ޚަބަރު
ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ދިވެހި ދެ އަންހެނަކު ހައްޔަރުކޮށްފި
މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދެ އަންހެނުން---
ފަރުދުން
19 އޭޕްރީލު 2026، 09:56
19 އޭޕްރީލު 2026، 09:56
ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ވައިގެ މަގުން ދިވެހިރާއްޖެއަށް އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ދިވެހި ދެ އަންހެނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގ. މުތީގެއާގެ އުމުރުން 25 އަހަރުގެ ޢަލްޔާ ޝަރްސާ ނަޞީރު އާއި ކ. ތުލުސްދޫ ބިޖިލީއުފާ، އުމުރުން 29 އަހަރުގެ އާމިނަތު ރޫނާއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، މި ދެ މީހުންގެ މައްޗަށް، މަސްތުވާތަކެތި އެތެރެކޮށް ވިއްކައި ވިޔަފާރިކުރުމުގެ ތުހުމަތު ވެސް ކުރެވެއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި ދެމީހުންގެ ތެރެއިން ޢަލްޔާ ޝަރްސާ ނަޞީރު ހައްޔަރުކޮށްފައި ވަނީ މި މަހުގެ 17ވަނަ ދުވަހުގެ ރޭ ކަސްޓަމްސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށާއި، އާމިނަތު ރޫނާ ހައްޔަރުކޮށްފައި ވަނީ މި މައްސަލައާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި އެޕްރީލް މަހުގެ 17ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންގައި ހުޅުމާލެއިންނެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ކުރާ މަސައްކަތުގައި ފުލުހުންނާއި ކަސްޓަމްސްގެ އިތުރުން ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.