ޚަބަރު
މިޔަރެއް ހަމަލާދިން ފަތުރުވެރިއެއްގެ އެއް ފައި ބުރިކޮށްލައިފި
މިޔާރު ހަމަލާދީފައި ވަނީ ކޫއްޑޫ ކައިރިއަށް މޫދަށް އެރި އުޅެނިކޮށް / ފޮޓޯ: ކޫއްޑޫ ރިސޯޓު
ގއ. ކޫއްޑޫ ކައިރިއަށް މޫދަށް އެރި އުޅެނިކޮށް މިޔަރެއް ހަމަލާދިން ފަތުރުވެރިއެއްގެ އެއް ފައި ބުރިކޮށްލައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، މި މަހުގެ 11ވަނަ ދުވަހު ހިނގި މި ހާދިސާގައި އަނިޔާވެފައިވަނީ ސްޕެއިންއަށް ނިސްބަތްވާ ފަތުރުވެރިއަކަށެވެ. އޭނާއަކީ ރެޒިޑެންސް މޯލްޑިވްސް ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ 30 އަހަރުގެ ފިރިހެނެކެވެ.
މި ހާދިސާގައި އެ މީހާގެ ދެ ފަޔަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަދި އެ މީހާއަށް އެންމެ ފުރަތަމަ ފަރުވާދީފައި ވަނީ ގއ. އަތޮޅު ހޮސްޕިޓަލުގެ އައި.ސީ.ޔޫގައެވެ. ނަމަވެސފަހުން އިތުރު ފަރުވާ ދިނުމަށް އެ މީހާ ވަނީ އެ ހާދިސާ ހިނގި ދުވަހުގެރޭ މާލެ ގެނެސްފައެވެ.
މާލެ ގެނައުމަށްފަހު އެއް ފައި ބުރިކޮށްލީ، އެ ފަޔަށް ލިބިފައިވާ އަނިޔާތަކުގެ ސަބަބުންކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ހާމަކުރެއެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ. އަދި ފުރިހަމަކުރަންޖެހޭ އިޖުރާއީ ކަންކަމާއި ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.