ދުނިޔެ

ޑިޕްލޮމެޓިކް މަޝްވަރާތައް ކުރިއަށްދާއިރުވެސް އިސްރާއީލުން ލުބުނާނަށް ވަރުގަދަ ހަމަލާތަކެއް ދީފި

ޑިޕްލޮމެޓިކް މަޝްވަރާތައް ކުރިއަށްދާއިރުވެސް އިސްރާއީލުން ލުބުނާނަށް ވަރުގަދަ ހަމަލާތަކެއް ދީފި

އިސްރާއިލުން ލުބްނާނަށް ހަމަލާދިނުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 އޭޕްރީލު 2026، 06:14

15 އޭޕްރީލު 2026، 06:14

އެމެރިކާގައި ދެ ގައުމުގެ މެދުގައި ސީދާ ވާހަކަތައް ބޭއްވުމަށް ޑިޕްލޮމެޓިކް މަސައްކަތްތަކެއް ކުރަމުންދަނިކޮށް، އިސްރާއީލުން ލުބުނާނުގެ ދެކުނުގެ ރަށްތަކަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

 މި ހަމަލާތަކުގައި މަދުވެގެން 13 މީހުން މަރުވެފައިވާ ކަމަށް ލުބުނާނުގެ ރަސްމީ ނިއުސް އެޖެންސީ (އެން.އެން.އޭ) އިން ވަނީ ރިޕޯޓްކޮށްފައެވެ.

އެން.އެން.އޭ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޖަބާ އަވަށަށް ދިން ހަމަލާއެއްގައި އެއް އާއިލާއެއްގެ ހަތަރު މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ދެމަފިރިއަކާއި، އެމީހުންގެ ފިރިހެން ދަރިއަކާއި ޅީދަރިއަކު ހިމެނެއެވެ. މީގެ އިތުރުން އަންސާރިއްޔާ އަވަށުން ފަސް މީހުން އަދި ގަދްމޫސް އަވަށުން ހަތަރު މީހުން ވަނީ މަރުވެފައެވެ. ބެއިރޫތުގެ ދެކުނުން ދިން ހަމަލާތަކުގައި ދެ އުޅަނދަކަށް އަމާޒުކޮށް ހަމަލާ ދީފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މި ހަމަލާތަކާ ގުޅިގެން ލުބުނާނުގެ ރައްޔިތުންގެ މެދުގައި ބޮޑު ނުރުހުމެއް ވަނީ އުފެދިފައެވެ. އަލްޖަޒީރާގެ ރިޕޯޓަރު ޒީނާ ޚޮދްރު ބުނި ގޮތުގައި، ފާއިތުވި ހަފުތާތަކުގައި އެކަނިވެސް 2،000 އަށްވުރެ ގިނަ މީހުން މަރާލާފައިވާ އިސްރާއީލާއެކު ލުބުނާނު ސަރުކާރުން މަޝްވަރާގެ މޭޒަށް އިށީނުމަކީ ރައްޔިތުން ގަބޫލުކުރާ ކަމެއް ނޫނެވެ. ރައްޔިތުން ބޭނުންވަނީ މި ހަމަލާތައް ވަގުތުން ހުއްޓާލުމަށެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ މެދުވެރިވެވަޑައިގެން ބޭއްވި މި ބައްދަލުވުމަކީ ފާއިތުވި އެތައް އަހަރެއްގެ ތެރޭގައި ދެ ގައުމުގެ މެދުގައި ބޭއްވުނު ފުރަތަމަ ސީދާ ބައްދަލުވުމެވެ. ނަމަވެސް، މި ބައްދަލުވުމުގެ ކުރިންވެސް އިސްރާއީލުން ވަނީ ހަމަލާތައް ހުއްޓާލުމާ ބެހޭގޮތުން އެއްވެސް މަޝްވަރާއެއް ކުރުމަށް އިންކާރުކޮށްފައެވެ.

ހިޒްބުއްﷲގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ހަސަން ފަދުލަﷲ ވަނީ ސަރުކާރުގެ ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ "ދުޝްމަނުންނާއެކު މަޝްވަރާ ކުރުމުގެ އިޚްތިޔާރަކީ ގޯސް ނިންމުމެއް" ކަމަށެވެ. އަދި ލުބުނާނުގެ އަސްކަރިއްޔާ ދެކުނުން ބޭލުމަކީ ގައުމުގެ ބާރު ކުޑަކޮށް، ދުޝްމަނުންނަށް ފުރުސަތު ދިނުން ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

ހިޒްބުއްﷲ އިން ބޭނުންވަނީ ހަމައެކަނި ވަގުތީ ހައްލެއް ނޫން ކަމަށާއި، ފުރިހަމަ ސީޒްފަޔަރ އެއް ކަމަށް ފަދުލަﷲ ވިދާޅުވިއެވެ. އިސްރާއީލުން ހަމަލާތައް ވަރުގަދަކޮށް، ދެކުނުގެ ރަށްތަކުން މީހުން ހުސްކުރުމަށް އަމުރު ކުރަމުންދާއިރު، މަޝްވަރާތަކުން ނުކުންނާނެ ނަތީޖާއަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450