ޚަބަރު
ސަރުކާރުން ވަކި އަދަދަކަށް ސިޔާސީ މުވައްޒަފުން ވަކިކުރާކަށް ނޫޅޭ، ބަލަމުންދަނީ ޒިންމާ އަދާކުރެވޭތޯ: ތަރުޖަމާނު
ރައީސް އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން، މުޙައްމަދު ޙުސައިން ޝަރީފް ޕީއެސްއެމްއަށް ދެއްވި އިންޓަވިއުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް
ފަރުދުން
18 އޭޕްރީލު 2026، 07:07
18 އޭޕްރީލު 2026، 07:07
ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ ތެރެއިން ވަކި އަދަދަކަށް މުވައްޒިފުން ވަކިކުރަން ނޫޅޭ ކަމަށާއި، ނަމަވެސް އެ ފަރާތްތަކާ ހަވާލުކުރެވިފައިވާ ޒިންމާތައް އަދާކުރެވޭ މިންވަރު ބެލުމަށްފަހު އެ ޒިންމާތައް އަދާނުކުރެވޭ ފަރާތްތައް ވަޒީފާ ދޫކޮށްލަން ޖެހިދާނެކަމަށް ރައީސް އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން، މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.
އިސް ތަރުޖަމާނު މިފަދައިން ވިދާޅުވީ، ސަރުކާރުން 500 ސިޔާސީ މުވައްޒަފުން ވަކިކުރަން އުޅޭކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވަމުން، ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައެވެ.
އެގޮތުން ޙުސައިން ޝަރީފް ވިދާޅުވީ، މުޅި ސަރުކާރުގައި ތިބި ހުރިހާ ސިޔާސީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުހެ މަރުހަލާއެއް މިހާރު ކުރިޔަށްދާކަމަށާއި، އެއީ ސީދާ 500 ސިޔާސީ މުވައްޒަފުން ކަނޑާލަން އަޒުމުކޮށް ކުރަމުން ގެންދާ މަސައްކަތެއް ނޫން ކަމުގައެވެ. އަދި އެއީ މި އަހަރު އެކަނި ކުރިޔަށްދާކަމެށް ނޫންކަމަށާއި، މިދިޔަ އަހަރު ވެސް ސިޔާސީ މުވައްޒިފުންގެ ފެންވަރު ބެލުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބެއްލެވިކަމަށް ވިދާޅުވިއެވެ.
500 މުވައްޒިފުން ނޫނީ ވަކި އަދަދެއްގެ މުވައްޒިފުން ކަނޑާކަށް، ނޫނިއްޔާ ވަކިބަޔަކު މަދުކުރާކަށް، ނޫންނަމަ މިއީ ފައިނޭންޝިއަލް ވިސްނުމަކުން ކުރާކަމެއް ނޫނޭ. މި އެސެސްމެންޓް މިދިޔަ އަހަރު ވެސް ހެދި، އަނެއްކާ މިހާރު މި އެސެސްމެންޓް އެބަ ކުރިޔަށްދޭ.
ރައީސް އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް ވިދާވިއެވެ.
ޙުސައިން ޝަރީފް ވަނީ ސަރުކާރުގައި މަސައްކަތް ކުރަމުންދާ ސިޔާސީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މަޤުސަދުތައް ވެސް ޚިއްސާކުރައްވާފައެވެ.
އެގޮތުން ސިޔާސީ މުވައްޒިފުންނަކީ ރައްޔިތުންގެ ފައިސާއިން މުސާރަދީގެން ބައިތިއްބާފައި ތިބޭ ބަޔަކަށްވާއިރު، އެ މީހަކަށް ހަވާލުކުރެވިފައިވާ ޒިންމާތައް އަދާކުރަންޖެހޭ ފެންވަރަށް ނުވަތަ ފަންވަރަށް އެ މަސައްކަތްތައް ކުރައްވަމުންދަވާ މީހެއްތޯ، މަސައްކަތުގެ ފެންވަރު ބެލުމުގެ މަރުހަލާގެ ތެރެއިން ބަލަމުންދާކަމަށް އިސް ތަރުޖަމާނު ވިދާޅުވިއެވެ. އެހެންކަމުން މި މަސައްކަތުގެ ތެރެއިން އެ މީހާގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތުގެ ވައްޓަފާޅި އާއި މަސައްކަތުގެ އަޚުލާގު ބެލެމުންދާކަމަށެވެ.
