Ads by Farudhun

ޚަބަރު

އިންޓަރ-ޕާލިމެންޓަރީ ޔުނިއަންގެ 152 ވަނަ އެސެމްބްލީގެ ހަވާސާގައި ބޭއްވި ކޮންފަރެންސެއްގައި މަޖިލީހުގެ ރައީސް ތަޤުރީރުކުރައްވައިފި

އިންޓަރ-ޕާލިމެންޓަރީ ޔުނިއަންގެ 152 ވަނަ އެސެމްބްލީގެ ހަވާސާގައި ބޭއްވި ކޮންފަރެންސެއްގައި މަޖިލީހުގެ ރައީސް ތަޤުރީރުކުރައްވައިފި

ތަޤްރީރުކުރެއްވުން/ފޮޓޯ: މަޖިލިސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

16 އޭޕްރީލު 2026، 02:06

16 އޭޕްރީލު 2026، 02:06

ތުރުކީވިލާތުގެ އިސްތަންބުލްގައި ކުރިއަށްދާ އިންޓަރ-ޕާލިމެންޓަރީ ޔުނިއަންގެ 152 ވަނަ އެސެމްބްލީގެ ހަވާސާގައި ބޭއްވުނު ނަން-އެލައިންޑް މޫވްމެންޓް ޕާލިމެންޓަރީ ނެޓްވޯރކްގެ 5 ވަނަ ކޮންފަރެންސްގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުالله ތަޤުރީރުކުރައްވައިފިއެވެ.

މި ކޮންފަރެންސްގެ މައުޟޫޢުކަމަށްވާ، "ނޮން-އެލައިންޑް މޫވްމަންޓް (ނާމް)ގެ ސަރަޙައްދުތަކުގައި މޫސުމީ ބަދަލުތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމުގައި މަޖިލިސްތަކުގެ ދައުރު" މި މައުޟޫޢަށް ވާހަކަފުޅު ދައްކަވަމުން، ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް، ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ރަށް ގިރުމާއި އަދި ފެންބޮޑުވުން ފަދަ މޫސުމީ ނުރައްކާތަކުން ކުރިމަތިވާ ގޮންޖެހުންތަކުން ސަލާމަތްވުމަށްޓަކައި އެފަދަ ދެމެހެއްޓެނިވި ހައްލެއް ހޯދުމަކީ ކޮންމެހެން ކުރަންޖެހިފައިވާ މުހިންމު މަސައްކަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި، ތިމާވެށި ހިމާޔަތްކުރުމާއި، މޫސުމީ ބަދަލުތަކުން ރައްކާތެރިވުމަށް ދުރާލައި ފިޔަވަޅުއެޅުމުގެ މުހިއްމުކަމާއި، ކާރިސާތަކުން ކުރިމަތިވާ ނުރައްކާ ކުޑަކުރުމުގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ބިން ބޭނުންކުރުމާ ގުޅޭ ޤާނޫނީ އަދި ސިޔާސީ އޮނިގަނޑުތައް ހަރުދަނާކުރުމުގައި މަޖިލިސްތަކުގެ ދައުރު ނުހަނު ބޮޑުކަން ފާހަގަކުރެއްވިއެވެ. އަދި ޤައުމީ ތަރައްޤީގެ ސްޓްރެޓެޖީތަކުގައި މޫސުމީ ކަންކަމަށް އިސްކަންދިނުން ހިމެނުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

މީގެ އިތުރުން، ސަރުކާރު ޖަވާބުދާރީކުރުވުމުގައި، ޚާއްޞަކޮށް ކޮމިޓީތަކުގެ މަސައްކަތާއި، ބަޖެޓް ދިރާސާކުރުމާއި، ސިޔާސަތުތައް މުރާޖައާކުރުން ފަދަ ކަންކަމުގެ ތެރެއިން މަޖިލިސްތަކުން އަދާކުރާ ދައުރަށް މަޖިލީހުގެ ރައީސް އަލިއަޅުއްވާލެއްވިއެވެ. މިފަދަ މަސައްކަތްތަކުގެ ސަބަބުން ބޯހިޔާވަހިކަމާއި، ދަތުރުފަތުރާއި، ފެނާއި ނަރުދަމާގެ އިތުރުން ހަކަތައާއި ކުނި މެނޭޖުކުރުން ފަދަ މުހިންމު ދާއިރާތަކަށް ކުރެވޭ އިންވެސްޓްމަންޓްތަކަކީ ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކަކަށް ހެދުމަށް މަގުފަހިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޤައުމީ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތައް ފާހަގަކުރައްވަމުން، މޫސުމީ ބަދަލުތަކާ ގުޅުންހުރި ސިޔާސަތުތަކާއި ޤާނޫނުތަކަށް މެދުނުކެނޑި ސަމާލުކަން ދިނުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގައި ތިމާވެށްޓާއި މޫސުމީ ބަދަލުތަކާ ބެހޭ ޚާއްޞަ ކޮމިޓީއެއް އެކުލަވާލާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ތިމާވެށްޓާ ރައްޓެހި އުމްރާނީ ތަރައްޤީއާއި ޚިދުމަތްތައް ޤާއިމުކުރުމަށްޓަކައި، ބައިނަލްއަޤްްވާމީ މޫސުމީ ފަންޑުތަކަށް މަގުފަހިކުރުމާއި، އައު މާލީ ނިޒާމުތައް އީޖާދުކުރުމާއި، ދައުލަތާއި އަމިއްލަ ފަރާތްތައް ގުޅިގެން މަސައްކަތްކުރުމަށް ބާރުއެޅުމުގައި ޤާނޫނު ހަދާ މަޖިލިސްތަކުގެ ދައުރު ބޮޑުކަން ފާހަގަކުރެއްވިއެވެ. 

މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، އޭގެ ސަބަބުން ކުރިމަތިވެދާނެ އިންސާނީ އަދި އިޤްތިޞާދީ ނުރައްކާތަކަށް އަލިއަޅުއްވާލެއްވިއެވެ. އަދި، މަޝްވަރާގެ މަގުން ޞުލްޙަވެރި ހައްލެއް ހޯދުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވަމުން، ދުނިޔޭގެ އެހެން ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކާ ގުޅިގެން މަސައްކަތްކުރުމުގައި ދިވެހިރާއްޖެއިން ދެމިއޮންނާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450