ކުޅިވަރު
މެންޗެސްޓަރ ސިޓީއިން އާސެނަލް ބަލިކޮށް އެ ޓީމުގެ ބާރު ކަނޑުވާލައިފި
މެންޗެސްޓަރ ސިޓީއިން އާށެނަލްގެ ގޯލަށް ބޯޅަ ފޮނުވާލަނީ---
އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ސިޓީއިން ލީގުގެ އެއްވަނައިގައި އޮތް އާސެނަލް ބަލިކޮށް، އެ ޓީމުގެ އަމިއްލަ ބާރުގެ ދަށަށް ލީގު ތާވަލު ގެނެސް،އަނބުރާ ލީގު އެއްވަނައަށް އެރުމަށް ތައްޔާރުވެއްޖެއެވެ.
މެންޓެސްޓަރ ސިޓީއިން އާސެނަލްގެ ބާރު ކަނޑުވާލީ، އާދީއްތަ ދުވަހުގެރޭ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗު 2-1އިން ކާމިޔާބުކޮށްގެންނެވެ. މި ނަތީޖާއާއެކު އެއް މެޗު މަދުން ކުޅެގެން މެންޗެސްޓަރ ސިޓީއަށް ލިބިފައި ވަނީ 67 ޕޮއިންޓެވެ. އަދި އާސެނަލް އޮތީ 70 ޕޮއިންޓާއި ފައިދާ 1 ގޯލާއެކުއެވެ. އެހެންކަމުން ރެލިގޭޓުވުމާ ކައިރީގައި އޮތް ބާރންލޭއާ ދެކޮޅަށް މިއަންނަ ބުދަދުވަހުގެރޭ މެންޗެސްޓަރ ސިޓީ ކުޅޭ މެޗުން ކާމިޔާބުކޮށް ލީގުގެ އެއްވަނައަށް އެރުމަށް އެ ޓީމު މިހާރު މިވަނީ ތައްޔާރުވެފައެވެ.
އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗުގައި މެންޗެސްޓަރ ސިޓީން ވަނީ 16ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. މިއީ އެ ޓީމަށް ކުޅޭ ފްރާންސްގެ ތަރި، ރްޔާން ޗާރކީ ކާމިޔާބުކުރި ގޯލެކެވެ.
މެންޗެސްޓަރ ސިޓީއަށް ލީޑުގައި އޮވެވުނީ މަދުވަގުތުކޮޅެއްގައެވެ. ޗާރކީ ގޯލު ޖެހިތާ 104 ސިކުންތު ފަހުން، އާސެނަލުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިއީ ސިޓީގެ ގޯލްކީޕަރު، ޖިއަންލުއީޖީ ޑޮނަރުންމާ ހެދި ގޯހެއްގެ ފައިދާނަގައި، ކައި ހަވާޓްޒް ކާމިޔާބުކުރި ގޯލެކެވެ.
ދެވަނަ ހާފުގައި އާސެނަލުން ވަނީ ލީޑު ނަގަން ވަރަށް މަސައްކަތްކޮށްފައެވެ. އެގޮތުން އެބެރެޗީ އެޒޭ އާއި ގަބްރިއެލް މަގާޅައެސް ފޮނުވާލި ހަމަލާތައް އަމާޒުވީ ގޯލުގެ ދަނޑިއާއެވެ. އަދި ހަވާޓްޒްގެ ނުރައްކާތެރި ހަމަލާއެއް ޑޮނަރުންމާ ދިފާއުކޮށްފައި ވެސް ވެއެވެ.
މި މެޗުން މެންޗެސްޓަރ ސިޓީ މޮޅުވި ގޯލު ޖެހީ މެޗުގެ 65 ވަނަ މިނެޓުގައި އާލިން ހާލަންޑްއެވެ. އޭރިއާތެރެއިން ލިބުނު ބޯޅަ ހަވާޓްސް ފޮނުވާލީ ގޯލުގެ ތިރީ ކަނަށެވެ.