މަސައްކަތުގެ ފެންވަރު ބެލުމަށްފަހު އެ މީހަކީ އެ މަޤާމުގައި ބަހައްޓަންޖެހޭ މީހެއްތޯ ކަނޑައަޅާނެކަމަށާއި، އެގޮތުން އެ ފަރާތްތަކާމެދު ސަރުކާރުން ތިން ގޮތަކަށް ޢަމަލުކުރަމުންދާނެކަމަށް ވެސް ޙުސެއިން ޝަރީފް ވިދާޅުވިއެވެ.
ފުރަތަމަ ގޮތަކީ، އެ މީހަކާ ހަވާލުކޮށްފައިވާ ޒިންމާ ފުރިހަމައަށް އަދާކުރާނަމަ އެ މަޤާމުގައި ބެހެއްޓުން ކަމަށެވެ. ދެވަނަ ގޮތަކީ އެ މީހެއްގެ މަސައްކަތަށް ބަލާފައި އެ ވުޒާރާ ނުވަތަ މުވައްސަސާގެ މަސައްކަތަށް އެ މީހެއްގެ ފަރާތުން ކުރިއެރުމެއް ނުލިބެންޏާ އެ މީހަކު އެ މަޤާމުން ވަކިކުރުމެވެ. އަދި ތިންވަނަ ގޮތަކީ، އެ މީހާގެ މަސައްކަތުގެ ވައްޓަފާޅި ނޫނީ ތަޖުރިބާއަށް ބެލުމަށްފަހު އެ މީހެއްގެ ބޭނުން އެއަށްވުރެ ފުރިހަމައަށް އެހެން މަސައްކަތެއް ހަވާލުކޮށްގެން ހިފޭނެކަމުގައިވާނަމަ، އެ މީހަކަށް އެންމެ އެކަށޭނަ މަސައްކަތެއް ކުރުމަށް ބަދަލުކުރެވޭނެކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. މިކަމަށް އިޝާރާތް ކުރައްވައި ޝަރީފް ވިދާޅުވީ، ސަރުކާރުގެ ތެރޭގައި އެއް ތަނުން އަނެއްތަނަށް ސިޔާސީ މުވައްޒަފުން ބަދަލުކުރަނީ އެ މަޤުސަދުގައި ކަމަށެވެ.
އެހެންކަމުން ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ ތެރެއިން ވަޒީފާ ދޫކޮށްލަން ޖެހޭނެ މީހުން ކަނޑައެޅިގެންދާނީ އެއަށްފަހުގައި ކަމަށް ވިދާޅުވިއެވެ.
އެ ޕްރޮސެސް އެއްކޮށް ނިމިގެންދާއިރު ޖުމްލަ އޮތް އަދަދަކީ ކުރީގަ އޮތް އަދަދަށް ވުރެ 100 މީހުން މަދުތޯ، 200 މީހުން މަދުތޯ، ނުވަތަ 300 ތޯ 400 ތޯ 500 ތޯ ނޫނީ 600 ތޯ، އެ އެއް ނޭންގޭނެ.
ރައީސް އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް ވިދާވިއެވެ.
އެހެންކަމުން ސަރުކާރުން އުޅެނީ ވަކިއަދަދަކަށް ސިޔާސީ މުވައްޒަފުން ވަކިކުރަން ނޫންކަމަށާއި، ނަމަވެސް މަސައްކަތްކުރަމުން ދަނީ މަޤާމުތަކުގައި ތިބީ އެންމެ އެކަށޭނަ މީހުންތޯ ބެލުންކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.