ދުނިޔެ

ޕާކިސްތާނުގެ މެދުވެރިވުމާއެކު އެމެރިކާ އާއި އީރާނުގެ މަޝްވަރާތަކުން ބޮޑު ކުރިއެރުމެއް ލިބޭނެ ކަމުގެ އުންމީދު ބޮޑުވެއްޖެ

ޕާކިސްތާނުގެ މެދުވެރިވުމާއެކު އެމެރިކާ އާއި އީރާނުގެ މަޝްވަރާތަކުން ބޮޑު ކުރިއެރުމެއް ލިބޭނެ ކަމުގެ އުންމީދު ބޮޑުވެއްޖެ

ޞުލްޙައިގެ ވާހަކަތަކުގެ ތެރެއިން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 އޭޕްރީލު 2026، 11:31

16 އޭޕްރީލު 2026، 11:31

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކުގައި "ބޮޑު ކުރިއެރުމެއް" ލިބޭނެ ކަމަށް ބެލެވޭ ކަމަށް ޕާކިސްތާނުގެ އޮފިޝަލުންނާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފިއެވެ.

މި އުންމީދުތައް އާވެފައިވަނީ އެތައް ހާސް ބަޔަކު މަރުވެފައިވާ ހަނގުރާމަ ހުއްޓުވުމަށް އިސްލާމްއާބާދުން ކުރަމުންދާ ޑިޕްލޮމެޓިކް މަސައްކަތްތައް އިތުރަށް ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް އާސިމް މުނީރު އިސްކޮށް ހުންނަވައިގެން މަތީ ފަންތީގެ ވަފުދެއް ބުދަ ދުވަހު ވަނީ ތެހެރާނަށް ވަޑައިގެންފައެވެ. އީރާނުގެ ޕްރެސް ޓީވީން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ދަތުރުފުޅުގެ ބޭނުމަކީ އެމެރިކާގެ ފަރާތުން އީރާނުގެ ލީޑަޝިޕަށް މެސެޖެއް ރައްދުކުރުމެވެ. ޖެނެރަލް މުނީރަށް މަރުހަބާ ދެންނެވީ އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީއެވެ. އަރަގްޗީ ވަނީ މަޝްވަރާތަކަށް ޕާކިސްތާނުން ދެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.

މި މަޝްވަރާތަކުގައި އެންމެ ބޮޑު ހުރަހަކަށް ވެފައިވަނީ އީރާނުން ޔުރޭނިއަމް މުއްސަނދިކުރުން ހުއްޓާލާނެ މުއްދަތަކާއި، އެ ގައުމުގައި މިހާރު ހުރި 440 ކިލޯގްރާމްގެ މުއްސަނދިކޮށްފައިވާ ޔުރޭނިއަމްއަށް ހަދާނެ ގޮތަކާ މެދުގައެވެ. މަސްދަރުތަކުން ބުނާ ގޮތުގައި، ޔުރޭނިއަމް މުއްސަނދިކުރުން ހުއްޓާލާނެ މުއްދަތާ މެދު ދެ ފަރާތުން އެއްބަސްވުމަކަށް އައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އަތުގައި ހުރި ޔުރޭނިއަމް ބޭރު ގައުމަކަށް ފޮނުވާލުން ނުވަތަ އޭގެ މިންވަރު ދަށްކުރުމުގެ އިހުތިޔާރުތަކާ މެދުވެސް ދަނީ ވާހަކަ ދެކެވެމުންނެވެ.

ސަރަހައްދީ ހަމަނުޖެހުންތަކާއި މެދުވެރިއެއްގެ ދައުރު
ޕާކިސްތާނުން މި މަސައްކަތް ފަށާފައިވަނީ މިދިޔަ ހަފުތާ ބަންދުގައި އިސްލާމްއާބާދުގައި ބޭއްވި މަޝްވަރާތައް އެއްބަސްވުމަކާ ނުލައި ނިމުމާ ގުޅިގެންނެވެ. މެދުވެރިން ދަނީ ތިން މައިގަނޑު ކަމެއްގައި ހައްލެއް ހޯދުމަށް ބާރުއަޅަމުންނެވެ. އެއީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި، ހޯރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް އަދި ހަނގުރާމައިގެ ގެއްލުމުގެ ބަދަލު ހޯދުމެވެ.

މިދިޔަ ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިސްރާއީލުން ފެށި ހަނގުރާމައިގައި އީރާނުން 3،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، މީގެ ސަބަބުން މުޅި ސަރަހައްދުގެ މަސްލަހަތު ވަނީ ގޯސްވެފައެވެ. އޭޕްރީލް 8 ގައި އިއުލާންކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ސަބަބުން އީރާނާއި ގަލްފް ސަރަހައްދުގައި ހަމަލާތައް މަޑުޖެހިފައިވީ ނަމަވެސް، ލުބުނާނުގައި އިސްރާއީލުން ދެމުންދާ ހަމަލާތައް އަދިވެސް ދަނީ ކުރިއަށެވެ.

މި ޑިޕްލޮމެޓިކް މަސައްކަތްތަކުގެ ތެރެއިން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވެސް ވަނީ ސައުދީ އަރަބިއްޔާއަށް ވަޑައިގެންފައެވެ. މިއީ ގަތަރާއި ތުރުކީއަށް ވެސް ހިމެނޭ ގޮތަށް ކުރިއަށްގެންދާ ސަރަހައްދީ ދަތުރުފުޅެއްގެ ބައެކެވެ. މިއީ އަސްކަރީ އަދި ސިޔާސީ ފެންވަރުގައި ކުރިއަށްގެންދާ ދެ ފަރާތް ބައިވެރިވާ ވަރުގަދަ ސްޓްރެޓެޖީއެއްގެ ދަށުން ކުރެވޭ މަސައްކަތެއް ކަމަށް މަސްދަރުތަކުން ބުނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450