ދުނިޔެ
ޔަމަނުގެ ފައިސާގެ އަގު ހިފެހެއްޓުނު ނަމަވެސް، ނަގުދު ފައިސާގެ ދަތިކަން އިންތިހާއަށް ބޮޑުވެއްޖެ
ހަނގުރާމައިގެ ސަބަބުން ޔަމަނުގެ ނަގުދު ފައިސާގެ ދަތިކަން ބޮޑުވެއްޖެ
ޔަމަނުގެ ސަރުކާރުން އެގައުމުގެ ފައިސާ ކަމަށްވާ ރިޔާލްގެ އަގު ވެއްޓުން ހުއްޓުވުމަށް އެޅި ފިޔަވަޅުތަކާއެކު ފައިސާގެ އަގު ހަމައަކަށް އެޅުނު ނަމަވެސް، މުޅި ގައުމަށް ނަގުދު ފައިސާގެ ތަދުމަޑުކަން ކުރިމަތިވެއްޖެއެވެ.
ސަރުކާރުގެ ކޮންޓްރޯލް އޮންނަ ސިޓީތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މިހާރު ވަނީ ޔަމަނީ ރިޔާލް ލިބުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.
ޔަމަނުގެ ސަރުކާރުން ހިންގާ މަރުކަޒީ ބޭންކުން ވަނީ ގަވާއިދާ ހިލާފަށް ފައިސާ މާރުކުރާ ތަންތަން ބަންދުކޮށް، ރެމިޓެންސް ފޮނުވުމުގެ ނިޒާމު ހަރުދަނާކޮށްފައެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ކުރިން އެމެރިކާ ޑޮލަރަކަށް 2,900 ރިޔާލްގައި ހުރި ރޭޓް މިހާރު ވަނީ 1,500 ރިޔާލަށް ތިރިކުރެވިފައެވެ. ނަމަވެސް، މި ކުރިއެރުމާއެކު ބާޒާރުން ނަގުދު ފައިސާ ހުސްވުމުގެ ސަބަބުން އާންމުންގެ ޝަކުވާތައް ވަނީ އިތުރުވެފައެވެ.
އަދަނާއި، ތާއިޒް އަދި މުކައްލާ ފަދަ ސިޓީތަކުގެ ރައްޔިތުން ބުނާ ގޮތުގައި ބޭންކުތަކާއި ފައިސާ މާރުކުރާ ތަންތަނުން ބޭރު ފައިސާ މާރުކޮށްދޭން މިހާރު ދެކޮޅު ހަދައެވެ. ބައެއް ތަންތަނުން ދުވާލަކު މާރުކޮށްދެނީ އެންމެ 50 ސައުދީ ރިޔާލެވެ. "އަހަރެން އެއް ތަނުން އަނެއް ތަނަށް ދާއިރުވެސް 50 ރިޔާލަށް ވުރެ ގިނައިން މާރުކޮށްދޭނެ ތަނެއް ނުވޭ. މިއީ ވަގުތާއި މަސައްކަތް ބޭކާރުވުން، އެހެންވެ ފިހާރަ ބަންދުކުރަން ޖެހިއްޖެ،" މުކައްލާގައި ކުޑަ ފިހާރައެއް ހިންގާ މުހައްމަދު އުމަރު ބުންޏެވެ.
މި މައްސަލައިގެ ސަބަބުން ވިޔަފާރިތައް ހުއްޓުމަކަށް އައިސް، ކަޅު ބާޒާރުގައި ނުއަގުގައި ފައިސާ މާރުކުރާ މައްސަލަ ވަނީ ފެންމަތިވެފައެވެ. ޔަމަނުގެ ދިހަ އަހަރަށް ވުރެ ގިނަ ދުވަސްވީ ދާހިލީ ހަނގުރާމައިގެ ސަބަބުން އިގްތިސާދު ވަނީ ބޮޑު އަނދަވަޅަކަށް ވެއްޓިފައެވެ. ހަނގުރާމަވެރި ދެ ފަރާތުން އެކަކު އަނެކެއްގެ އާމްދަނީ ލިބޭ މަގުތައް ބަންދުކުރުމުގެ ސަބަބުން، މުވައްޒަފުންނަށް މުސާރަ ދިނުމާއި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ވަނީ ދަތިވެފައެވެ.
މަރުކަޒީ ބޭންކުން ބޭއްވި ބޯޑު ބައްދަލުވުމެއްގައި ބުނެފައިވަނީ، ފައިސާގެ ތަދުގެ މައްސަލަ ހައްލުކުރުމަށް ކުރު އަދި ދިގު ރާސްތާގެ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. ނަމަވެސް، މިހާރުވެސް ސަރުކާރު މުވައްޒަފުންނަށް މުސާރަ ދެނީ ކުދި ނޫޓުތަކުން (100 ރިޔާލްގެ ނޫޓުން) ކަމަށްވާތީ، މުސާރަ ގެންދިއުމަށް ބޮޑެތި ކޮތަޅުތަކާއި ދަބަސް ބޭނުންކުރަން ޖެހޭ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.