ދުނިޔެ
އިސްރާއީލުން އަލްއަޤްޞާ މިސްކިތުގެ އިމާމު ޝައިޚް އިކްރިމާ ޞަބްރީ ހުކުރު ނަމާދަށް ވަނުން ހުރަސްއަޅައިފި
އަލްއަޤްޞާ މިސްކިތުގެ އިމާމު ޝައިޚް އިކްރިމާ ޞަބްރީ
އިސްރާއީލުގެ ފުލުހުން ހުކުރު ދުވަހު އަލްއަޤްޞާ މިސްކިތުގެ ޚަޠީބު ޝައިޚް އިކްރިމާ ޞަބްރީ އެ މިސްކިތަށް ވަދެވަޑައިގަތުމަށް ހުރަސްއަޅައި، ހުކުރު ނަމާދުގައި ބައިވެރިވުމުގެ ފުރުޞަތު ނުދިނުމުން އިސްލާމީ އިދާރާތަކުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ޝައިޚް އިކްރިމާ ޞަބްރީގެ އޮފީހުގެ ތަރުޖަމާނަކު އަނަޑޯލޫ އެޖެންސީއަށް މަޢުލޫމާތު ދެއްވި ގޮތުގައި، އިސްރާއީލު ފުލުހުން އޭނާ ހުއްޓުވީ އަލް-އަސްބާތު ގޭޓު ކައިރިންނެވެ. އަދި މިސްކިތަށް ވަނުމަށް ކުރެއްވި މަސައްކަތަށް ހުރަސްއެޅިއިރު، އެކަން ކުރި އެއްވެސް ސަބަބެއް ފުލުހުން ބަޔާންކޮށްފައި ނުވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ޝައިޚްގެ ޤާނޫނީ ޓީމުން ބުނި ގޮތުގައި، މި ނިންމުމަކީ އެއްވެސް ޤާނޫނީ އަމުރެއް ނެތި ނިންމާފައިވާ ނިންމުމެކެވެ. ޝައިޚް އިކްރިމާ ޞަބްރީއަކީ އަލްއަޤްޞާ މިސްކިތުގެ އިމާމުގެ އިތުރުން ގުދުސްގެ ސުޕްރީމް އިސްލާމިކް ކައުންސިލްގެ ރައީސްވެސް މެއެވެ. އޭނާގެ އޮފީހުން ބުނި ގޮތުގައި ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އިސްރާއީލުން ދަނީ އޭނާއާ މެދު އިދާރީ ގޮތުން ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ.
ސުޕްރީމް އިސްލާމިކް ކައުންސިލުން ނެރުނު ބަޔާނެއްގައި މިކަން ސިފަކޮށްފައިވަނީ "ޤާނޫނާ ޚިލާފު ފުލުހުންގެ ބަދުއަޚްލާޤީ އަމަލެއް" ގެ ގޮތުގައެވެ. ކައުންސިލުން ބުނި ގޮތުގައި އަލްއަޤްޞާ މިސްކިތުގެ މައްޗަށް އިސްރާއީލުގެ އެއްވެސް ސިޔާދަތީ ބާރެއް ނެތް ކަމަށާއި، އެ ތަނުގެ ފުރިހަމަ ބާރު އޮންނާނީ އިސްލާމިކް ވަޤުފް އެޑްމިނިސްޓްރޭޝަނަށް ކަމަށެވެ.
ކައުންސިލުން އިތުރަށް ބުނީ އިސްރާއީލުން ގުދުސް "މިލިޓަރީ ބެރެކްސް" އެއްގެ ގޮތުގައި ބޭނުންކުރަމުންދާ ކަމަށާއި، މިއީ ފަލަސްޠީނުގެ އަޅުވެރިންނަށް އަލްއަޤްޞާ މިސްކިތަށް ވަނުމަށް ހުރަސްއެޅުމަށް ހިންގާ ސިޔާސަތުގެ ބައެއް ކަމަށެވެ. އަދި ޝައިޚް ޞަބްރީއަކީ ފަލަސްޠީނުގެ އިސްލާމީ މުހިންމު އޮތޯރިޓީއެއްކަންވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ފާއިތުވި އަހަރުތަކުގައި އިސްރާއީލުން ވަނީ ތަކުރާރުކޮށް ޝައިޚް ޞަބްރީ މިސްކިތަށް ވަނުން މަނާކޮށް، ދަތުރުފަތުރު ކުރުން ހުއްޓުވައި، އެކި ފަހަރުމަތިން ހައްޔަރުކޮށް ސުވާލުކޮށްފައެވެ. މި ހާދިސާއާ ގުޅިގެން އިސްރާއީލުން ހިފާފައިވާ ގުދުސްގެ މަޝްރަޙު ވަނީ އިތުރަށް ނުތަނަވަސްވެފައެވެ.