ވިޔަފާރި / ޚަބަރު
އޭޝިއާގެ ގިނަ ޤައުމުތަކެއްގެ ބައިވެރިވުމާއެކު މިއަހަރުގެ "ބިލްޑް އެކްސްޕޯ" ފަށައިފި
އެކްސްޕޯގެ ތެރެއިން/ފޮޓޯ: ވުޒާރާ
އޭޝިއާގެ ގިނަ ޤައުމުތަކެއްގެ ބައިވެރިވުމާއެކު މިއަހަރުގެ "ބިލްޑް އެކްސްޕޯ" ރަސްމީކޮށް ފަށައިފި އެވެ.
މިއީ މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން އިންތިޒާމު ކޮށްގެން ކުރިއަށްގެންދާ ޚާއްޞަ އެކްސްޕޯއެކެވެ.
މި އެކްސްޕޯ ރަސްމީކޮށް ހުޅުވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، އެކްސްޕޯ ޝަރަފްވެރިކޮށްދެއްވައި ހުޅުވައިދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ވަޒީރު މުޙައްމަދު ސަޢީދުއެވެ. މިހިނގާ އޭޕްރީލް މަހުގެ 16 ވަނަ ދުވަހުން ފެށިގެން އޭޕްރިލް 19 ވަނަ ދުވަހުގެ ނިޔަލަށް އޮންނަ މި އެކްސްޕޯ ކުރިއަށް ދަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
Minister @em_saeed inaugurated Build Expo 2026 today at Hulhumalé Central Park, bringing together local and international innovators to highlight the future of construction in the Maldives.
— Ministry of Economic Development,Transport & Trade (@MoEDmv) April 16, 2026
Organised annually by @MNACI_Maldives, this year’s exhibition runs from April 16–19,… pic.twitter.com/zt6xiRkRnm
ބިލްޑް އެކްސްޕޯއާ ގުޅިގެން މަޢުލޫމާތު ދެއްވަމުން މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީއިން ބުނި ގޮތުގައި މިފަހަރުގެ އެކްސްޕޯ ތަފާތު ވަނީ ރާއްޖޭގެ އިތުރުން އޭޝިއާގެ އިތުރު ޤައުމުތަކަކުން ވެސް މި އެކްސްޕޯގައި ބައިވެރިވާތީއެވެ. އެގޮތުން، މިއަހަރުގެ އެކްސްޕޯގައި ސްރީލަންކާ، ތައިލޭންޑް، އިންޑިއާ އަދި ޗައިނާ ފަދަ ބޮޑެތި ޤައުމުތަކުން ވެސް ބައިވެރިވެފައިވާކަން މަސީއިން ފާހަގަކުރިއެވެ.
މި އެކްސްޕޯ، ކޮންމެ ދުވަހެއްގެ ވެސް ހަވީރު 16:00 އިން ފެށިގެން ރޭގަނޑު 22:00 އާއި ހަމައަށް ކުރިއަށްދާނެއެވެ.