ދުނިޔެ

އިސްރާއީލާއި ލުބުނާނުގެ ލީޑަރުން ބުރާސްފަތި ދުވަހު ވާހަކަފުޅު ދައްކަވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އިސްރާއީލާއި ލުބުނާނުގެ ލީޑަރުން ބުރާސްފަތި ދުވަހު ވާހަކަފުޅު ދައްކަވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ޞުލްޙައިގެ ވާހަކަތައް ކުރިއަށްގެންދަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 އޭޕްރީލު 2026، 01:25

16 އޭޕްރީލު 2026، 01:25

އިސްރާއީލާއި ލުބުނާނުގެ ލީޑަރުން ވޭތުވެދިޔަ 34 އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް ބުރާސްފަތި ދުވަހު ވާހަކަފުޅު ދައްކަވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނު ކުރައްވައިފިއެވެ.

 މިކަން ޓްރަމްޕް ހާމަކުރެއްވީ ބުދަ ދުވަހު އޭނާގެ 'ޓްރުތް ސޯޝަލް' އެކައުންޓް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ.

ޓްރަމްޕްގެ މި އިއުލާނު އައިސްފައިވަނީ އެމެރިކާގެ ވެރިރަށް ވޮޝިންޓަންގައި އިސްރާއީލާއި ލުބުނާނުގެ ސަފީރުން ބައްދަލުކުރައްވައި ޑިޕްލޮމެޓިކް މަޝްވަރާތަކެއް ބޭއްވިތާ އެއް ދުވަސް ފަހުންނެވެ.

"އިސްރާއީލާއި ލުބުނާނާ ދެމެދު ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ގެނައުމަށް މަސައްކަތް ކުރަމުން މިދަނީ،" ޓްރަމްޕް ލިޔުއްވާފައިވެއެވެ. އަދި ދެ ގައުމުގެ ލީޑަރުން ވާހަކަ ނުދައްކަވާތާ 34 އަހަރު ވެފައިވާ ކަމަށާއި، މާދަމާ އެކަން ހިނގާނެ ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ އެއީ އުފާވެރި ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

މި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާނީ ކޮން ބޭފުޅުންނެއް ކަން ޓްރަމްޕް ސީދާ ވިދާޅުވެފައި ނުވި ނަމަވެސް، އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓް މެންބަރެއް ކަމަށްވާ ގީލާ ގަމްލިއެލް އިސްރާއީލް އާމީ ރޭޑިއޯއަށް ވިދާޅުވީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ލުބުނާނުގެ ރައީސް ޖޯސެފް އައުންއާ ވާހަކަފުޅު ދައްކަވާނެ ކަމަށެވެ. ނަމަވެސް ލުބުނާނުގެ އޮފިޝަލުން ވަނީ މިފަދަ ބައްދަލުވުމެއްގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ވިދާޅުވެފައެވެ.

މި މަޝްވަރާތަކަކީ ލުބުނާނަށް އިސްރާއީލުން ދެމުންދާ ހަމަލާތައް ހުއްޓުވުމަށް ކުރެވޭ މަސައްކަތެއް ކަމަށް ބެލެވޭއިރު، އިސްރާއީލުގެ އަސްކަރީ ހަމަލާތަކުގައި މިހާތަނަށް ލުބުނާނުން 2,000 އަށްވުރެ ގިނަ މީހުން މަރުވެ، 1.2 މިލިއަން މީހުން ވަނީ ގެދޮރު ދޫކޮށް ގޮސްފައެވެ. ނަތަންޔާހޫ ވިދާޅުވީ ހިޒްބުالله އާ ދެކޮޅަށް ކުރާ ހަނގުރާމައާ އެކު ލުބުނާނު ސަރުކާރާއެކު މަޝްވަރާ ކުރަމުންދަނީ ދާއިމީ ސުލްހައެއް ގާއިމުކުރުމަށް ކަމަށެވެ.

އަލްޖަޒީރާގެ ރިޕޯޓަރު ޒީނާ ޚޮދްރު ބައިރޫތުން ރިޕޯޓްކުރި ގޮތުގައި، ޓްރަމްޕްގެ މި ވާހަކަތަކަކީ ލުބުނާނުގައި ބޮޑު ބަހުސަކަށް ވެފައިވާ ކަމެކެވެ. ސަބަބަކީ ދެ ގައުމު ރަސްމީކޮށް ހަނގުރާމައެއްގެ ހާލަތުގައި އޮތްއިރު، އަދި އިސްރާއީލުން ލުބުނާނަށް ހަމަލާދެމުންދާ ދަނޑިވަޅެއްގައި ދެ ގައުމުގެ ލީޑަރުން ވާހަކަދެއްކެވުމަކީ ލުބުނާނުގައި އާންމުކޮށް ކުރާ ކަމެއް ނޫން ކަމަށްވާތީއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450