ދުނިޔެ

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކެއްގައި 11 މީހުން ޝަހީދުވެއްޖެ، އޭގެ ތެރޭގައި ދެ ކުޑަކުދިން ހިމެނޭ

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކެއްގައި 11 މީހުން ޝަހީދުވެއްޖެ، އޭގެ ތެރޭގައި ދެ ކުޑަކުދިން ހިމެނޭ

އިސްރާއިލްގެ ހަމަލާއެއްގައި ޝަހީދުވި ކުޑަކުއްޖެއްގެ ހަށިގަނޑު ހިފައިގެން އެކުއްޖާގެ މަންމަ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 އޭޕްރީލު 2026، 04:40

15 އޭޕްރީލު 2026، 04:40

އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގެ އެކި ސަރަހައްދުތަކަށް މިއަދު ދިން ވަރުގަދަ ހަމަލާތަކެއްގައި މަދުވެގެން 11 ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލައިފިއެވެ.

މީގެ ތެރޭގައި ތިން އަހަރުގެ ކުއްޖަކާއި 14 އަހަރުގެ ކުއްޖަކު ހިމެނޭ ކަމަށް ގާޒާގެ ސިވިލް ޑިފެންސް އިދާރާތަކުންނާއި ރޮއިޓާސް ނިއުސް އެޖެންސީން ވަނީ ރިޕޯޓްކޮށްފައެވެ.

ޣައްޒާގެ ސިވިލް ޑިފެންސްގެ ތަރުޖަމާނު މަހްމޫދު ބާސަލް ވިދާޅުވި ގޮތުގައި، ޣައްޒާ ސިޓީގައި ފުލުހުންގެ އުޅަނދަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ހަތަރު މީހުން ވަނީ ޝަހީދުވެފައެވެ. މީގެ ތެރޭގައި ތިން އަހަރުގެ ކުޑަކުއްޖަކު ހިމެނެއެވެ. ޣައްޒާގެ ދާޚިލީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ސިޓީގެ މެދުތެރޭގައި އޮތް ފުލުހުންގެ އުޅަނދަށް ހަމަލާދިނުމުގެ ސަބަބުން ފުލުހެއްގެ އިތުރުން ގިނަ ބަޔަކު މަރުވެ، ނުވަ މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.

އުތުރު ޣައްޒާއާއި ރެފިއުޖީ ކޭމްޕުތަކަށް ދިން ހަމަލާތައް
މީގެ އިތުރުން، އުތުރުގެ ބައިތު ލާހިޔާ ސަރަހައްދުގައި އިސްރާއީލުން ދިން ހަމަލާއެއްގައި އެކަކު ޝަހީދުވެފައިވާ ކަމަށް ބާސަލް ވިދާޅުވިއެވެ. އަދި އަންގާރަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ޣައްޒާ ސިޓީގެ ޝާތީ ރެފިއުޖީ ކޭމްޕުގެ ކައިރީގައި ދިން ހަމަލާއެއްގައި ވެސް ގިނަ ބަޔަކު ވަނީ ޝަހީދުވެފައެވެ. އަލް-ޝިފާ ހޮސްޕިޓަލުގެ މެޑިކަލް ޓީމުތަކުން ކަށަވަރުކޮށްދިން ގޮތުގައި، ޝާތީ ކޭމްޕުގައި ތިބި ބަޔަކަށް އަމާޒުކޮށް އިސްރާއީލުގެ ޑްރޯންއަކުން ދިން ދެ މިސައިލް ހަމަލާގައި ފަސް މީހެއްގެ ހަށިގަނޑު ވަނީ ހޮސްޕިޓަލަށް ގެނެވިފައެވެ.

މި ހަމަލާތައް ދީފައިވަނީ ކެފޭއެއްގެ ކައިރިއަށް ކަމަށާއި، ޝަހީދުވި މީހުންގެ އިތުރުން ގިނަ ބަޔަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ސިއްހީ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސްއިން ބުނެފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޯބަރު 10 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި "ސީޒްފަޔަރ" ނުވަތަ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ އިސްރާއީލުން ޚިލާފުވެ ދިން ހަމަލާތަކެކެވެ.

ޖުމްލަ މަރުވި މީހުންގެ އަދަދު އިތުރުވުން
ހަމަލާބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވި ނަމަވެސް، އިސްރާއީލު ސިފައިން ދަނީ ކޮންމެ ދުވަހަކު ޣައްޒާއަށް ހަމަލާދެމުންނެވެ. މި އެއްބަސްވުމަށްފަހު އެކަނިވެސް އިސްރާއީލުން ވަނީ 760 އެއްހާ ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލާފައެވެ. ޣައްޒާގެ ސިއްހީ ވުޒާރާއިން މިއަދު ހާމަކުރި ގޮތުގައި، ހަމަލާބަދަލުކުރުން ހުއްޓާލިކަން އިއުލާންކުރި ފަހުން 2,111 މީހުންނަށް ވަނީ އަނިޔާވެފައެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ފެށި ލޭއޮހޮރުވުން ބޮޑު ހަނގުރާމައިގައި މިހާތަނަށް ޖުމްލަ 72,336 މީހުން ވަނީ ޝަހީދުވެފައެވެ. ބައިނަލްއަގުވާމީ މުޖުތަމައުން ހަމަލާތައް ހުއްޓާލުމަށް ގޮވާލަމުންދާއިރުވެސް، އިސްރާއީލުން ދަނީ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށް މެދުކެނޑުމެއްނެތި ހަމަލާދެމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450