ޚަބަރު
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ރައްޔިތުން ބުނެދިނީ އަޅުގަނޑުމެނަށް ތަޢީދު އޮތް މިންވަރު: ޝުޖާއު
ލޯކަލް ކައުންސިލް އިންތިޚާބުގައި ހއ. މުރައިދޫގެ ކޮންގްރެސް ޕާޓީގެ ކެނޑިޑޭޓުންގެ ކާމިޔާބީ ފާހަގަކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން / ފޮޓޯ: ކޮންގްރެސް ޕާޓީ
ފަރުދުން
17 އޭޕްރީލު 2026، 12:31
17 އޭޕްރީލު 2026، 12:31
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ކޮންގްރެސް ޕާޓީއަށް އޮތް ތާއީދު ފެނިގެންގޮސްފައިވާކަމަށް، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބުގައި ހއ. މުރައިދޫގެ ކޮންގްރެސް ޕާޓީގެ ކެނޑިޑޭޓުންގެ ކާމިޔާބީ ފާހަގަކުރެއްވުމަށް ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައެވެ.
އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝުޖާޢު ވިދާޅުވީ، އިންތިޚާބުތަކުގައި ރައްޔިތުން ވަރަށް ގިނަ ވާހަކަތަކެއް ބުނެދޭނެ ކަމަށާއި އަދި ރައްޔިތުންގެ ޝުޢޫރު ވެރިކަމުގައި ތިއްބެވި ބޭފުޅުންނަށާއި، އަދި އިދިކޮޅުގައި ތިއްބެވި ބޭފުޅުންނަށް ހާމަކޮށްދެއްވަމުން ގެންދަވާނެކަމަށެވެ. އެހެންކަމުން އެ ޕާޓީއިން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުން ބުނެދޭ ގޮތަށް، ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަމަށް ވަނީ ހާމަކުރައްވާފައެވެ.
އަދި ކޮންގްރެސް ޕާޓީގެ ރައީސަކީ، ރައްޔިތުން އެދޭ ގޮތަށް، ރައްޔިތުންނާ ގާތުން، ރައްޔިތުންގެ އިޙްސާސްތަކާ ވިންދާ އެއްގޮތަށް ވެރިކަން ކުރައްވަމުން ގެންދަވާ ލީޑަރެއްކަމަށް ވެސް މެންބަރު ޝުޖާއު ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން، ރައްޔިތުން އަޅުގަނޑުމެނަށް ދެއްވި މެސެޖަކީ އަޅުގަނޑުމެންނަށް މި ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ތާޢީދު އެބައޮތޭ.
މެންބަރު ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ ނިމިދިޔަ އިންތިޚާބުގައި ޖުމްލަކޮށް އަތޮޅުތެރެއިން 277،011 ވޯޓު ކޮންގްރެސް ޕާޓީއަށް ލިބުނު ކަމަށާއި، އެއީ އެ ޕާޓީގެ ވެރިންނާއި، އިއްޒަތްތެރި ރައީސްގެ ސިޔާސަތަށް ތާޢީދުކޮށް ދިވެހި ރައްޔިތުން އެކަންކަން ބަލައިގެންފިކަން ހާމަވެގެންދިޔަ ކަމެއްކަމަށެވެ.
އަދި އިދިކޮޅުން ވާދަކުރި އެމްޑީޕީއަށް ލިބުނީ 258،050 ވޯޓުކަމަށާއި، އެއީ ވޯޓުގެ ނިސްބަތުން ޖުމްލަ 39.9 އިންސައްތަކަމަށް ވިދާޅުވިއެވެ. އަދި އެކަމުން ބުނެދިނީ އެ ޕާޓީއަށް ތަޢީދު ނެތްކަންކަމަށް ވެސް ފާހަގަކުރެއްވިއެވެ.
ދިވެހި ލޮބުވެތި ރައްޔިތުންގެ ތާއީދު އޮތީ އަޅުގަނޑުމެންގެ ޕާޓީއަށް، މި ޕާޓީގެ ސިޔާސަތަށް.
މެންބަރު ޝުޖާއު ވިދާޅުވިއެވެ.
މީގެއިތުރުން އެ މަނިކުފާނު ބަދަލުގެންނަވަން ބޭނުންފުޅުވާ ސިޔާސަތެއް ނުވަތަ ޤާނޫނަށް ބަދަލެއް ގެންނަވަން ބޭނުންފުޅުވެލައްވާނަމަ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން 24 ގަޑިއިރު ނުނިދާ ތިބެ އެ ބަދަލެއް ރައްޔިތުންނަށް ގެނަސްދޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.