ދުނިޔެ
އޯޕަންއޭއައި އިން އޮސްޓްރޭލިއާގެ މެޑިކެއާ ޕޯޓަލް ހެކްކޮށްފި
އޮސްޓްރޭލިއާގެ މެޑިކެއާ މޯޓަލް.
އޮސްޓްރޭލިއާގެ ރައްޔިތުންގެ ސިއްހީ މައުލޫމާތުތައް ހިމެނޭ ސަރުކާރުގެ މެޑިކެއާ ޕޯޓަލްގެ ސެކިއުރިޓީ ފޫއަޅުވާލައި އޭއައި (އާޓިފިޝަލް އިންޓެލިޖެންސް) އޭޖެންޓަކު ވަދެފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް ހާމަކުރައްވައިފިއެވެ.
މިކަން ހާމަކުރައްވާފައި މިވަނީ އޭއައި ކޮންޓްރޯލް ކުރުމަށް ބައިނަލްއަގުވާމީ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާ ގަރާރެއްގައި އެމަނިކުފާނު ސޮއިކުރެއްވިތާ އެއް ދުވަސްވެސް ނުވަނީހެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން އަލްބަނީޒް ވިދާޅުވީ އޯޕަންއޭއައި އިން ތަރައްގީކޮށްފައިވާ އޭޖެންޓެއް މިދިޔަ ޖޫން މަހުގެ ތެރޭގައި މެޑިކެއާ ޕޯޓަލްގެ އާންމު އަދި ސިއްރު މައުލޫމާތުތަކަށް ވާސިލުވެފައިވާ ކަމަށެވެ. މި މައްސަލައިގައި އޯޕަންއޭއައިގެ ސީއީއޯ ސޭމް އޯލްޓްމަންއާ ވާހަކަދައްކަވައި ކަންބޮޑުވުން ފާޅުކުރެއްވި ކަމަށާއި، މި ހާދިސާ ހިނގިތާ ތިން މަސް ފަހުން އެ ކުންފުނިން އެކަން އެއްބަސްވުމުން މާޔޫސްކަން ފާޅުކުރެއްވި ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވިއެވެ.
މިކަމާ ގުޅިގެން އޯޕަންއޭއައި އިން ބުނެފައިވަނީ އަދިވެސް ތަހުގީގު ކުރިއަށްދާ ކަމަށާއި، ނަމަވެސް ބަލިމީހުންގެ ރެކޯޑުތަކަށް އެ އޭޖެންޓު ވަދެފައިވާ ކަމުގެ ހެއްކެއް ފެނިފައިނުވާ ކަމަށެވެ. އެ ކުންފުނިން އިތުރަށް ބުނީ ސުވާލުތަކަށް ޖަވާބު ހޯދުމަށް އޭއައި މޮޑެލްތަކުން ކުރި މަސައްކަތުގެ ތެރޭގައި އޮސްޓްރޭލިއާ ސަރުކާރުގެ ބައެއް ވެބްސައިޓުތަކަށް ވަދެވިފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމެއްގައި އޭއައި ދާއިރާގެ އިސް ފަރާތްތަކުންނާއި ދުނިޔޭގެ ލީޑަރުން ވަނީ މި ޓެކްނޮލޮޖީގެ ނުރައްކާތަކާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. 'ގޯޑްފާދާ އޮފް އޭއައި' ގެ ގޮތުގައި މަޝްހޫރު ޔޯޝުއާ ބެންޖިއޯ ވަނީ އޭއައިގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކަކީ ވަގުތުން ފިޔަވަޅު އަޅަންޖެހޭ ކަންކަން ކަމަށް ވިދާޅުވެފައެވެ.
އަދި ޗައިނާ، އިނގިރޭސިވިލާތް، އަދި ފްރާންސް ފަދަ ގައުމުތަކުން އޭއައި ކޮންޓްރޯލް ކުރުމަށް ބައިނަލްއަގުވާމީ އުސޫލުތަކެއް އެކުލަވާލުމަށް ބާރުއަޅަމުންދާއިރު، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިފަދަ ގަވާއިދުތަކުގެ ސަބަބުން ކުރިއެރުމަށް ހުރަސްއެޅިގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ.