ދުނިޔެ
އިންޑިއާގެ ޕަވަރ ޕްލާންޓެއްގައި އެއްޗެއް ގޮވައި 19 މީހުން މަރުވެއްޖެ
އިންޑިއާގެ ޕަވަރ ޕްލާންޓެއްގައި އެއްޗެއް ގޮވުން
އިންޑިއާގެ މެދުތެރޭގެ ޗައްތީސްގަޅު ސްޓޭޓްގައި ހުންނަ ޕަވަރ ޕްލާންޓެއްގެ ބޮއިލަރެއް ގޮވައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި މަދުވެގެން 19 މީހުން މަރުވެ، 17 މީހަކަށް އަނިޔާވެފައިވާ ކަމަށް އެ ގައުމުގެ ފުލުހުން ބުދަ ދުވަހު ހާމަކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ލަންޑަންގައި ލިސްޓުކޮށްފައިވާ ވޭދަންތާ ރިސޯސަސްގެ ސަބްސިޑަރީއެއް ކަމަށްވާ ވޭދަންތާ ލިމިޓެޑުން ޗައްތީސްގަޅުގެ ސަކްތީ ޑިސްޓްރިކްޓްގައި ހިންގާ ފެސިލިޓީއެއްގައި އަންގާރަ ދުވަހުއެވެ. ސަކްތީ ޑިސްޓްރިކްޓްގެ ފުލުހުންގެ ވެރިޔާ ޕްރަފުލް ތާކޫރު އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިހާތަނަށް މަރުވި މީހުންގެ އަދަދު 19 އަށް އަރާފައިވާ ކަމަށާއި، އަނިޔާވި 17 މީހަކަށް އެކި ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދާ ކަމަށެވެ.
އިންޑިއަން އެކްސްޕްރެސް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ގޮވުން ގޮވަން މެދުވެރިވީ ޕައިޕްލައިނެއް ފަޅައިގެން ގޮސް، އިންތިހާއަށް ހޫނުކޮށްފައި ހުރި އާވި (superheated steam) އެ ސަރަހައްދުގައި މެންދުރުގެ ކެއުމަށް ތިބި މީހުންގެ ގަޔަށް ބޭރުވުމުގެ ސަބަބުންނެވެ.
ވޭދަންތާ ރިސޯސަސްގެ ޗެއާމަން އަދި ބިލިއަނަރު އަނިލް އަގަރްވާލް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މި ހިތާމަވެރި ހާދިސާގެ ސަބަބުން އޭނާ ވަރަށް ބޮޑަށް ދެރަވާ ކަމަށެވެ. އަދި މި ހާދިސާގެ މަތީ ފަންތީގެ ތަހުގީގެއް މިހާރު ފަށާފައިވާ ކަމަށާއި، މިކަން ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޗައްތީސްގަޅު ސްޓޭޓްގެ ސަރުކާރުން ވެސް މި މައްސަލަ ތަހުގީގު ކުރަން ފަށާފައިވާއިރު، އެ ސްޓޭޓްގެ ޗީފް މިނިސްޓަރު ވިޝްނޫ ދިއޯ ސައި ވަނީ މިކަމުގައި އިހުމާލުވާ ފަރާތްތަކާ މެދު އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައެވެ.
އިންޑިއާގެ ސިނާއީ މަސައްކަތްތައް ކުރާ ތަންތަނުގައި ސަލާމަތީ ފިޔަވަޅުތަކަށް ފަރުވާކުޑަކުރުމުގެ ސަބަބުން މިފަދަ ހާދިސާތައް ހިނގުމަކީ އާންމު ކަމެކެވެ. އެގޮތުން މިދިޔަ މަހު ވެސް އިންޑިއާގެ ހުޅަނގު ސަރަހައްދެއްގައި ހުރި ގޮވާތަކެތި އުފައްދާ ފެކްޓްރީއެއްގައި ރޯވެ 17 މީހުން ވަނީ މަރުވެފައެވެ.