ދުނިޔެ
ތާއިޒްގައި ހޫޘީން ދިން ވަރުގަދަ ހަމަލާތަކެއް ޔަމަނުގެ ސަރުކާރު ސިފައިން ނާކާމިޔާބުކޮށްލައިފި
ޔަމަނުގެ މައްރިބް ކޭމްޕް. ފޮޓޯ:އޭއެފްޕީ
ޔަމަނުގެ ހުޅަނގު ދެކުނުގައިވާ ތާއިޒް ގަވަރުނަރޭޓުގެ އެކި ސަރަހައްދުތަކުގައި ހޫޘީ ހަނގުރާމަވެރިން ދެމުންދިޔަ ވަރުގަދަ ހަމަލާތަކެއް ސަރުކާރަށް ތާއީދުކުރާ ފައުޖުތަކުން ނާކާމިޔާބުކޮށްލައިފި ކަމަށް އެ ފައުޖުތަކުން ހާމަކޮށްފިއެވެ.
މި ހަމަނުޖެހުންތައް ހިނގަމުން މިދަނީ އެ ޤައުމުގައި ހަނގުރާމަ ވަރަށް ބޮޑަށް ވަރުގަދަވެފައިވާ ދަނޑިވަޅެއްގައެވެ.
ސައޫދީ އަރަބިއްޔާއިން އެއްބާރުލުންދޭ ސަރުކާރުގެ ފައުޖުތަކުގެ ތަރުޖަމާނު ކާނަލް މަޖިދު އަލް-ނުޒައިލީ ބުރާސްފަތި ދުވަހު ވިދާޅުވީ، އީރާނާ ގުޅުން އޮންނަ ހޫޘީން ބުދަ ދުވަހުގެ ރޭ ރޭވުންތެރިކަމާއެކު ހަމަލާތަކެއް ދޭން ފެށީ އަދަން، ލަހްޖު އަދި ތާއިޒް ގުޅުވައިދޭ މައި މަގުގެ ކޮންޓްރޯލް ހޯދުމުގެ ބޭނުމުގައެވެ. ނަމަވެސް ސަރުކާރު ސިފައިން ވަނީ އެ ހަމަލާތައް ދިފާއުކޮށް، ހޫޘީންގެ އެތައް ހަނގުރާމަވެރިންނެއް މަރާލައި އަދި ޒަޚަމްކޮށްލާފައި ކަމަށް އޭނާ ވިދާޅުވިއެވެ. މިކަމާ ގުޅޭގޮތުން ހޫޘީންގެ ފަރާތުން އަދި އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.
ހޫޘީން ދަނީ ޔަމަނުގެ ހުޅަނގު ދެކުނުގެ މުހިންމު އުސްފަސްގަނޑުތައް، ޚާއްސަކޮށް ތާއިޒް އަދި ލަހްޖު ގަވަރުނަރޭޓުގައިވާ ކަހްބޫބް ފަރުބަދަތަކުގެ ކޮންޓްރޯލް ހޯދުމަށް ސަރުކާރު ސިފައިންނާ ދެކޮޅަށް ހަނގުރާމަކުރަމުންނެވެ. މި ފަރުބަދަތަކަކީ ބާބުލް މަންދަބު ކަނޑުއޮޅިއާއި ރަތްކަނޑުގައިވާ މަޔޫން ރަށަށް ފާރަލެވޭ ފަދަ ސްޓްރެޓީޖިކް ސަރަހައްދެކެވެ. މީގެ އިތުރުން ހޫޘީން މި މަހު ވަނީ މޮޗާ ބަނދަރު ސިޓީއާއި ރަތްކަނޑުގެ އައްސޭރިފަށުގެ ކޮންޓްރޯލްވެސް ހޯދާފައެވެ.
އަނެއްކޮޅުން، ސައޫދީ ސިފައިން ހުދައިދާ، ތާއިޒް، އަލް-ބައިދާ، މާރިބް އަދި ސާދާ ގަވަރުނަރޭޓުތަކަށް 52 ވައިގެ އަދި މިސައިލް ހަމަލާ ދީފައިވާ ކަމަށާއި، މި ހަމަލާތަކުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން މީހުން މަރުވެ އަދި ޒަޚަމްވެފައިވާ ކަމަށް ހޫޘީން ވަނީ ބުދަ ދުވަހު ބުނެފައެވެ. އަދި ފަހުގެ ހަމަނުޖެހުންތައް ފެށުނު ފަހުން ސައޫދީން 988 ހަމަލާ ދީފައިވާ ކަމަށް ހޫޘީން ދައުވާކުރި ނަމަވެސް، ސައޫދީ އަރަބިއްޔާއިން މިކަމަށް އެއްވެސް ރައްދެއް ދީފައެއް ނުވެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން މި ހަފުތާގައި ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އޮގަސްޓް 6 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 674 މީހުން މަރުވެ، ގާތްގަނޑަކަށް 3،000 މީހުން ވަނީ ޒަޚަމްވެފައެވެ. މީގެ އިތުރުން 158،000 އަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ހިޖުރަކުރަން ޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އަލްޖަޒީރާގެ ޔަމަން ކަންކަމާ ބެހޭ އެޑިޓަރު އަހުމަދު އަލް-ޝަލްފީ ވިދާޅުވީ، "ހޫޘީން ބޭނުންވަނީ ހުޅަނގު އައްސޭރީގެ މޮޗާ އާއި ބާބުލް މަންދަބުން ހޯދި ކާމިޔާބީތައް ދަމަހައްޓަން. އަދި ސަރުކާރު ސިފައިން ބޭނުންވަނީ އެ ސަރަހައްދުތަކުން އެމީހުން ބޭރުކުރަން ނުވަތަ އުސް ސަރަހައްދުތައް ދިފާއުކުރަން،" ކަމަށެވެ. އެހެންކަމުން މި ހަނގުރާމަ އަދިވެސް ދިގުދެމިގެން ހިނގައިދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.