުން 90 މިލިއަނަށްވުރެ ގިނަ އީރާނު ރައްޔިތުންނާ ދެކޮޅަށް ގާތްގަނޑަކަށް މުޅިން އިންޓަނެޓް ކަނޑާލާފައި އޮތުމުގެ ސަބަބުން، އީރާނުގެ އިގްތިސާދީ ދަތިތައް އިތުރުވެ، ރައްޔިތުން މާޔޫސްވަމުންދާތާ މިއީ ހަތްވަނަ ހަފުތާއެވެ.
އިންޓަނެޓް ކަނޑާލުމުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު ވަޒީފާއިން ވަކިކުރުމާއި ވިޔަފާރީގެ ފުރުސަތުތައް ގެއްލުމާ ގުޅިގެން، ސަރުކާރުން ބުނެފައިވަނީ އެކަމުގައި އެ ފަރާތުގެ އެއްވެސް ބާރެއް ނެތް ކަމަށާއި، އޭގެ ބަދަލުގައި އެކަމުގެ އިލްޒާމް އަޅުވަނީ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ބޮލުގައެވެ.
އީރާނު ޗެމްބަރ އޮފް ކޮމާސް ކޮމިޝަނުގެ އިސްވެރިޔާ އަފްޝީން ކޮލާހީ ހޯމަ ދުވަހު ދައުލަތާ ގުޅުންހުރި އަދި އަމިއްލަ އިސްވެރިންނާއެކު ބޭއްވި ވީޑިއޯ ކޮންފަރެންސެއްގައި ވިދާޅުވީ، އިންޓަނެޓް ކަނޑާލުމުގެ ސަބަބުން ދުވާލަކު 80 މިލިއަން ޑޮލަރާ ހަމައަށް ސީދާ އަދި ނުސީދާ އިގްތިސާދީ ގެއްލުން ލިބެމުންދާ ކަމަށެވެ.
"އަހަރެމެންނަށް ކޮންމެ ދުވަހަކު ހަތަރު ބީ1 ބްރިޖާ އެއްވަރުގެ ގެއްލުން އެބަވޭ. ކޮންމެ ދުވަހަކު މެދު މިންވަރެއްގެ ދެ ކަރަންޓު ޕްލާންޓް އެބަ ގެއްލޭ، އަދި މިއީ އަހަރެމެން އަމިއްލައަށް ކުރާ ކަމެއް،" އިންޓަނެޓް ކަނޑާލުމުގެ އަގާ ބެހޭގޮތުން އަދި މި މަހުގެ ކުރީކޮޅު ތެހެރާން ކައިރީގައި އޮންނަ ބޮޑު ބްރިޖަކަށް އެމެރިކާ-އިސްރާއީލުން ދިން ބޮމުގެ ހަމަލާއަށް އިޝާރާތްކޮށް އޭނާ ވިދާޅުވިއެވެ.
އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީ މިނިސްޓްރީން ވަނީ އެ ވާހަކަތަކުގެ ވީޑިއޯ އެ މިނިސްޓްރީގެ ސޯޝަލް މީޑިއާ އެކައުންޓުގައި އަލުން ޝާއިއުކޮށްފައެވެ. ޖެނުއަރީ މަހު، ދައުލަތާ ދެކޮޅަށް މުޅި ގައުމުގައި ކުރި މުޒާހަރާތަކުގައި އެތައް ހާސް ބަޔަކު މަރުވި ދުވަސްވަރު، 20 ދުވަހަށް އިންޓަނެޓް ކަނޑާލުމުން، އެ މިނިސްޓްރީން ބުނެފައިވަނީ އޮންލައިން ގިނަ ވިޔަފާރިތަކަށް އިންޓަނެޓާ ނުލައި ތިން ހަފުތާއަށްވުރެ ގިނަ ދުވަހު ދެމިނޯވެވޭނެ ކަމަށެވެ.
މިހާރު، އިންޓަނެޓް ފުރިހަމައަށް ގުޅާލެވޭނެ ފުރުސަތެއް ފެންނަން ނެތްއިރު، މިނިސްޓްރީން ދަނީ ފަންތިތަކަކަށް ބަހާލެވިފައިވާ އިންޓަނެޓް ނިޒާމެއް އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދަމުންނެވެ.
