ޚަބަރު
އައްޑޫއިން ސީދާ ޖިއްދާއަށް އުމްރާ ދަތުރުތައް ފަށަނީ
މޯލްޑިވިއަނުން ކުރިން ކުރި އުމްރާ ދަަތުރަށް ރާއްޖެއިން މީހުން ފުރަނީ ފޮޓޯ: މޯލްޑިވިއަން
ދިވެހިރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، މާލެ ފިޔަވައި އެހެން ސަރަޙައްދަކުން ސީދާ ސައޫދީ އަރަބިއްޔާއަށް އުމްރާ ދަތުރުތައް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މި ތާރީޚީ ނިންމުން ނިންމާފައިވަނީ އުމްރާއަށް މީހުން ގެންގޮސްދޭ މަޝްހޫރު އެޖެންސީއެއް ކަމަށްވާ "ދި ޓްރެވެލާސް" އިންނެވެ.
އެ އެޖެންސީން މަޢުލޫމާތު ދޭ ގޮތުގައި، މި ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ޤައުމީ އެއާލައިން "މޯލްޑިވިއަން" އާ ގުޅިގެންނެވެ. މި ދަތުރުތައް ފެށުމުން، އުމްރާވެރިން ފުރާނީ އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސީދާ ސައޫދީ އަރަބިއްޔާގެ ޖިއްދާ އަށެވެ. މިއީ ރާއްޖޭގެ އަތޮޅުތެރޭގެ އިންޓަނޭޝަނަލް އެއާޕޯޓަކުން އުމްރާވެރިން ފުރާ ފުރަތަމަ ފަހަރަށް ވެގެންދާނެއެވެ.
މިހާތަނަށް ރާއްޖެއިން އުމްރާއަށް ދާން ބޭނުންވާ ހުރިހާ ފަރާތްތަކުން ވެސް ފުރަން ޖެހެނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިންނެވެ. ނަމަވެސް، "ދި ޓްރެވެލާސް" އިން މި ގެނައި ބަދަލާއެކު، ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

އެ އެޖެންސީން ބުނި ގޮތުގައި، މި ދަތުރުގެ ސަބަބުން ދަތުރުކުރަންޖެހޭ މަގު ކުރުވެ، ވަގުތު ސަލާމަތްވެގެންދާނެއެވެ. އަދި މައްކާއިން މަދީނާއަށް ދާން އޮންނަ މަގު ވެސް މި ބަދަލާއެކު ގާތްވެގެންދާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ. މި ދަތުރުގެ ބުކިންތަކަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް އެ އެޖެންސީން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އިޢުލާނުކޮށްފައެވެ.
ރާއްޖެއިން އުމްރާއަށް ދާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު، އަތޮޅުތެރޭގެ އެއާޕޯޓަކުން މިފަދަ ދަތުރުތައް ފެށުމަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު އުފަލެކެވެ. ޚާއްޞަކޮށް އައްޑޫ ސިޓީގެ އިތުރުން، ފުވައްމުލައް ސިޓީއާއި ހުވަދު އަތޮޅުގެ ރައްޔިތުންނަށް، މާލެ ނުގޮސް އުމްރާގެ މާތް އަޅުކަމަށް ފުރޭނެ މަގު ފަހިވުމަކީ ދަތުރުގެ ޚަރަދާއި ވަގުތު ސަލާމަތްވާނެ ކަމެކެވެ.