ޚަބަރު
"ހަނގުރާމަތަކާއި ތަފާތުކުރުންތަކުން އުފެދިފައިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމުގައި ޤާނޫނު ހަދާ މަޖިލިސްތަކުގެ ޒިންމާ ބޮޑު"
ތަޤްރީރުކުރެއްވުން/ފޮޓޯ: މަޖިލިސް
ދުނިޔެއަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާއި، ހަނގުރާމަތަކާއި އަދި ތަފާތުކުރުންތަކުން އުފެދިފައިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމުގައި ޤާނޫނު ހަދާ މަޖިލިސްތަކުގެ ޒިންމާ ބޮޑުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ މިފަދައިން ވިދާޅުވެފައިވަނީ، މިހާރު ތުރުކީވިލާތުގެ އިސްތަންބުލްގައި ކުރިއަށްދާ އިންޓަރ-ޕާލަމެންޓަރީ ޔޫނިއަން (އައި.ޕީ.ޔޫ.) ގެ 152 ވަނަ އެސެމްބްލީގައި ތަޤުރީރުކުރައްވަމުންނެވެ. އައި.ޕީ.ޔޫގެ މިއަހަރުގެ އެސެމްބްލީގެ މައުޟޫޢަކީ، "އަންނަން އޮތް ޖީލުތަކަށްޓަކައި، އުންމީދު އާލާކޮށް، ސުލްޙަމަސަލަސްކަން ޤާއިމުކޮށް، އަދި އިންސާފު ކަށަވަރުކޮށްދިނުން" މިއެވެ.
އެމަނިކުފާނުގެ ތަޤްރީރުގައި، ތަޢުލީމާއި، ޞިއްޙީ ޚިދުމަތާއި، ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ އިތުރުން، ގޮތް ނިންމުމުގެ މަރުޙަލާތަކުގައި ޝާމިލުކުރުމުގެ ތެރެއިން، ރައްޔިތުން، ޚާއްޞަކޮށް ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުވުމުގެ ބޭނުންތެރިކަން ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންގެ އުންމީދުތައް ނަތީޖާ ނެރެވޭފަދަ ޤާނޫނުތަކާއި، ސިޔާސަތުތަކާއި، އަދި ބަޖެޓުތަކަށް ބަދަލުކުރުމުގައި ޤާނޫނު ހަދާ މަޖިލިސްތަކުން މުހިންމު ދައުރެއް އަދާކުރާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަމަ އެއާއެކު، ޞުލްޙައާއި، މަޝްވަރާއާއި، އަދި ބައިނަލްއަޤްވާމީ އެއްބާރުލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުންތައް ވަރުގަދަކުރުމާއި ދުނިޔޭގެ ހަމަޖެހުން ޤާއިމުކުރުމުގައި ޤާނޫނު ހަދާ މަޖިލިސްތަކުގެ މެދުގައި އޮންނަ ބައިނަލްއަޤްވާމީ ގުޅުންތަކުގެ މުހިންމު ދައުރުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި ސަލާމަތީ ކަންކަމާ ހުރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ޚާއްޞަކޮށް ދިވެހިރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރާ ނޭދެވޭ އަސަރުތައް ފާހަގަކުރެއްވިއެވެ.
އެގޮތުން، މޫސުމީ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރެއްގައި މަސައްކަތްތަކެއް ކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާބޮޑު ޤައުމުތަކަށް ފޯރުކޮށްދޭ އެހީތެރިކަން އިތުރުކުރުމަށް ވެސް އެމަނިކުފާނު ގޮވާލެއްވިއެވެ. ހަމަ އެއާއެކު، އިންޞާފު ޤާއިމުކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި މުސްތަޤްބަލެއް ކަށަވަރުކޮށްދިނުމަށްޓަކައި، ވަރުގަދަ ދީމިޤްރާޠީ މުއައްސަސާތަކެއް ހުރުމާއި، ޒިންމާދާރުވެރިން ޤާއިމުކުރުމާއި، އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރުމުގެ އިތުރުން ޤާނޫނުގެ ސިޔާދަތު ދެމެހެއްޓުމުގެ މުހިންމުކަން މަޖިލީހުގެ ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

މީގެ އިތުރުން، ދީމިޤްރާޠީ ނިޒާމު ހަރުދަނާކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވަމުން، ޤާނޫނު ހެދުމުގެ މަރުޙަލާގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށާއި މަޖިލީހުގެ މަސައްކަތްތަކަށް ރައްޔިތުންނަށް ފަސޭހައިން ވާޞިލުވެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ތަޢާރަފުކުރެވުނު 'އީ-ޕެޓިޝަން' ނިޒާމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. އަދި ޤާނޫނު ހަދާ މަޖިލިސްތަކުގެ މެދުގައި މަޝްވަރާކޮށް ގުޅިގެން މަސައްކަތްކުރުމަށް އޮތް މުހިންމު މަންސައެއްގެ ގޮތުގައި އައި.ޕީ.ޔޫގެ މުހިންމު ދައުރަށް އަލިއަޅުއްވާލައްވައި، ބައިނަލްއަޤްވާމީ ފެންވަރުގައި، ޤައުމުތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމަށް ގޮވާލެއްވިއެވެ.
ހަމަ އެހެންމެ، މެދުއިރުމަތީގައި އިތުރުވަމުންދާ ހަމަނުޖެހުންތަކާމެދު ކަންބޮޑުވުން ފާޅުކުރައްވައި، ޙަމަލާތައް ހުއްޓާލުމަށް ކުރެވޭ މަސައްކަތްތަކަށް އިޙްތިރާމްކުރުމަށާއި، ހިނގަމުންދާ ހަމަނުޖެހުންތަކަށް ޞުލްޙަވެރި ޙައްލެއް ހޯދުމަށްވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.
އެމަނިކުފާނުގެ ތަޤްރީރު ނިންމަވާލެއްވީ، ޞުލްޙަވެރި، އިންޞާފުވެރި، އަދި އުންމީދީ މުސްތަޤްބަލެއް ބިނާކުރުމަށްޓަކައި ބައިނަލްއަޤްވާމީ މުޖުތަމަޢާއެކު މަސައްކަތްކުރުމުގައި ދިވެހިރާއްޖެއިން ދެމިއޮންނާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.