ދުނިޔެ

އެހެން ބައެއްގެ މަސްލަހަތު ކުރިއެރުވުމަށް ބޭނުންކުރާ އާލަތަކަށް ނުވަތަ ހަނގުރާމައިގެ މައިދާނަކަށް ލުބްނާން ނުވާނެ: ރައީސް އައޫން

އެހެން ބައެއްގެ މަސްލަހަތު ކުރިއެރުވުމަށް ބޭނުންކުރާ އާލަތަކަށް ނުވަތަ ހަނގުރާމައިގެ މައިދާނަކަށް ލުބްނާން ނުވާނެ: ރައީސް އައޫން

ލުބްނާންގެ ރައީސް ޖޯސްފް އައޫން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 އޭޕްރީލު 2026، 04:59

18 އޭޕްރީލު 2026، 04:59

ލުބްނާނަކީ ދެން އެހެން ބައެއްގެ މަސްލަހަތު ކުރިއެރުވުމަށް ބޭނުންކުރާ އާލަތަކަށް ނުވަތަ ހަނގުރާމައިގެ މައިދާނަކަށް ނުވާނެ ކަމަށް ލުބުނާނުގެ ރައީސް ޖޯސެފް އައޫން ވިދާޅުވެއްޖެއެވެ. 

ރައީސް ޖޯސްފް އައޫން މިހެން ވިދާޅުވީ އިސްރާއީލާއެކު ގާއިމުކުރި ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ގުޅިގެނެވެ. އަދި މި އެއްބަސްވުމަކީ ދާއިމީ ސުލްހައަކަށް ދިއުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ހުކުރު ދުވަހު ގައުމާ މުޚާތަބު ކުރައްވައި ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނުގައި ރައީސް އައޫން ވިދާޅުވީ، ލުބުނާނަކީ ދެން އެއްވެސް ބައެއްގެ ސިޔާސީ ކުޅިވަރެއްގެ ތެރޭގައި އޮތް ގައުމެއް ނޫން ކަމަށާއި، އެހެން ބައެއްގެ ހަނގުރާމަތައް ކުރިއަށްގެންދާ ތަނަކަށް އެގައުމު ދެން ދުވަހަކުވެސް ނުވާނެ ކަމަށެވެ.

މި ބަޔާން ދެއްވާފައިވަނީ ލުބުނާނާއި އިސްރާއީލާ ދެމެދު 10 ދުވަހުގެ މުއްދަތަށް ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވިތާ އެއް ދުވަސް ފަހުންނެވެ. މާރިޗު މަހުގެ 2 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ދެމުންދިޔަ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް 2،200 އަށްވުރެ ގިނަ މީހުން ޝަހީދުވެ، އެއް މިލިއަނަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ގެއްލި ހާލުގައި ޖެހިފައެވެ.

ރައީސް އައޫން އިތުރަށް ވިދާޅުވީ، މިހާރު މި ފެށުނީ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ މަރުހަލާއިން، ދާއިމީ އެއްބަސްވުންތަކަކަށް ދިއުމުގެ މަރުހަލާ ކަމަށެވެ. އަދި މި މަސައްކަތުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމާއި، ގައުމުގެ އެއްބައިވަންތަކަމާއި މިނިވަންކަން ދެމެހެއްޓުން ކަމަށްވެސް ވިދާޅުވިއެވެ.

ހަމަލާތައް ހުއްޓުވުމަށް އެހީތެރިވެދެއްވި ފަރާތްތަކަށް ޝުކުރު އަދާކުރައްވަމުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އަރަބި ގައުމުތަކުގެ ލީޑަރުންގެ ނަން އޭނާ ފާހަގަކުރެއްވިއެވެ. ވަކިން ހާއްސަކޮށް ސައޫދީ އަރަބިއްޔާއިން ވެދެއްވި އެހީތެރިކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ގާއިމުކުރެވޭ އެއްވެސް އެއްބަސްވުމެއްގެ ސަބަބުން ގައުމުގެ އެއްވެސް ބިމެއް ދޫކޮށްނުލާނެ ކަމަށާއި، ރައްޔިތުންގެ ހައްގަކަށް އުނިކަމެއް ނާންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ. އަދި ވާހަކަދައްކައިގެން މައްސަލަ ހައްލުކުރުމަކީ ބަލިކަށިކަމެއް ނޫން ކަމަށްވެސް އައޫން ވިދާޅުވިއެވެ.

މި އެއްބަސްވުން އިއުލާނުކޮށްފައިވަނީ އެތައް އަހަރަކަށްފަހު، ލުބުނާނާއި އިސްރާއީލުން ވޮޝިންގްޓަންގައި ފުރަތަމަ ފަހަރަށް ސީދާ މަޝްވަރާތައް ބޭއްވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. ނަމަވެސް، މި މަޝްވަރާތަކާ ގުޅިގެން ލުބުނާނުގެ ބައެއް ރައްޔިތުންގެ މެދުގައި ކަންބޮޑުވުންތަކާއި ފާޑުކިއުންތައް އަމާޒުވެފައިވެއެވެ.

"އަޅުގަނޑުމެންގެ މަގްސަދު ވަރަށް ސާފެވެ، އަދި އެއީ އިއުލާނުކުރެވިފައިވާ ކަމެކެވެ. އެއީ އަޅުގަނޑުމެންގެ ބިމަށާއި ރައްޔިތުންނަށް އަމާޒުކޮށް އިސްރާއީލުން ހިންގަމުންދާ އުދުވާނުތައް ހުއްޓުވުމާއި، އިސްރާއީލުގެ ސިފައިން އަޅުގަނޑުމެންގެ ބިންތަކުން ބޭރުކުރުމެވެ. ހަމައެހެންމެ، ގައުމުގެ ހުރިހާ ސަރަހައްދެއްގައި ދައުލަތުގެ ބާރު ހިންގައި، ހައްޔަރުކޮށްފައިވާ މީހުން މިނިވަންކުރުމާއި، ހާލުގައި ޖެހިފައިވާ އާއިލާތަކަށް އެމީހުންގެ ގެދޮރަށާއި އަވަށްތަކަށް ރައްކާތެރިކަމާއި، މިނިވަންކަމާއި، އަދި އިއްޒަތްތެރިކަމާއެކު އެނބުރި ދެވޭނެ މަގު ތަނަވަސްކޮށްދިނުމެވެ،" ރައީސް ވިދާޅުވިއެވެ.

ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، އިސްރާއީލުން އަދިވެސް ދަނީ ލުބުނާނުގެ ދެކުނުގެ ބައެއް ސަރަހައްދުތައް ހިފައިގެން ތިބެ، އެ ބިންތަކަށް ވެރިވެގަނެގެންނެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައިވަނީ، ހަމަލާ ބަދަލުކުރުން ހުއްޓާލާފައިވާ މުއްދަތުގައި އެގައުމުގެ ސިފައިން އެ ސަރަހައްދުތަކުން ފޭބުމަށް ގަސްދުނުކުރާ ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450