Ads by Farudhun

ޚަބަރު

ވިއްސަކަށް މީހުން މަގުމައްޗަށް ނިކުމެ، ސަރުކާރު ވައްޓާލަން އުޅުނަސް އެކަން ކާމިޔާބެއް ނުވާނެ: ފަލާހު

ވިއްސަކަށް މީހުން މަގުމައްޗަށް ނިކުމެ، ސަރުކާރު ވައްޓާލަން އުޅުނަސް އެކަން ކާމިޔާބެއް ނުވާނެ: ފަލާހު

އެމްޕީ ފަލާޙް/ފޮޓޯ: ޕީއެންސީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

17 އޭޕްރީލު 2026، 06:03

17 އޭޕްރީލު 2026، 06:03

އިދިކޮޅު އެމްޑީޕީގެ ވިއްސަކަށް މީހުން މަގުމައްޗަށް ނިކުމެ، މި ސަރުކާރު ވައްޓާލަން އުޅުނަސް އެކަން ކާމިޔާބު ނުވާނެކަމަށް ރައްޔިތުންގެ މަޖިލިހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ވެރިކަން ކުރާ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

މެމްބަރު ފަލާހު މިފަދައިން ވިދާޅުވީ، ނިމިިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ހއ. މުރައިދޫ އިން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް ޕީއެންސީގެ ހަރުގޭގައި ރޭ އޮތް ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އެމްޑީޕީއަކީ މި ޤައުމުގެ އިޤްތިޞާދު ފުނޑާލައި ރާއްޖެ ބަނގުރޫޓުކޮށްލި ބައެއްކަން ފާހަގަކުރައްވަމުން ފަލާހް  ވިދާޅުވީ، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) ގައި 200 މިލިއަން ޑޮލަރު ހުއްޓައި، އެމްޑީޕީން ވެރިކަމުން ފައިބައިގެން ދިޔައިރު، އެ ފަންޑުގައި ހުރީ އެންމެ ދެ މިލިއަން ޑޮލަރު ކަމަށެވެ. އަދި އަދުގެ ވެރިކަން ވައްޓާ ވާހަކަ އެމްޑީޕީން ދައްކާއިރު، އެ ޕާޓީއަކީ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދުގެ ވެރިކަން ވެސް ވައްޓާނުލެވުނު ބައެއް ކަމަށާއި، ވަހީދު ވެރިކަމުގައި އޭރު ހުންނެވީ އެކަނިމާއެކަނި، މަޖިލީހުގެ ކޮންޓްރޯލާވެސް ނުލާކަން ފަލާހް ފާހަގަކުރެއްވިއެވެ.


އުސްފަސްގަނޑުގައި ކާޅާއި ދޫންޏާއި ކޮވެއްޔަށް ގޮވީ. އަޅުގަނޑުމެން އޭރު ބިސް ވެސް ގަތީ އުސްފަސްގަނޑުން. ރައީސް ވަހީދު ވެރިކަން ވައްޓާލަންޝޯ. ރައީސް ވަހީދަކީ މަޖިލިސް މެމްބަރެއް އެމަނިކުފާނުގެ ހުންނެވި ބޭފުޅެއް ނޫން. އެމަނިކުފާނުގެ ޕާޓީއެއް މެމްބަރުން ތިއްބެވި ބޭފުޅެއް ނޫން. ހަމައެކަނި ހުންނެވި ބޭފުޅެއް. އެމަނިކުފާނުގެ ވެރިކަމާ ނުކުޅެވުނު ބަޔަކު ވެރިކަންތައް ވައްޓަން ކޮން ކަމަކާ؟ ރައީސް ނަޝީދުގެ ވެރިކަން ވެސް ބަޔަކު ވައްޓާލީކީ ނޫނޭ. އަމިއްލަފުޅަށް އެ ހިއްޕެވި އެއްޗެއް ހިއްޕަވާފައި އިސްތިއުފާ ދީފައި ވަޑައިގަތީ. މިއީ ވީ ގޮތަކީ. ބައްލަވާ ކޯނީ ރިޕޯޓު. މިއީ ބަޔަކު ހިންގި ބަޣާވާތެއް ނޫން.

މެމްބަރު ފަލާހް ވިދާޅުވިއެވެ.

މީގެ އިތުރުން، ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ޕީއެންސީ އިން 581 ގޮނޑި ކާމިޔާބުކޮށްފައިވާއިރު، އެ އިންތިޚާބުގައި އެމްޑީޕީއަށް ނެގުނީ 562 ގޮނޑި ކަމަށް ފަލާހް ވިދާޅުވިއެވެ. ހަމަ އެއާއެކު، ޕީއެންސީގެ ހިތްވަރާއި ރޫޙަކީ ޢާންމު މެމްބަރުން ރައީސް ޑރ. މުޢިއްޒަށާއި ސަރުކާރަށް ކުރާ ތާޢީދުކަން ފާހަގަކުރައްވާ ފަލާހް ވަނީ، ކައުންސިލްތަކުގެ މެމްބަރުންނާއި އަންހެނުން ކޮމިޓީގެ މެމްބަރުން ވެސް ރައްޔިތުންނާ ގުޅިގެން ތަރައްޤީއަށް މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންފައެވެ.

އިދިކޮޅު އެމްޑީޕީން 12 ޑިމާންޑެއް ފުރިހަމަ ކުރުމަށް ސަރުކާރަށް ހުށަހަޅާފައިވާއިރު، ސަރުކާރު ވައްޓާލަން ގޮވާލައި އެމްޑީޕީން ދަނީ މާލޭގައި މުޒާހަރާތަކެއް ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450