މި ހަފުތާގައި އެ މިނިސްޓްރީން އިޢުލާންކުރި ގޮތުގައި، އެކި ދާއިރާތަކުން އައްޔަންކޮށްފައިވާ ވިޔަފާރިވެރިންގެ މަންދޫބުންތަކެއް ބައިނަލްއަގްވާމީ އިންޓަނެޓް ލިބުމަށް ރަޖިސްޓްރީވެފައިވާއިރު، ބާކީ ތިބި ރައްޔިތުން ތިބެން ޖެހޭނީ ހަނި ދާއިރާއެއްގެ އެތެރޭގެ ނެޓްވޯކަކަށް (އިންޓްރާނެޓް) މަޖުބޫރުވެފައެވެ.
ޓެލެކޮމިއުނިކޭޝަން ކުންފުނިތަކުން ދަނީ، ދައުލަތުން ކަނޑައަޅާ ވަކި ޝަރުތުތަކެއް ހަމަވާ ކަސްޓަމަރުންނަށް "އިންޓަނެޓް ޕްރޯ" ގެ ނަމުގައި އާ ހިދުމަތެއް ފޯރުކޮށްދެމުންނެވެ. މިއީ އާދައިގެ ޑޭޓާ ޕެކްތަކަށްވުރެ އަގުބޮޑު، ނަމަވެސް ފިލްޓަރުކުރުން މަދުކޮށް އިންޓަނެޓަށް ވަދެވޭ ހިދުމަތެކެވެ. ބައެއް ބޭނުންކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އެމީހުން މިހާރު ވަނީ ފައިސާ ދައްކާފައެވެ. އަދި މި ހިދުމަތް އެކްޓިވޭޓްވާނެ އިރަކަށް ދަނީ އިންތިޒާރު ކުރަމުންނެވެ.
އީރާނުގެ ރައްޔިތުންނަށް އޮންލައިންކޮށް ޝުއޫރު ފާޅުކުރުމަށް މިހާރު އޮތް މަދު ފުރުސަތުތަކުގެ ތެރޭގައި ހިމެނޭ، ދައުލަތާ ގުޅުންހުރި ސައިޓްތަކުގެ ކޮމެންޓް ސެކްޝަންތަކުގައި ވެސް މިއަދު އެންމެ ބޮޑު ބަހުސަކީ އިންޓަނެޓްގެ މައްސަލައެވެ.
އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އާ ގުޅުން އޮންނަ ފާރްސް ނިއުސް އެޖެންސީގެ ވެބްސައިޓުގައި ވެސް، އެންމެ ގިނައިން ބޭނުންކުރާ ހޭޝްޓެގްތަކުން ގޮވާލަމުންދަނީ "އިންޓަނެޓްގެ މިނިވަންކަމަށެވެ".
އީރާނަށް ޑިޖިޓަލް އަނދިރިކަން ވެރިވެފައި އޮންނަތާ ކިހާ ދުވަހެއް ވެއްޖެކަން ބަޔާންކޮށް، ޓެކްނޮލޮޖީއަށް ހާއްސަ މަޝްހޫރު މީޑިއާ އައުޓްލެޓެއް ކަމަށްވާ "ޑިޖިއާޓޯ" ގެ ވެބްސައިޓުގައި ބަހައްޓާފައި ހުރި ކައުންޓްޑައުން ކްލޮކް ނެގުމަށް، ސަލާމަތީ ބާރުތަކުން ހޯމަ ދުވަހު ވަނީ އަމުރުކޮށްފައެވެ. ވާޗުއަލް ޕްރައިވެޓް ނެޓްވޯކް (ވީ.ޕީ.އެން) އާއި ބޭރު ދުނިޔެއާ ގުޅުވައިދޭނެ އެހެނިހެން ވަސީލަތްތައް ވިއްކާ ފަރާތްތަކަށް، ފައިދާ ބޮޑު ކަޅު ބާޒާރެއް އަދިވެސް ދަނީ ހިނގަމުންނެވެ.